ބިރުން ތިބެ މުބާރާތަކަށް ނުކުތުމަކީ ސަމާލުކަން އިތުރުކުރުމަށް މުހިއްމު ހަތިޔާރަކަށްވާނެ ކަމަށް ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު، ކާލޯ އެންޗެލޮޓީ ބުނެފިއެވެ.
ބްރެޒިލުން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ މިފަހަކަށް އައިސް ފެނިގެން ދިޔަ އެންމެ ކާމިޔާބު، އެންމެ ވަރުގަދަ ކޯޗާއެކުގައެވެ. އިޓަލީއަށް އެންޗެލޮޓީއަކީ އިޓަލީ ލީގާއި އިނގިރޭސި ޕްރިމިއާ ލީގުގެ އިތުރުން ސްޕެއިން ލީގާއި ޖަރުމަނު އަދި ފްރާންސް ލީގުވެސް ކްލަބު ފުޓުބޯޅައިގައި ހޯދާފައިވާ ފަހުރުވެރި ކޯޗެކެވެ. އޭނާއަކީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގު ހޯދި ހަމައެކަނި ކޯޗެވެ. ރެކޯޑު ފަސް ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކޮށްފައިވާ އެންޗެލޮޓީއަކީ ކުޅުންތެރިން މެނޭޖުކުރުމުގައި އާދަޔާ ހިލާފު ސިކުނޑިއެވެ. ހާއްސަކޮށް ކުޅުންތެރިންގެ އިހުތިރާމް ހޯދުމުގައި ކުޅަދާނަ ކޯޗެއް ވެސް މެއެވެ. އެންޗެލޮޓީއަކީ ތަރިންގެ ބްރެޒިލަށް އެކަށޭނެވެސް ކޯޗެކެވެ. އޭނާގެ ފުރަތަމަ ޓެސްޓަކީ މިރޭ މޮރޮކޯއާ ދެކޮޅަށް ކުޅޭ މެޗެވެ.
"ބިރަކީ ހަޔާތުގެ މުހިއްމު ބައެއް،" އެންޗެލޮޓީ ޕްރެސްގައި ތަފާތު ވާހަކައެއް ފެށިއެވެ.
"ބިރު ނުގަނެ، ޖެހިލުން ނުވެ ތިބެއްޖެނަމަ އެއީ ރަނގަޅަށް ތައްޔާރު ނުވެވެނީ. ބައެއް ފަހަރު ބުޅަލެއް ކަމަށް ހީކޮށްގެން ދާއިރު، އެއީ ސިންގާއަކަށް ވެސް ވެދާނެ. ބިރުން ފުރާނަ ސަލާމަތްވާނެ ފަހަރުވެސް އަންނާނެ. ޓީމެއް ނަމަވެސް ބިރުގަނެ، ޖެހިލުންވާން ޖެހޭނެ. އެއީ އެންމެ ރަނގަޅަށް ފޯކަސްކޮށް ތައްޔާރުވެގެން ތިބޭއިރު ފެންނާނެ މަންޒަރެއް،" އެންޗެލޮޓީ ބުންޏެވެ.
މީގެ ކުރިން ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ބްރެޒިލް މިފަހަރު ވޯލްޑް ކަޕަށް ނުކުންނަނީ އެންމެ ރަނގަޅު ކޮލިފިކޭޝަން ރެކޯޑަކާ އެކުގައެއް ނޫނެވެ. 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަމަށް ބްރެޒިލުން ކުރާ މަސައްކަތުގައި މޮރޮކޯއަށް ސަމާލުވާން ޖެހޭ ކަމަށް އެންޗެލޮޓީ ފާހަގަކުރިއެވެ.
"އަހަންނަކީ އަބަދުވެސް ހަމަޖެހިގެން ކަންކަން ރަނގަޅުވާނެ ކަމަށް ހުންނަ މީހެއް. އަހަރެމެން މެޗަށްފަހު ފުރިހަމައަށް ތައްޔާރު. އެކަމަކު ވިސްނަން ޖެހޭ، އަހަރެމެން ޖެހޭނެ ފުރިހަމަ މެޗެއް ކުޅެން. މޮރޮކޯއަކީ އެފްރިކާގެ އެންމެ ވަރުގަދަ އެއް ގައުމު. މިޒަމާނުގެ ފުޓުބޯޅައިގައި މޮރޮކޯ ކަހަލަ ޓީމެއް ކައިރީ އެއްވެސް ގޯހެއް ނުހެދޭނެ،" އެންޗެލޮޓީ އިތުރަށް ބުންޏެވެ.
އެންޗެލޮޓީ ބުނީ ގައުމީ ޓީމަކާ އެކު ވޯލްޑް ކަޕަކަށް ނުކުތުމަކީ ތަފާތު ތަޖުރިބާއެއް ކަމަށާއި ބްރެޒިލާ އެކު އެ ޝަރަފު ލިބުމަކީ ހާއްސަ ކަމެއް ކަމަށެވެ.
ބްރެޒިލާއި މޮރޮކޯ ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 3:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026