ޖަޕާނުން މިފަހަރު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަރުގަދަ ނެދަލޭންޑްސްއާ އެއްވަރުކުރީ 2-2 އިންނެވެ. ވަރުގަދަ ނަތީޖާއެކެވެ. 2050 ވަނަ އަހަރު ވޯލްޑް ކަޕް ނެގުމުގެ ޓާގެޓަކަށް މަސައްކަތް ކުރާ ކަމަށް 2022 ގައި ބުނި ޖަޕާނުގެ މަސައްކަތް އަންނަނީ އެމަގުންކަން ދައްކުވައިދިން ނަތީޖާއެކޭ ބުނެވިދާނެއެވެ.

ގަތަރު ވޯލްޑް ކަޕުގައި ފާހަގަކޮށްލެވުނު ޖަޕާން ދަނޑުމަތިން ފެށީ އެހިސާބުންކަން ސާފެވެ. ދެން އޮތީ ކުރީންވެސް ވޯލްޑް ކަޕްތަކުގައި ޖަޕާނުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ފަރާތުންވެސް ފެނުނު އަހުލާގެވެ. ގަތަރު ވޯލްޑް ކަޕް ނިންމާލައި، ޑްރެސިން ރޫމް ސާފުކޮށްފައި ގަތަރަށް ޝުކުރުގެ ނޯޓެއް ދިނެވެ. އޭގެ އިތުރުން މިދިޔަ ދެ ވޯލްޑް ކަޕުގައިވެސް ޖަޕާން ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރާ ކުރުން އަޅައިގަތެވެ. އެކަން އަދިވެސް ފިލައިގެނެއް ނުދެއެވެ. ނުވެސް ދާނެތާއެވެ. އެއީ ޖަޕާނުގެ ކޮންމެ ރައްޔިތެއްގެ ކަށީގައިވެސް ހިފާފައި ހުންން ރީތި އަހުލާގެވެ.

ރޭގެ މެޗަށްފަހުވެސް ޖަޕާންގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމްގައި އެޓީމު ތިބި ސަރަހައްދުގައި އޮތް ހުރިހާ ކުންޏެއް ކޮތަޅު ކޮތަޅަށް އަޅައިގެން އުކާލައި، ސަރަހައްދު ސާފު ކޮށްފައެވެ. ސަޕޯޓަރުންގެ ފަރާތުން ފީފާއަށް ބުނީ އެކަން ކުރަނީ ޖަޕާނުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ ކަމަށެވެ. އޭގެ އިތުރުން މުބާރާތް ބާއްވާ ގައުމާއި ކުޅުންތެރިންނަށް އިހުތިރާމް ކުރާކަން ހާމަކޮށްދިނުމަކީވެސް އެކަމުގެ މަގުސަދެއް ކަމަށް ޖަޕާންގެ ސަޕޯޓަރުން ބުންޏެވެ.

ޖަޕާން ސަޕޯޓަރުން ބުނީ ވޯލްޑް ކަޕްގައި އެގައުމު ކުޅުމަކީ ލިބޭ ފަހުރެއް ކަމަށާއި، ޓީމަށް ތަރުހީބު ދޭން ދަނޑަށް ގޮސް، މުޅި ތަން ހަޑިކޮށް ބާއްވާފައި ދިއުމަކީ ގަބޫލުކުރެވޭނެ އުސޫލެއް ނޫން ކަމަށެވެ.

ޖަޕާނުގެ އެ ނަމޫނާގައި ހިފަން އެހެން ގައުމުތަކުން މަސައްކަތް ކުރާ މަންޒަރުވެސް މިދިޔަ ދެ ވޯލްޑް ކަޕެއްގައި ފެނުނެވެ. އެގޮތުން 2022 ވަނަ އަހަރު ސައުދީ އަރަބިއާއިން އާޖެންޓީނާ ބަލިކުރި މެޗަށްފަހު ސައުދީ ސަޕޯޓަރުންވެސް ވަނީ ގޮނޑިތަކުގެ ކައިރި ސާފުކޮށްފައެވެ. ސާފުކުރަމުން ސައުދީ ސަޕޯޓަރުން ބުނެފައި ވަނީ، ޖަޕާނު ނަމޫނާއަކަށް ބަލަނީ ކަމަށެވެ. ފުޓުބޯޅައިގެ ރީތި މަންޒަރެކެވެ.