ބްރެޒިލުން ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ މޮރޮކޯއާ ދެކޮޅަށް ނުކުންނަ އިރު، އަނިޔާގައި ހުރި ނޭމާ އަދި ނުފެންނާނެ ކަމަށް ކޯޗު ކާލޯ އެންޗެލޮޓީ ބުނެފިއެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ކުރިން ޑޮކްޓަރުން ބުނީ ނޭމާއަށް ދޭއް ނޫނީ ތިން ހަފުތާ ދުވަހުގެ ކުޅުން ގެއްލޭނެ ކަމަށެވެ. އެގޮތަށް ޑޮކްޓަރުން ބުނި ނަމަވެސް، ފިޓްނަސްއަށް މަސައްކަތް ކޮށް، އެކަން ކާމިޔާބުވާނެކަމުގެ އުންމީދު އޮތުމުން ބްރެޒިލް ކޯޗު އެންޗެލޮޓީ، އޭނާ ސްކޮޑުން ބޭރުކޮށްފައެއް ނުވެއެވެ.

މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސްގައި އެންޗެލޮޓީ ބުނީ ނޭމާ އަންނަނީ މަޑުމަޑުން ފިޓްވަމުން ކަމަށާއި މޮރޮކޯ މެޗަށްފަހު އޮންނަ ހެއިޓީ މެޗުގައި ނޭމާ ފެންނާނެކަމުގެ ބޮޑު ޔަގީންކަމެއް ދެވިދާނެ ކަމަށެވެ.

އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.

ނޭމާ މި ފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ.

އެންޗެލޮޓީއާއެކު ޕްރި މެޗު ޕްރެސްގައި ދެން ބައިވެރިވީ ބްރެޒިލްގެ އެންމެ މުހިއްމު ތަރި ވިނީޝިއަސް ޖޫނިއާއެވެ. ވިނީޝިއަސް ބުނީ ބްރެޒިލް ކުޅުންތެރިންނަށް މާ ކުރިން ވޯލްޑް ކަޕް ފެށިއްޖެ ކަމަށާއި އެއްވެސް އިންޑިވިޖުއަލް ޓްރޮފީއަކަށް ނުބަލައި ބޭނުން ވަނީ ހަވަނަ ތަރި ޖާޒީގައި ޖެހުމަށް ކަމަށެވެ.

"އަހަންނަށް ސަމާލުކަން ނުދެން އިންޑިވިޖުއަން ޓްރޮފީއަކަށް. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާކަށް ނޫޅެން. އަހަރެން މިއައީ ބްރެޒިލަށް ހަވަނަ ތަރި ހޯދައިދޭން ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކުރަން،" ވިނީޝިއަސް ބުންޏެވެ.

ބްރެޒިލުން ވޯލްޑް ކަޕެއް ހޯދަން ކުރާ މަސައްކަތް މިހާރު ވަނީ 24 އަހަރަށް ދިގުލައިގެން ގޮސްފައެވެ. މިދިޔަ ދެ ފަހަރުވެސް ބްރެޒިލް ކެޓީ ކުއާޓާ ފައިނަލުންނެވެ. އެޓީމުން ކުރިން ހޯދާފައިވާ ކާމިޔާބީއާއެކު އަދިވެސް އެޓީމަށް ޕްރެޝަރު ބޮޑެވެ.

ވިނީޝިއަސް ވަނީ ޕްރެސްގައި އާ ކޯޗު އެންޗެލޮޓީއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި އެންޗެލޮޓީއާއެކު މުޅި ޓީމު ބަދަލުވެފައިވާ ކަމަށް ވިނީޝިއަސް ބުންޏެވެ.