ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗުގެ ނަތީޖާއަކުން ޓީމަކާ ދޭތެރޭ ގޮތް ނިންމަން އަވަސްވާނެ ކަމަށާއި، ސަޕޯޓަރުން ކެތްތެރިވުމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

ބްރެޒިލުން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ރޭ މޮރޮކޯއާ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލުން އާ ކޯޗު އެންޗެލޮޓީއާއެކު އުންމީދު ހޯދަން ވޯލްޑް ކަޕަށް ނުކުތް އިރު، އެއީ އެންމެ ރަނގަޅު ފެށުން ނޫން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ހާއްސަކޮށް ޓީމުގެ ކުޅުމާ ދޭތެރޭ ގިނަ ބަޔަކު ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.

"އަހަންނަށް އެނގޭ އެއީ ޓަފް ވާނެ މެޗެއްކަން. ހާއްސަކޮށް މެޗު ފެށުނު ވަގުތު އެއީ އުނދަގޫ ވަގުތެއް. ޓީމުގެ ފަރާތުން ހާސްކަން ފެނުނު. އެކަމަކު ބަލާލަން ޖެހޭ މިއީ ވޯލްޑް ކަޕެއްގެ ފުރަތަމަ މެޗު. އެންމެ މެޗަކުން ގޮތް ނިންމާކަށް ނޭނގޭނެ. ސީދާ ބުނާކަށް ނޭނގޭނެ މުޅި ވޯލްޑް ކަޕްގައި ވާނެ ގޮތެއް،" އެންޗެލޮޓީ ބުންޏެވެ.

ބްރެޒިލް ކޮޅަށް ރޭ ފުރަތަމަ ގޯލް ޖެހީ މޮރޮކޯއިންނެވެ. އިސްމާއީލް ސައިބާރީ ޖެހި އެ ގޯލާއެކު ބަލިވާން ދަނިކޮށް، ބްރެޒިލަށް އެއްވަރުކޮށްދިނީ ވިނީޝިއަސް ޖޫނިއާއެވެ. ރޭގެ މެޗަށް ބްރެޒިލުން ނުކުތީ އަނިޔާގައި ހުރި ނޭމާ ނުލައެވެ.

"އަހަންނަށް އެނގޭ ބޭނުންވި ނަތީޖާއެއް ނޫންކަން. އަދި އެންމެ ރަނގަޅަށް ނުވެސް ކުޅެވޭކަން. އެކަމަކު ހިތް މަރާލައިގެން ނުވާނެ. ޔަގީނުންވެސް އެނގޭ މުޅި ޓީމު ގޯސް ނޫންކަން. ހުރިހާ ކަމެއް ގޯހަކުން ނުދޭ،" އެންޗެލޮޓީ ބުންޏެވެ.

ބްރެޒިލުން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗުގައި ހެއިޓީއާ ދެކޮޅަށް ނުކުންނާނީ ޖޫން 20 ވަނަ ދުވަހުއެވެ.