ވޯލްޑް ކަޕް 2026 ގެ އެންމެ ބޮޑު ހޯސްޓް އެމެރިކާއިން ކުޅުނު ފުރަތަމަ މެޗުގައި ޕެރަގުއާއީ ބަލިކޮށްފިއެވެ.

މިރޭގެ މެޗު ކުޅެވިގެން ދިޔައީ ދުނިޔޭގެ އެންމެ އަގުބޮޑު ސްޓޭޑިއަމްގައެވެ. އެމެރިކާ ފުޓުބޯޅައަށް ހާއްސަ ސޯފީ ސްޓޭޑިއަމަކީ ގާތްގަނޑަކަށް 5.5 ބިލިއަން ޑޮލަރުގެ ސްޓޭޑިއަމެކެވެ. އެއީ އެމެރިކާ ފުޓުބޯޅައިގެ ލޮސް އެންޖެލެސް ރޭމްސްއާއި ލޮސް އެންޖެލެސް ޗާޖާޒްގެ ހޯމް ސްޓޭޑިއަމެވެ.

މިރޭގެ މެޗު އެމެރިކާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިއީ އެގައުމުގެ ތާރީހުގައިވެސް ވޯލްޑް ކަޕް މެޗެއްގައި ހަތަރު ގޯލް ޖެހި ފުރަތަމަ ފަހަރެވެ.

މިއީ އެމެރިކާއަށް އަމިއްލަ ފަސްގަނޑުގައި ފެންވަރު ސާބިތުކޮށްދޭން ލިބުނު ބޮޑު ފުރުސަތެކެވެ. މިފަހަކަށް އައިސް އެމެރިކާއިން ފުޓުބޯޅައަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންދާ އިރު، އެގައުމުން ވަނީ ލީގުވެސް މަގުބޫލުކޮށް ވަރުގަދަކޮށްފައެވެ. މިރޭގެ މެޗަކީ އެކަން ސާބިތުކޮށްދޭން ލިބުނު އެންމެ ބޮޑު ޕްލެޓް ފޯމެވެ. އެތައް ތަރިންނަކާއި އެތައް މަޝްހޫރު މޫނުތަކެއް މެޗު ބެލުމަށް ގޮސްފައިވެއެވެ. އޭގެ ތެރޭގައި މަޝްހޫރު ފިލް ސްޓާރުން ކަމަށްވާ ލިއެނާޑޯ ޑި ކެޕްރިއޯއާއި ޑޭވިޑް ބެކަމްގެ އިތުރުން ބިލް ގޭޓްސްވެސް ހިމެނުނެވެ.

އެޓީމަށް ދެކޮޅަށް ނުކުތީ 16 އަހަރަށްފަހު ވޯލްޑް ކަޕަކަށް ނުކުތް ދެކުނު އެމެރިކާގެ ދެކުނު އެމެރިކާގެ ޕެރަގުއާއީއެވެ. އެގައުމުން އެންމެފަހުން ކުޅުނީ 2010 ވަނަ އަހަރު ވޯލްޑް ކަޕެކެވެ. އެންމެފަހުން ކުޅުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ، ޕެރަގުއާއީ ވަނީ ގިނަ ބަޔަކު ހައިރާން ކޮށްލައިފައެވެ.

އޭގެ އިތުރުން ޕެރަގުއާއީ މިފަހަރު ވޯލްޑް ކަޕަށް ނުކުތީ ކޮލިފިކޭޝަންގައި ވަރުގަދަ ޑިފެންސިވް ރެކޯޑަކާއެކުގައެވެ. ބްރެޒިލާއި އާޖިންޓީނާވެސް ކޮލިފިކޭޝަންގައި ބަލިކޮށް، 18 މެޗުން އެޓީމު ކޮޅަށް ވަނީ އެންމެ 10 ގޯލެވެ.

އެ ރެކޯޑާއެކު ޕެރަގުއާއީ އޮތުމުން އެމެރިކާއަށް މިއީ ބޮޑު ޗެލެންޖެއް ކަމަށް ބެލެވުނެވެ. ފުރަތަމަ މިނެޓުގައި ޕެރަގުއާއީން ކުރިއަށް ޖެހި ނުރައްކާކުރާނެ ހެން ހީވި ނަމަވެސް، މުޅި ހާފު ދެން ކޮންޓްރޯލް ކުރީ އެމެރިކާއިންނެވެ. ހިތްގައިމު ރީތި ފުޓުބޯޅައާއެކު އެޓީމުން ފެނުނީ މާ ބޮޑަށްވެސް ޗެލެންޖަށް ތައްޔާރުވެފައި އޮތްތަނެވެ. މައުރީޝިއޯ ޕޮޗެޓީނޯގެ ޓީމުން ކުޅެމުން ދިޔައީ ތިރި، ޕާސްތައް ގިނަ، މޮޅު ފުޓުބޯޅައެކެވެ.

އެ ފުޓުބޯޅައިގެ ބޭނުންވެސް ފުރަތަމަ ހާފުގައި އެމެރިކާއިން ހިފާފައިވެއެވެ. ހަތްވަނަ މިނެޓުގައި ކްރިސްޓިއަން ޕުލިސިޗްގެ ޖާދުވީ މޫވްއަކާއެކު އެމެރިކާއިން ލީޑު ނެގިއެވެ. މެދުތެރެއިން ވެސްޓަން މެކެނީ ތަނަވަސްކުރި ޖާގައާއެކު އަރިމަތިން ޕުލިސިޗަށް ތިން ބޯޅައިގައި އޭނާ ދެ ޑިފެންޑަރުން ނައްޓާލާފައި ވަދެ ނަގައިދިން ބޯޅަ ބައިކޮޅަށް ގޯލަށް ވަނީ ޑޭމިއަން ބޮބަޑީލާ ފައިގައި ޖެހިފައެވެ.

ފުރަތަމަ ގޯލަށްފަހު އެމެރިކާއިން އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އެހިސާބުން އެމެރިކާއަށް ތަފާތު އިހުސާސެއް ގެނުވިއެވެ. ސްޓޭޑިއަމްގެ ބާރު އަޑާއެކު ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ސާޖީނިއޯ ޑެސްޓުގެ ނުރައްކާތެރި ހުރަހެއް ކީޕަރު އޯލާންޑޯ ގިލް ހުއްޓުވި އިރު، 28 ވަނަ މިނެޓުގައި ފްރާންސްގެ މޮނާކޯއަށް ކުޅޭ ފޮލާރިއަން ބަލޮގުން އެމެރިކާއަށް ދެވަނަ ގޯލެއް ޖަހައިދިނެވެ. އެ ފުރުސަތު ތަނަވަސްކުރީވެސް ޕުލިސިޗެވެ.

އެ ތަފާތު ފޯމާއެކު ޖާދުވީ ފުރަތަމަ ހާފެއް ނިންމާލަން އެމެރިކާއިން ދިޔަ އިރު، އެވަރަކުން ފުއްދާލީކީ ނޫނެވެ. ހާފުގެ އިތުރު ވަގުތުގައި ބަލޮގުންގެ ދެވަނަ ގޯލް ފެނުނެވެ. އޭރިއާ ތެރެއަށް ވަދެ، ޑިފެންޑަރު ނައްޓާލާފައި ބޯޅަ އަމާޒުކޮށްލީ މަތީ ކަނަށެވެ. ހިތްގައިމު މޮޅު ގޯލެކެވެ.

ދެވަނަ ހާފަށް އެމެރިކާއިން ޕުލިޗްގެ ބަދަލުގައި ސެބެސްޓިއަން ބާހޯލްޓާ ކުޅެން ނެރުނެވެ. ބެލެވޭ ގޮތުގައި އަނިޔާއެއްގެ ސަބަބުންނެވެ.

ދެވަނަ ހާފުގައި އެމެރިކާއިން ތަންކޮޅެއް ބޮޑަށް ހަމަޖެހިލިއެވެ. ނަތީޖާއެއްގެ ގޮތުން ޓެމްޕޯ ތަންކޮޅެއް ލަސްވެ، ޕެރަގުއާއީއަށް މަޑުމަޑުން ޖާގަ ފަހިވާން ފެށިއެވެ. ހާފުގެ ކުރީކޮޅުގައި އެޓީމުގެ އެންޓޯނިއޯ ސަނަބްރިއާއަށް ލިބުނު ފުރުސަތުގެ ބޭނުން ނުކުރެވި ދިޔަ އިރު، ހިތްވަރެއް ހޯދަން 73 ވަނަ މިނެޓުގައި ގޯލެއް ޖެހިއެވެ.

ހޫލިއޯ އެންސީސޯ ދުއްވާލި ބޯޅަ، ތިރިތިރީން ގޯލްގެ ތެރެއަށް އަމާޒުކޮށްލައި ޕެރަގުއާއީއަށް ގޯލް ޖަހައިދިނީ މައުރީޝިއޯއެވެ. އެ ގޯލާއެކު ޕެރަގުއާއީން ހިތްވަރު ހޯދި ނަމަވެސް، އެމެރިކާ ހާސްކޮށްލެވޭ ގޮތެއް ނުވިއެވެ.

އެމެރިކާއިން ފަހުވަގުތާ ހަމައަށް މެޗު ހިފަހައްޓަމުން ގޮސް ނިންމާލީ ތާރީހީ ގޯލަކާއެކުގައެވެ. މެޗު ނިމިނިމި އޮއްވާ ޖިއޮވާނީ ރޭނާ ޖެހި މޮޅު ގޯލަކާއެކު އެމެރިކާއިން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޗެއްގައި ހަތަރު ގޯލް ޖެހިއެވެ.