މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރު ދުނިޔޭގެ އިގުތިސާދީ ކުރިއެރުން 2.5 އިންސައްތައަށް ދަށަށްދާނެ ކަމަށާއި، މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އިގުތިސާދީ ކުރިއެރުން މިހާ ބޮޑަށް ދަށަށްދާ ފުރަތަމަ ފަހަރު ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން ނެރުނު “ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް” ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ހޮރުމުޒް ކަނޑުއޮޅި ބަންދުވުމަކީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމެކެވެ. މީގެ ސަބަބުން ތެލުގެ އަގު އުފުލިފައިވާއިރު، މިއަހަރު ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެވްރެޖްކޮށް 94 ޑޮލަރުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއީ 2025 ވަނަ އަހަރާ އަޅައިބަލާއިރު 36 އިންސައްތައިގެ ކުރިއެރުމެކެވެ.
ހަކަތައިގެ އަގު އުފުލުމާއި ސަޕްލައި ޗެއިންތަކަށް އައިސްފައިވާ ބުރޫއެރުންތަކާއެކު، މިއަހަރު ދުނިޔޭގެ އިންފްލޭޝަން 4.0 އިންސައްތައަށް އުފުލޭނެ ކަމަށް ވެސް ވޯލްޑް ބޭންކުން ލަފާކުރެއެވެ. އަދި ހަކަތަ ފޯރުކޮށްދިނުމަށް ދިމާވެފައިވާ ދަތިތައް އިތުރަށް ގޯސްވެއްޖެނަމަ، ދުނިޔޭގެ އިގުތިސާދީ ކުރިއެރުން 1.3 އިންސައްތައަށް ވެއްޓުމުގެ ބިރު އެބައޮތް ކަމަށްވެސް އެ ރިޕޯޓުގައި އިންޒާރުދީފައިވެއެވެ.
މި ހަމަނުޖެހުންތަކުގެ އެންމެ ބޮޑު އަސަރެއް ކުރާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. އެގޮތުން އެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން 3.6 އިންސައްތައަށް ދަށަށްދާނެ ކަމަށް ލަފާކޮށްފައިވާއިރު، ހަމަނުޖެހުންތަކުގެ ސީދާ އަސަރުކުރާ ގަލްފުގެ ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން މިއަހަރު ސުމަކާ ގާތްކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވޯލްޑް ބޭންކުގެ ރައީސް އަޖޭ ބަންގާ ވިދާޅުވި ގޮތުގައި، މި ދަނޑިވަޅުގައި އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ ގައުމުތަކަށް އެ ބޭންކުން އަންނަނީ މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ހާލަތު އިތުރަށް ގޯސްވެއްޖެނަމަ، ކުރިއަށް އޮތް 15 މަސްދުވަހުގެ ތެރޭގައި 80 ބިލިއަނާއި 100 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު
ވޯލްޑް ބޭންކު