މިފަހަރު ވޯލްޑް ކަޕްގައި ޖަރުމަނުން ނެރޭގައި އެންމެ ބޮޑަށް ބަރޯސާ ވާނެ ކުޅުންތެރިޔަކީ އަލުން އަނބުރާ ގައުމީ ޓީމާ ގުޅުނު ގޯލްކީޕަރު މެނުއަލް ނޯޔާ ކަމަށް ކޯޗު ޖޫލިއަން ނާގެލްސްމަން ބުނެފިއެވެ.

މީގެ ކުރިން ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ޖަރުމަނުން މިފަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ މިހާތަނަށް ވޯލްޑް ކަޕްގައި ކުޅޭނެ އެންމެ ކުޑަ ޓީމު ކަމަށްވާ ކިއުރަސާއޯއާ ދެކޮޅަށެވެ. އުމުރުން 38 އަހަރުގެ ނާގެލްސްމަން މިރޭ ނުކުންނާނީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައި ކުޅޭ އެންމެ ދުވަސްވީ ކޯޗާ ދެކޮޅަށެވެ. އެއީ އުމުރުން 78 އަހަރުގެ ޑިކް އެޑްވޮކާޓާ ދެކޮޅަށެވެ.

ނާގެލްސްމަން ޕްރި މެޗު ޕްރެސްގައި ބުނީ ކިއުރަސާއޯ އެއްވެސް ވަރަކަށް "އަންޑައެސްޓިމޭޓް" ނުކުރާނެ ކަމަށާއި މެޗަށް ސަމާލުވާނެ ކަމަށެވެ. އަދި ޖަރުމަނުގެ ވޯލްޑް ބަރޯސާ ވަނީ ނޯޔާއަށް ކަމަށް ބުންޏެވެ.

"އަހަރެމެން ވަރަށް އިތުބާރުކުރަން ނޯޔާއަށް. އަހަރެމެންނަށް ރަނގަޅު ވޯލްޑް ކަޕެއް ކުޅެވޭނީ ނޯޔާގެ ޕާފޮމަންސާ އެކު. އަހަންނަށް އެނގޭ އެކަން ވާނެކަން ނޯޔާއަށް،" އުމުރުން 40 އަހަރުގެ ނޯޔާއާ ގުޅޭ ގޮތުން ނާގެލްސްމަން ބުންޏެވެ.

ނޯޔާއަކީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ މޮޅު އެއް ކީޕަރެވެ. އޭނާ ޖަރުމަނާ އެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި އިރު، އެ މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވެއެވެ. ނޯޔާ ގައުމީ ޓީމުން ރިޓަޔާ ކުރަން ނިންމާފައި ވަނީ 2024 ވަނަ އަހަރު ޔޫރޯއަށްފަހުއެވެ.

ނަގެލްސްމަން ޖަރުމަނާ ހަވާލުވިފަހުން އެއް ނަމްބަރު ގޯލްކީޕަރެއްގެ ގޮތުގައި ބޭނުންކޮށްފައި ވަނީ އޮލިވާ ބައުމަންއެވެ. ކޯޗު ނަގެލްސްމަން ބުނީ ނޯޔާ އަލުން ޓީމަށް ނަގަން ނިންމާފައި ވަނީ އެކަމުގައި މަޝްވަރާ ކޮށްގެން ކަމަށާއި މިވަގުތު އެއްވަނަ ޗޮއިސްއަކީ އެއީ ކަމަށެވެ.

ޖަރުމަނުން 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކަޓައިގެން ދާން ޖެހިފައިވާ އިރު، ނަގެލްސްމަން ބުނީ އެ ދެ ވޯލްޑް ކަޕްގެ ސަބަބުން ޖަރުމަނަކީ މިހާރު ފެވަރިޓެއް ނޫން ކަމަށެވެ.

"އެންމެފަހުން ކުޅުނު ދެ ވޯލްޑް ކަޕަށް ބަލާއިރު ޖަރުމަނަކީ ފެވަރިޓެއް ނޫން. އަހަރެމެންނަށް އެ ދެ ވޯލްޑް ކަޕް ދިޔައީ ގޯސްކޮށް. އަހަރެމެން މި ވޯލްޑް ކަޕުގައި ދައްކާ ކުޅުމާއެކު ދެން އޮންނަ ވޯލްޑް ކަޕަކަށް އެ ޓެގުގައި ނުކުންނަން ފުރުސަތު އޮންނާނެ،" ނަގެލްސްމަން ބުންޏެވެ.