ނެދަލޭންޑްސްއަށް ވޯލްޑް ކަޕް ތަށްޓަކާ ހަމައަށް ދާން ރަނގަޅީ އެކަމުގެ ޕްރެޝަރު އިތުރުވުން ކަމަށް ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ނެދަލޭޑްސްއިން މީގެ ކުރިން ތިން ފަހަރަށް ވޯލްޑް ކަޕް ފައިނަލުގައި ކުޅެފައިވެއެވެ. އެއީ 1974، 1978 އަދި 2010 ވަނަ އަހަރުއެވެ. އެންމެފަހުން 2010 ވަނަ އަހަރު ފައިނަލުގައި ނެދަލޭންޑްސް ބަލިވީ ސްޕެއިން ކައިރިން 1-0 ގެ ނަތީޖާއަކުންނެވެ. އެއީ އިތުރު ވަގުތަށް ގޮސްގެންނެވެ. ނެދަލޭންޑްސްގެ އެންމެ ބޮޑު ކާމިޔާބީއަކީ 1988 ވަނަ އަހަރު ޔޫރޯ ކާމިޔާބު ކުރުމެވެ. އެ ކާމިޔާބީގެ ލިސްޓަށް ވޯލްޑް ކަޕެއް އިތުރު ކޮށްލުމަށް އެޓީމުން މިފަހަރު ނުކުންނަނީ ވެސް ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.

"އަހަރެމެން އަމިއްލައަށް ވެސް އެބަ ޕްރެޝަރު އިތުރުކުރަން. އަހަރެމެން ބޭނުންވަނީ ތަށި ނަގަން. އެކަމަށް ޓީމު ވަރުގަދައަށް ފޯކަސް ކުރާނީ އެ ޕްރެޝަރު ދީގެން. އެހެންވީމަ އެ ޕްރެޝަރު އިތުރުވުން ރަނގަޅީ،" ކޫމަން ބުންޏެވެ.

ނެދަލޭންޑްސްއިން މިފަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖު ފަށާނީ މިރޭ ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ކޫމަން ބުނީ މުޅި ވޯލްޑް ކަޕްގެ ޓާގެޓަށް އެކަނި ވިސްނައިގެން ނުވާނެ ކަމަށާއި އެހިސާބަށް ދާން މެޗަކަށްފަހު މެޗަކަށް ވިސްނަން ބޮޑަށް ފޯކަސް ކުރާނެ ކަމަށެވެ.

"އަހަރެމެން އެންމެ ފުރަތަމަ ފޯކަސް ކުރަން މިޖެހެނީ ޖަޕާނަށް. އެއީ އުނދަގޫވާނެ ވެސް މެޗެއް. އެހެންވީމަ ވޯލްޑް ކަޕްގެ ޓާގެޓަށް ދާން އަހަރެމެން ވިސްނާނީ މެޗަކަށްފަހު މެޗެއް،" ކޫމަން ބުންޏެވެ.

ކޫމަން ޕްރެސްގައި ބުނީ މެޗުގައި ފަށާ 11 މިހާރު ކުޅުންތެރިންނަށް އެނގޭނެ ނަމަވެސް މީޑިއާއަށް އެކަން ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މެންފިސް ޑިޕާއީ މެޗަށް ފިޓް ކަމަށާއި ބޭނުން ކުރާނެ ގޮތް މެޗުން ފެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ކޫމަން އިތުރަށް ބުނީ ޖަޕާނަކީ އެޓޭކިން ވަރުގަދަ ޓީމެއް ނަމަވެސް ޖެހިލުން ނުވާނެ ކަމަށެވެ.