ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އީރާނާއި، ގަތަރު އަދި ކޮމަންވެލްތާ ގުޅުން ކަނޑާލުމަށް ނިންމި ނިންމުމަކީ ވަކި ގައުމެއްގެ ބޭނުމަށް ކުރި ކަމެއްކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔާމީނަށް ފާޑު ވިދާޅުވެއްޖެއެވެ.

ދ. މީދޫ ކައުންސިލުގެ ރައީސް ހޮވުމަށް ބޭއްވި ބައި-އިލެކްޝަނުގައި ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޔާމީން ސަރުކާރުގެ ފޮރިން ޕޮލިސީ ބައްޓަން ކޮށްފައިވާ ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. ރައީސް ވިދާޅުވީ، މީގެ ކުރީގެ ސަރުކާރުތަކުގައި ކަންތައްތައް ހިނގާފައިވަނީ ވަކި ގައުމަކުން ބޭނުންވާ ގޮތަށް ކަމަށެވެ. އެގޮތުން ވަކި ގައުމަކުން ބޭނުންވުމުން އެހެން ގައުމުތަކާ ސިޔާސީ ގުޅުން ކަނޑާލައި، ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަކިވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މީގެ ކުރީގައި ވަކި ގައުމެއް ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވާ ގޮތަށް އޮތީ. މިއީ ހަގީގަތް. ބޭނުންވީމާ ގައުމުތަކާ ސިޔާސީ ގުޅުންވެސް ކަނޑާލަނީ. އިންޓަނޭޝަނަލް ޖަމާއަތްތަކުން ވަކިވެސް ވަނީ،" ރައީސް ވިދާޅުވިއެވެ.

"މިގޮތަށް މީގެ ކުރީގައި މިދިޔަ ދެތިން ސަރުކާރެއްގައި ކަންތައް ހިނގާފައި ވަނީ"

ވޭތުވެދިޔަ ތިން ސަރުކާރުގައި ވެސް ފޮރިން ޕޮލިސީ އޮތީ ވަކި ގައުމަކަށް ބަރޯސާވެފައިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޔާމީންގެ ސަރުކާރު ޗައިނާ އަދި ސައުދީ އަރަބިއްޔާއާ ގާތް ގުޅުމެއް ބޭއްވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އޮތީ އިންޑިއާއާ ގާތް ސިޔާސަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ "ދިވެހިން އިސްކުރާ ސިޔާސަތު" ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، މިހާރު މަސައްކަތް ކުރަމުންދަނީ ގައުމީ ފިކުރުގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ކަމަށެވެ.

އަދި މި ސަރުކާރުގެ ކުރިމަތީގައި އެންމެ އިސްވާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.