ރޭ ފެށި ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ދެކުނު ކޮރެއާއިން 2-1 އިން ޗެކިއާ ބަލިކޮށްފިއެވެ.

ދެކުނު ކޮރެއާއިން ޗެކިއާ ބަލިކުރީ މިއަދު މެކްސިކޯގެ ގުއަޑަލަހާރާ ސްޓޭޑިއަމްގައި ކުޅުނު މެޗުންނެވެ.

ޗެކިއާ މިފަހަރުގެ ވޯލްޑް ކަޕަށް ނުކުތީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ. 2006 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ އިންތިޒާރުގައި ތިބި ޗެކިއާއަށް މިފަހަރު އެކަން ހާސިލްވި އިރު، އަނެއްކޮޅުން ނުކުތް ދެކުނު ކޮރެއާއަކީ 1986 ވަނަ އަހަރުން 2022 ވަނަ އަހަރާ ހަމައަށް ކޮންމެ ވޯލްޑް ކަޕެއްގައިވެސް ވާދަކޮށްފައި އޮތް ތަޖުރިބާކާރު ގައުމެކެވެ. ކޮރެއާ، 2022 ވަނަ އަހަރު ކެޓީ ގަދަ 16 އިންނެވެ.

ދެކުނު ކޮރެއާއާއި ޗެކިއާ މިއަދުގެ ކުރިން އެންމެފަހުން ކުޅެފައި ވަނީ 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައެވެ. އެމެޗުން ކޮރެއާ މޮޅުވީ 2-1 އިންނެވެ.

މެޗު ފެށީ އަވަސް ކުޅުމަކުންނެވެ. ދެޓީމުންވެސް ދުލެއް ނުދެއެވެ. އަވަސް ޕާސްތަކާއެކު މެޗުން ފެނުނީ ދިރުމެވެ. ފުރަތަމަ ހާފުގައި މެޗު ކޮންޓްރޯލް ކުރީ ދެކުނު ކޮރެއާއެވެ. އެޓީމުން ހަމަލާތައްވެސް އުފެއްދިއެވެ. އެ ހަމަލާތަކުގެ މުގުލުގައި ހުރީ މިހާރު އެމެރިކާ ލީގުގެ އެލްއޭ އެފްސީއަށް ކުޅޭ ސޮން ހިއުން-މިންއެވެ.

ދެކުނު ކޮރެއާގެ ކެޕްޓަން ސޮން އެންމެ ފުރަތަމަ ފޮނުވާލި ހަމަލާ އޭރިއާ ތެރެއިން ބްލޮކްވި އިރު، ދެން ފޮނުވާލަން ލިބުނު ދެ ފުރުސަތުގައިވެސް އޭނާއަށް ގޯލާ އަމާޒުކޮށްލެވިފައެއް ނުވެއެވެ. އެއް ބޯޅަ ހުރަސް ދަނޑިމަތިން ބޭރަށް ދިޔަ އިރު، އަނެއް ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ކޮރެއާއިން ކިރިކިރިޔަ ކިރިޔާ ގޯލެއް ނުޖަހާ ދިޔަ އިރު، ޓައި-ސީކް ލޫ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ޕަންޗުކޮށް ބޭރުކޮށްލީ ޗެކިއާގެ ކީޕަރު މަޓޭޖް ކޮވާއެވެ.

ފުރަތަމަ ހާފުގައި ޗެކިއާ ހާސްކޮށްލައި ކޮރެއާއިން ނުރައްކާކޮށް، ދެވަނަ ހާފަށް ނުކުތީވެސް އެ ސްޕީޑުގައެވެ. އަވަސް އަވަސްކޮށް ހަމަލާތައް އުފެއްދި އިރު، އަނެއްކާވެސް ސޮންއަށް ފުރުސަތު ލިބި ބޭކާރުވިއެވެ. ސޮން އެފަހަރު ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރު ކޯވާއެވެ.

އެހެން ދަނިކޮށް، އެންމެން ހައިރާން ކޮށްލައި، ކޯނަރެއްގައި ލީޑު ނެގީ ޗެކިއާއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ކޯނަރަކަށް އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލީ ކެޕްޓަން ލަޑިސްލާވް ކްރޭޗީއެވެ.

ޗެކިއާގެ ގޯލަށްފަހު ކެޕްޓަން އުފާފާޅުކުރަނީ ---

އެ ހައިރާންކަމުގައި ދެކުނު ކޮރެއާއިން މަޑު ޖެހުނީކީ ނޫނެވެ. އެ ގޯލަށް 10 މިނެޓުވެސް ނުވަނީސް އެއްވަރުކުރިއެވެ. އޭރިއާ ތެރެއަށް ވަދެ ވޭންގް އިން-ބެއޮމް ކީޕަރު ބޯމަތިން ހިއްލާލި ބޯޅަ ގޯލަށް ވައްދާލައިގެން ދެކުނު ކޮރެއާއިން ހިތްވަރު ހޯދިއެވެ.

އޭގެފަހުން މެޗު ދިޔައީ ފޯރިގަދަ ވަމުންނެވެ. ހަމަޖެހިލަން އެއްވެސް ޓީމަކަށް ފުރުސަތެއް ނުލިބެއެވެ. ޗެކިއާ ސެޓް ޕީސްތަކުން ނުރައްކާ ކުރަމުން ދިޔަ އިރު، 77 ވަނަ މިނެޓުގައި ތޯމަސް ސޯޗެކް ބޮލުން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ލައިންސްމަން އޮތީ ދިދަ ނަގައިފައެވެ. ކޮރެއާއަށް ލިބުނު ފުރުސަތާއެކު ދެން އަނެއްކާވެސް ގޯލް ޖެހީ އެޓީމުންނެވެ.

ދެކުނު ކޮރެއާއިން ފަހަތުން އަރައި ލީޑު ހޯދީ އަރިމަތިން ނެގި ހުރަހެއްގައި ފައި ޖައްސާލައި، ޔެއޮން ޔޫ އޯ ގޯލަށް ވައްދާލުމާއެކުގައެވެ.

އެހިސާބުންވެސް މެޗުގެ ފޯރި ކުޑަވީކީ ނޫނެވެ. ޗެކިއާއިން އިރުކޮޅެއްފަހުން ނުރައްކާ ކުރިއެވެ. އަނެއްކާވެސް ސެޓް ޕީސްއެއްގައެވެ. ބަދަލަކަށް ނުކުތް އެޑަމް ލޯޒެކް އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާ މަތަކުރީ ދެކުނު ކޮރެއާގެ ކީޕަރު ކިމް ސެއުން ޔޫއެވެ. އަދި ނިމެން ދަނިކޮށް ޗެކިއާއިން އަނެއްކާވެސް ނުރައްކާ ކުރަމުން ދިޔައެވެ. އެވަގުތުވެސް ދެކުނު ކޮރެއާ ސަލާމަތް ކޮށްދިނީ ކީޕަރެވެ. ބަދަލަކަށް ނުކުތް ޗެކިއާ މިޝާލް ސަޑިލެކް ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.