ބިމުގެ ސައިޒުގެ ގޮތުން ބްރެޒިލްއަކީ ދުނިޔޭގެ ފަސްވަނައަށް އެންމެ ބިޔަ ގައުމެވެ. އާބާދީއަށް ބަލައިފިއްޔާ ދުނިޔޭގެ ހަތްވަނަޔަށް އެންމެ ބައިބޯ ގައުމެވެ. ބްރެޒިލްގެ އާބާދީއަކީ މިހާރު 222 މިލިޔަން ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. ބްރެޒިލް އޮންނަނީ ދެކުނު އެމެރިކާ ބައްރުގައެވެ. މުޅި އެބައްރުގެ ދެބައިކުޅަ އެއްބަޔަކީ ބްރެޒިލްއެވެ. ދެކުނު އެމެރިކާ ބައްރުގައި ދެން ހިމެނޭ ހުރިހައި ގައުމެއްގެ އާބާދީއާ ބްރެޒިލްގެ އާބާދީ އެއްވަރެވެ. އާޖެންޓީނާ، ކޮލަމްބިއާ އަދި އުރުގުއާއީ ކަހަލަ ގައުމުތައްވެސް އެއްކޮށްލައިގެންނެވެ. އެހެންވީމާ ދެކުނު އެމެރިކާ ބައްރުގެ ރޫހަކީވެސް ފުރާނަޔަކީވެސް ބްރެޒިލްއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި އެންމެބޮޑު ބާރުގެ ގޮތުގައި ބްރެޒިލް ދެމިއޮތުމުގެ ސިއްރަކީ ގައުމުގެ ސައިޒާއި ބޮޑު އާބާދީކަމަށް ގިނަބަޔަކު ހީކުރެއެވެ. އެކަމަކު އެހެނެއްވެސް ނޫނެވެ. ސައިޒުގެ ގޮތުން ބްރެޒިލްއަށްވުރެ ރަޝިޔާ، ކެނެޑާ، ޗައިނާ އަދި އެމެރިކާވެސް ބޮޑެވެ.

އާބާދީގެ ގޮތުން އިންޑިޔާ އަދި ޕާކިސްތާނުވެސް ބްރެޒިލްއަށްވުރެ ބޮޑެވެ. އެހެންވީމާ ސަބަބަކީ އަދި އެހެން އެއްޗެކެވެ. ފުޓްބޯޅަޔަކީ ބްރެޒިލްގައި ހަމައެކަނި ކުޅިވަރެއް ނޫނެވެ. ދީނަކީވެސް ސަގާފަތަކީވެސް ފުޓްބޯޅައެވެ. ރައްޔިތުން އެއްބައިކުރުވާ ބޭހަކީވެސް އެއީއެވެ. ފުޓްބޯޅަޔާ ނުލައި ބްރެޒިލްގެ ގައުމިއްޔަތެއްވެސް ނޯންނާނެއެވެ. ކުޑަ މިސާލެއް ދަންނަވައިލާނަމެވެ. މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގެ ދެވަނަ ބުރުގައި ބްރެޒިލް އާއި ޕޮލެންޑް ބައްދަލުކުރި މެޗު ހަތަރެއް ސުމަކުން ކާމިޔާބުކުރީ ބްރެޒިލްއެވެ. އެ މެޗުގެ ވާހަކަ ދައްކަން ކޮމެންޓްރީ ބޮކްސްގައި އިން އެކަކީ ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަތަރި ޕެލޭއެވެ. އޭނާ ބުންޏެވެ. ޕޯޕް ޖޯން ޕޯލްއަކީ ޕޮލެންޑުގެ މީހަކަށް ވެދާނެއެވެ. އެކަމަކު ޕޯޕްގެ ގޯޑް ޕޮލެންޑެއް ނޫނެވެ. ބްރެޒިލްއެވެ. މިވާހަކަ މިގެނައީ ބްރެޒިލްގައި ފުޓްބޯޅަޔަކީ ކިހާވަރެއްގެ އެއްޗެއްކަން ބަޔާންކުރުމުގެ ގޮތުންނެވެ. ބްރެޒިލްގެ ކުދިބޮޑު އެންމެން ފުޓްބޯޅަޔާމެދު ދެކޭގޮތުގެ ތަސައްވުރެއް ބަޔާންކުރުމުގެ ގޮތުންނެވެ.

ދުނިޔޭގައި ފުޓްބޯޅައިގެ ބާޒާރުގައި އެންމެ ޑިމާންޑް ބޮޑީ ތިންގައުމެއްގެ ޓެލެންޓަށެވެ. އެއީ ބްރެޒިލްއާއި އާޖެންޓީނާ އަދި ފްރާންސެވެ. އެހެންވީމާ ބްރެޒިލްގެ އެންމެ މުހިންމު އެކްސްޕޯޓަކީ ކޮބައިހޭ ސުވާލު ކުރެވިއްޖެނަމަ އޭގެ ބަރާބަރު ޖަވާބަކަށްވާނީވެސް ފުޓްބޯޅަ ކަމުގައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ބްރެޒިލްއަށް ފުޓްބޯޅަ ތައާރަފުކުރީ ކޮންބައެއް ހެއްޔެވެ. އެބަޔަކީ ޕޯޗުގަލްއެވެ. މީލާދީން ފަނަރަސަތޭކައިން ފެށިގެން 1822 ވަނަ އަހަރާ ހަމަޔަށް ތިންސަތޭކައަށްވުރެ ގިނަ އަހަރު ބްރެޒިލް އޮތީ ޕޯޗުގަލްގެ ކޮލޮނީއެއްގެ ގޮތުގައެވެ. އެއީ ޕޯޗުގަލްގެ ރަސްކަމުގެ ތާޖުގައި ހުންނަ އެންމެ އަގުބޮޑު ޖަވާހިރެވެ. ޕޯޗުގީޒުންގެ ކިބައިން ބްރެޒިލްއަށް ދަސްނުވި އެއްޗަކީ ކަނޑުދަތުރެވެ. ނިޔަމިކަމެވެ. ބޯޓުފަހަރު ބަނުމެވެ. އެހެންހުރިހައި އެއްޗެއް ދަސްކުރިއެވެ. ބަހާއި ފުޓްބޯޅަ ހިމެނޭގޮތުންނެވެ. މިއަދު ޕޯޗުގީޒް ބަހުން ވާހަކަ ދައްކާ ދުނިޔޭގެ އެންމެ ބޮޑު ގައުމަކީވެސް ބްރެޒިލްއެވެ.

ކޮންމެއަކަސް ބްރެޒިލްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެބޮޑު ބާރެވެ. ރަސްގެފާނެވެ. ވޯލްޑްކަޕުގައިވެސް އެންމެ ކާމިޔާބު ގައުމަކީ ބްރެޒިލްއެވެ. މިހާތަނަށް ޖުމްލަ ބާވީސް ވޯލްޑްކަޕް ބޭއްވިފައިވާއިރު އެހުރިހާ ވޯލްޑްކަޕެއްގައި ކުޅެފައިވާ ހަމައެކަނި ގައުމަކީ ބްރެޒިލްއެވެ. އެންމެ ގިނައިން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ގައުމަކީވެސް ބްރެޒިލްއެވެ. ޖުމްލަ ފަސްފަހަރު ވޯލްޑްކަޕްގެ ޓްރޮފީ އުފުލާފައިވެއެވެ. ބްރެޒިލްގެ ޖާރޒީގައި ހުންނަ ފަސްތަރީގެ އަސްލަކީ އެއީއެވެ. އެހެންވީމާ ދުނިޔޭގެ ފުޓްބޯޅައިގައި ފަސްތަރީގެ ޓީމަކީ ހަމައެކަނި ބްރެޒިލްއެވެ. އެންމެފުރަތަމަ ބްރެޒިލް އެތަށި އުފުލައިލީ ޕެލޭމެންގެ ޒަމާނުގައި 1958 ގައެވެ. ތިންފަހަރު އެތަށި ހޯދައި އެންމެ ފުރަތަމަ މިލްކުކުރީވެސް ބްރެޒިލުންނެވެ. އެކަންކުރީވެސް ޕެލޭ ހުރެގެން 1970 ގައެވެ. ބްރެޒިލްއަށް އެންމެފަހުން ތަށި ލިބުނީ ރޮނާލްޑޯމެންގެ ޒަމާނުގައި 2002 ގައެވެ. އޭގެފަހުން މިހާތަނަށް ސައުވީސް އަހަރު ފާއިތުވެގެން ހިނގާއްޖެއެވެ.

1970 ވަނަ އަހަރު ވޯލްޑް ކަޕާއެކު ޕެލޭ ނަގާފައިވާ ތާރީހީ ފޮޓޯ ---

ބްރެޒިލްގެ ތާރީޚުގައިވެސް ވޯލްޑްކަޕް ކާމިޔާބު ނުކުރެވި ހޭދަކުރާން ޖެހުނު އެންމެ ދިގު މުއްދަތަކީވެސް މިހާތަނަށް ސައުވީސް އަހަރެވެ. އެއީ 1970 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާ ހަމަޔަށެވެ. އެ ރިކޯޑާ މިހާރު އަނެއްކާވެސް ބްރެޒިލް އަރާ ހަމަކުރަނީއެވެ. އެންމެފަހުން 2002 ގައި ވޯލްޑްކަޕް ކާމިޔާބުކުރި ފަހުން ސައުވީސް އަހަރު މި ފުރެނީއެވެ. މިފަހަރުގެ ވޯލްޑްކަޕް ބްރެޒިލްއަށް ކާމިޔާބު ނުކުރެވިއްޖެނަމަ އެކަންވާނީ އައު ރިކޯޑަކަށެވެ. ވޯލްޑްކަޕް ކާމިޔާބު ނުކުރެވި މަދުވެގެން އަށާވީސް އަހަރު ހޭދަކުރަން ޖެހޭނެއެވެ. އެއީ ގައުމީ ވަރަށް ބޮޑު ލަދަކަށްވެސް ވާނެއެވެ. އެހެންވީމާ ބްރެޒިލް އެއޮތީ ލަކީ ސައުވީސް ކަމަށް ބަލައިގެން މިފަހަރު ތަށި ނެގުމުގެ އުންމީދުގައެވެ. ކުރީފަހަރު ސައުވީސް އަހަރުގެ ދިގު އިންތިޒާރު ނިމުމަކަށް އައީވެސް ހަމަ އެމެރިކާގައެވެ. އެމެރިކާގައި 1994 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕުގައެވެ. މިފަހަރުގެ ސައުވީހަށް ނިމުން ގެނައުމުގެ މަސައްކަތް ކުރާންވެސް މިޖެހެނީ އެމެރިކާގައެވެ. އެހެންވީމާ އެމެރިކާއަކީ ބްރެޒިލްގެ ނަސީބު ހޯސްޓް ކަމަށް ވަރަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އެމެރިކާގެ ޕޯޕަކު ވެޓިކަންގައި ހުރެގެން، އެމެރިކާގެ ފަސްގަނޑުގައި ވޯލްޑްކަޕް ކުޅެގެން ބްރެޒިލް ނޫންބަޔަކަށް މިތަށި ނުނެގޭނެކަމަށް ހީކުރާ މީހުންގެ ހީކުރުންތައް މިފަހަރު ލައްވައިލާ ހިސާބު ބަލަން ތިބެމާބަހީއެވެ.