މިފަހަރުގެ ވޯލްޑް ކަޕަކީ އެތައް ގޮތަކުން ދަނޑު ބޭރުގެ ވާހަކަތައް ގިނަ ވޯލްޑް ކަޕެކެވެ. މިއިން ޒަމާނަކު ދިމާ ނުވާކަހަލަ އެތައް ކަމެއް މިފަހަރު ވޯލްޑް ކަޕުގައި ދިމާވެއްޖެއެވެ. ދަނޑު ބޭރުންނެވެ. މިއީ 1930 ވަނަ އަހަރަށްފަހު ހޯސްޓް ގައުމެއް ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމެއްގެ ގޮތުގައި އޮވެގެން ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މި ހާލަތުގެ ކުރިން އެތައް ކަމެއް އިރާނާ ދެކޮޅަށް އެމެރިކާއިން ހިންގައިފިއެވެ. ހުސް ލާއިންސާނީ ޖަރީމާއެވެ.

އިރާނުން މާކުރިންވެސް މިފަހަރު ވޯލްޑް ކަޕްގައި ނުކުޅެން އޮތީ ނިންމައިފައެވެ. އެއީ ފެބްރުއަރީ މަސް ތެރޭގައި އެމެރިކާއާއި އިޒްރޭލް އެކުވެގެން، އެ ދެގައުމުގެ އިސް ނެގުމާއެކު އިރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އެގައުމުގެ ރޫހީ ލީޑަރު އަވަހާރަ ކޮށްލުމުގެ އިތުރުން އެތައް ކުދީންނެއް ޝަހީދުކޮށްލައި، ލާއިންސާނީ ޖަރީމާތައް ހިންގާފައިވާތީއެވެ. އިރާނުން މި މުބާރާތަށް ނުކުންނާނީ އެ ހުރިހާ ހަނދާންތަކާ އެކުގައެވެ. ވޯލްޑް ކަޕަށް ދިޔައީ ޖެކެޓުގައި ހާއްސަ ނިޝާނެއްވެސް ހަރުކޮށްގެންނެވެ. އެއީ އެމެރިކާއާއި އިޒްރޭލް އިސްވެ، ސްކޫލަކަށް ދިން ހަމަލާގައި ޝަހީދުކޮށްލި، 120 ކުދިންގެ ހަނދާނުގައެވެ.

އެމެރިކާގެ ބައިވެރިވުމާއެކު ހިންގި އެ ޖަރީމާތައް ވޯލްޑް ކަޕުން ފަސް އަޅައި ފޮރުވާލަން މަސައްކަތް ކުރި އިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް މުބާރާތުގެ ކުރީން އުޅުއްވަން ޖެހުނީ މައްސަލަ ހައްލުކުރުމުގައެވެ.

އިރާން ކުޅުންތެރިން ތުރުކީއަށް ދިޔުމުގެ ކުރިން އެގައުމުގައި ބޭއްވި ހާއްސަ ބޮޑު އިވެންޓްގެ ތެރެއިން ----

އެމެރިކާއަށް ކީ ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގައެވެ. އެ މަސައްކަތުގެ ތެރެއިން އިރާނަށް މި ވޯލްޑް ކަޕުގައި ކުޅެވޭނެކަން އިންފަންޓީނޯ ކަށަވަރު ކުރެއްވިއެވެ. އެހެންނަމަވެސް އެ ދަތުރަކީ އިރާނަށް ފަސޭހަ ދަތުރަކަށް ނުވިއެވެ. އެމެރިކާއިން އިރާނާމެދު ކަންތައްތައްކުރަމުން ދަނީ ޒާތީކޮށެވެ.

އެމެރިކާ ވިސާ ނުދީ އެތައް ދުވަހެއް، ކޭމްޕްވެސް ބަދަލުކުރަން ޖެހުނީ މެކްސިކޯއަށް

އިރާނުން ފުރަތަމަ އެދުނީ އެގައުމުގެ މެޗުތައް މެކްސިކޯއަށް ބަދަލު ކޮށްދިނުމަށެވެ. އެއީ ގްރޫޕް ސްޓޭޖު ހުރިހާ މެޗެއް އެމެރިކާގައި ކުޅެން ޖެހިފައި އޮތުމުންނެވެ. އޭރު އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.

އިރާނުން ވޯލްޑް ކަޕްގެ ކުރިއަށް ތުރުކީގައި ކޭމްޕެއް ކުރި ނަމަވެސް، އެގައުމުގެ ކުޅުންތެރިންނަށް ހާސްކަމުން އަރައިގަނެ، އެއްވެސް ވަރަކަށް ތައްޔާރުވާކަށް ވަގުތެއް ނުލިބުނެވެ.

ތުރުކީގައި ކޭމްޕް ކުރުމަށްފަހު ވޯލްޑް ކަޕަށް ދާ ދުވަސް ޖެހުނުއިރުވެސް އެމެރިކާއިން ވިސާއެއް ނުދިނެވެ. އެއީ އިރާނުން މެކްސިކޯއަށް ދިޔަ ސަބަބެވެ. މެކްސިކޯގެ ރައީސާ ޝެއިންބައުމް އިރާން ބަލައިގަތީ މަރުހަބާއާ އެކުގައެވެ. އެއީ ފީފާގެ ރައީސް އިންފަންޓީނޯ މުބާރާތުގެ ކުރިން ވިދާޅުވީ އެންމެނަށް މަރުހަބާ ކިޔާނެކަމުގެ ވައުދުގެވެސް މަތިންނެވެ. އެ ވައުދު ނަގަހައްޓަން އެމެރިކާއިން ކުރީ އިންކާރެވެ. ފީފާގެ ޕީސް ޕްރައިޒް ހިބަކޮށް އެރުވި ޑޮނަލްޑް ޓްރަމްޕެވެ.

ފަހުވަގުތު މެޗު ކުޅެން ދާން، ޝަރުތުތަކާއެކު އިރާން ކުޅުންތެރިންނަށް ވިސާ ދިން އިރު، އަދިވެސް ބައެއް އޮފިޝަލުންނަށް ވިސާ ދީފައެއް ނުވެއެވެ. އެވަރުން ނުވެގެން އިރާން ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ވޯލްޑް ކަޕްގެ ޓިކެޓްތައް ފަހުވަގުތު ކެންސަލް ކޮށްފައިވާ ކަމަށް އިރާން ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ. އެހެންކަމުން އިރާނުގެ ސަޕޯޓަރަކު ހަގީގަތުގައި އެމެރިކާއަށް އަރުވާފައެއް ނުވެއެވެ.

އިރާނަށް މެޗަށް ދާން ލިބެނީވެސް ކުޑަ ވަގުތުކޮޅެކެވެ. ރޭގެ ވަގުތެއްގައި އެޓީމުން ލޮސް އެންޖެލަސްއަށް ގޮސްފައިވާ އިރު، ދަނޑުން އިރާނަށް ލޯބި ފެންނާނެ ކަމަށް ބެލެވެއެވެ. މެކްސިކޯގައި ތިބި ހޮޓަލުން ނުކުމެގެން ދިޔަ އިރު، މެކްސިކޯގެ އެތައް ރައްޔިތުންނެއްވެސް ވަނީ އިރާނަށް ހިތްވަރު ދީފައެވެ. އިރާނަށް އެ ލޯބި އެތައް ބައެއްގެ ފަރާތުން އެބައޮތެވެ. އިންސާނިއްޔަތުކަމެއް ނެތި، އެމެރިކާއިން އިރާނަށް ކުރި ތުރާލަކީ އެ ލޯބި އުފެދުނު ސަބަބެވެ. އިރާނަށް މިއީ އިންސާފުން ކަންކަން ކުރަން ލިބުނު ވޯލްޑް ކަޕެއް ނޫނެވެ.

ތާރީހު ލިޔެލައި، ގްރޫޕް ފަހަނައަޅައި ދެވިދާނެ

އިރާނުގެ ކޯޗު އާމިރު ---

މީގެ ކުރިން ވޯލްޑް ކަޕްގައި އިރާނުން ވަނީ ހަ ފަހަރު ވާދަކޮށްފައެއެވެ. ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. ވޯލްޑް ކަޕްގައި ކާމިޔާބީތަކެއް ލިބިފައިނުވި ނަމަވެސް، ވޯލްޑް ކަޕްގެ ތިން މެޗަކުން ވަނީ މޮޅުވެފައެވެ. އެއީ 1998 ގެ ވޯލްޑް ކަޕްގައި އެމެރިކާ އަތުން، 2018 ގައި މޮރޮކޯ އަތުން އަދި 2022 ގައި ވޭލްސް އަތުންނެވެ.

އެންމެ ފަހުން ބޭއްވި 2022 ގެ ވޯލްޑް ކަޕަށް ބަލައިލާ އިރު، އިރާނުން ވަނީ ގަދަ 16 އަށް ވާދަކޮށްފައެވެ. އިރާންގެ އެ ހުވަފެންތަކަށް ނިމުމެއް އައިސްފައިވަނީ، ގްރޫޕުގެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން އެމެރިކާ އަތުން ބަލިވުމާ ގުޅިގެންނެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އިރާނުން ޖެހިޖެހިގެން ވާދަކުރާނެ ހަތަރުވަނަ ވޯލްޑް ކަޕެވެ.

ގްރޫޕް ސްޓޭޖުން ސަލާމަތްވާން ދެކެމުން އަންނަ ހުވަފެން ނިންމަން އިރާނުން މިފަހަރު އަޒުމެއްގައި ތިބިކަން ކޯޗު، އާމިރު ގަލެނޯއީ ވަނީ މެޗުގެ ކުރިން ބުނެފައެވެ.

"އަހަރެމެންނަށް މިފަހަރު ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެވިދާނެ. އަހަރެމެން ތަޖުރިބާއާއެކު އެކަމަށް ތައްޔާރު. އަހަރެމެން ގަބޫލުކުރަން އެތައް ކަމަކާ ކުރިމަތިވި ކަމަށް. އެތައް ގޮތަކުން ދަތިވެއްޖެ. އަހަރެމެންނަށް މި މެޗަށް އާދެވުނީވެސް ކިރިޔާ. އެހެން ގޮސް ވިސާގެ ކަންކަމާއި، ބައިވަރު އެތައް ކަމެއްގައި އިރާނާ ދޭތެރޭ އަމަލުކޮށްފައި ވަނީ އިންސާނިއްޔަތާވެސް ހިލާފަށް. އެކަމަކު މި ކުޅުންތެރިން މި ވަނީ ގުރުބާނީއެއް. އެހެންވީމަ އަހަރެމެން ހިތްހަމައެއް ނުޖެހޭނެ ގްރޫޕް ސްޓޭޖު ކުޅެފައި ނިންމާލާކަށް. ތާރީހުގައި ފުރަތަމަ ފަހަރަށް ނޮކްއައުޓަށް ދާން ވިސްނާނީ،" ގަލެނޯއީ ބުންޏެވެ.

ގަލެއޯނީ ވަނީ ނުސީދާކޮށް ހަނގުރާމައިގެ ވާހަކަވެސް ދައްކައިފައެވެ. އޭނާ ބުނީ އުންމީދަކީ އެއްވެސް ތަނެއްގައި ހަނގުރާމަ ކުރެވެމުން ނުދާނެ ދުވަހެއް ފެނުން ކަމަށެވެ. ހަމަޖެހިލައިގެން ފުޓުބޯޅައިގެ އުފާވެރިކަން ލިބެން ހުރިހާ ކުޅުންތެރިންނަށްވެސް ހައްގު ކަމަށް ގަލެއޯނީ ބުންޏެވެ.

އިރާނުން ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު 6:00 ގައި ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ.