އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް މިއަދު ބާއްވަމުންދާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ފ. ފީއައްޔާއި ގދ. ފިޔޯރީގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށިތަކަށް ގެއްލުންދީފިއެވެ.
ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެކެވެ. އެމީހާ އަކީ ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނި ނަމަވެސް، އޭނާގެ އަތުގައި ރަސްމީ ފާހެއް ނެތެވެ. އަދި ވޯޓާސް ލިސްޓުގައިވެސް އޭނާގެ ނަމެއް ނެތް ކަމަށެވެ.
ފ. ފީއަލީގައި އުފެދުނު ހަމަނުޖެހުމަކީ އެ ރަށުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓާސް ލިސްޓުގެ މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުމެކެވެ. ކެންޑިޑޭޓް މީކާއީލް އަހުމަދު ނަސީމްގެ ޓީމުން ތުހުމަތު ކުރާ ގޮތުގައި އެ ރަށުގައި ބޭނުންކުރަމުންދަނީ ޕާޓީން އާންމުކުރި ރަސްމީ ލިސްޓެއް ނޫނެވެ. މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވަނިކޮށް، މީހަކު ވަނީ އެ ރަށުގައި ހުރި ވޯޓު ފޮށި ހިފައިގެން ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ފީއަލީގައި މިހާރު ވަނީ ވޯޓުލުން މެދުކަނޑާލާފައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ މީކާއީލް އަހުމަދު ނަސީމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޖުމްލަ 50,176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގެ ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
ވޯޓުލާ ނިމުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިންތިހާބުގެ ވޯޓުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 241 ވޯޓު މަރުކަޒު ގާއިމްކޮށްފައިވާއިރު، ރާއްޖޭއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ހަމައެކަނި ސްރީ ލަންކާގައެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ