އޮސްޓްރޭލިއާގެ ސިޑްނީއަށް ދަތުރުކުރަމުންދިޔަ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓް ޔޫއެލް606 ގެ އިންޖީނަކަށް ހޮނުއެޅުމާ ގުޅިގެން، ކުއްލި ހާލަތުގައި އަނބުރާ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއަރޕޯޓއ (ބީއައިއޭ) އަށް މިއަދު ޖައްސައިފިއެވެ.

ރޭ ދަންވަރު 00:05 ހާއިރު ކޮލަމްބޯއިން ފުރި މި ބޯޓަށް ހޮނުއަޅާފައިވަނީ ނައްޓާލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ. ސްރީލަންކަން އެއަރލައިންސުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނި ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ދިމާވި މި ހާދިސާއާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޕައިލެޓުން ވަނީ ދަތުރު މެދުކަނޑާލުމަށްފަހު އަނބުރާ ކޮލަމްބޯއަށް ބޯޓު ގެންގޮސްފައެވެ. އަދި ބޯޓުގައި ތިބި ޖުމްލަ 223 މީހުންނާއެކު ރައްކާތެރިކަމާއެކު ބޯޓު ޖައްސާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޓަށް ހޮނުއެޅި ވަގުތު ބާރު އަޑުފަށްގަނޑެއް އިވުނު ކަމަށާއި، ބޯޓުގެ އެއް އިންޖީނުން ކުޑަ ވަގުތުކޮޅަކަށް އަލިފާން ފެނުނު ކަމަށް ބައެއް ފަސިންޖަރުން ބުނެފައިވެއެވެ. ނަމަވެސް، ފްލައިޓުގެ ފަޅުވެރިން ވަނީ ވަރަށް ހުޝިޔާރުކަމާއެކު ހާލަތު ކޮންޓްރޯލްކޮށް، ފަސިންޖަރުންނަށް ކަން ހިނގި ގޮތް އޮޅުންފިލުވައިދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ފަޅުވެރިން އަމަލުކުރި ޕްރޮފެޝަނަލް ގޮތަށް ގިނަ ބަޔަކު ވަނީ ތާރީފުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން، ސްރީލަންކަން އެއަރލައިންސްއިން ވަނީ ބަދަލުގައި އެހެން ބޯޓެއް ހަމަޖައްސާފައެވެ. އެގޮތުން، ފަތިހު 05:51 ގައި އޭ330 މަރުކާގެ އެހެން ބޯޓެއްގައި ފަސިންޖަރުން ވަނީ ސިޑްނީއަށް ފުރާފައެވެ. ހޮނުއެޅުމުގެ ސަބަބުން ގެއްލުންވި ބޯޓު މިހާރު ވަނީ މަރާމާތުކުރުމަށާއި އިންޖީނަށް ލިބިފައިވާ ގެއްލުން އިތުރަށް ބެލުމަށް އެއަރޕޯޓުގެ ހެންގަރަށް ގެންގޮސްފައެވެ. ސްރީލަންކަން އެއަރލައިންސުން ބުނި ގޮތުގައި، އެ ކުންފުނީގެ އެންމެ ބޮޑު އިސްކަމެއް ދެނީ ފަސިންޖަރުންނާއި ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށެވެ.