ދުނިޔޭގެ ނިސްބަތުންވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވަމުންދާ އެއް ގައުމަކީ ރާއްޖެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ގާބިލްކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ.

އެ ރިޕޯޓުގައި ބުނީ، ދެކުނު އޭޝިއާގެ އެވްރެޖް ގައުމެއް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާ ކަމަށާއި ނަމަވެސް ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގައި ކަމަށެވެ

ރިޕޯޓުގައި ބުނީ އޭޝިއާގެ އެހެން ގައުމުތަކުގެ އާބާދީ މުސްކުޅިވަމުން އަންނައިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވުރެ ދަށުގައި ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރުވެސް ނިސްބަތުން މަތީގައި އުޅޭތީ އާއި ކުރިއަރަމުން އަންނަ ހަލުވި ދުވެލީގެ ސަބަބުން، މި ސަރަހައްދުން މި ނަސީބު ލިބެން އޮތް ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ވޭތުވެދިޔަ 2013 އިން 2023 އާ ދެމެދު އާމްދަނީ ކުރިއެރި ނިސްބަތުން ކުރިއަށް ގޮސްފިނަމަ، ރާއްޖޭގެ އާބާދީ މުސްކުޅިވާނެ ކަމަށް ލަފާކުރެވޭ 2044 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 25،000 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ. ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ރާއްޖޭގެ އާބާދީ މުސްކުޅިވަމުންދާ ދުވެލި އާދަޔާ ހިލާފަށް އަވަސް ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން 2031 ވަނަ އަހަރު އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، ރާއްޖެ "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ގޮތުގައި ކަނޑައެޅޭނެއެވެ. އަދި 2033 ވަނަ އަހަރު ވަޒީފާ އަދާކުރާ އުމުރުފުރާގެ (15 އަހަރާއި 64 އަހަރާ ދެމެދު) މީހުންގެ ނިސްބަތް އެންމެ މައްޗަށް ދާނެއެވެ. ޖެހިގެން އަންނަ 2044 ވަނަ އަހަރު އާބާދީގެ 14 ޕަސެންޓް މީހުން 65 އަހަރުން މައްޗަށް ގޮސް، ރާއްޖެ ރަސްމީކޮށް "މުސްކުޅި އާބާދީއަކަށް" ބަދަލުވާނެ ކަމަށާއި 2050 އާ ހަމައަށް ދާއިރު އެ ނިސްބަތް 20 ޕަސެންޓަށްވުރެ މައްޗަށް ދާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

މުޅި ދެކުނު އޭޝިއާގެ ނިސްބަތަށް ބަލާއިރު، މަސައްކަތް ކުރާ އުމުރުގެ މީހުންގެ ނިސްބަތް 2034 ގައި އެންމެ މައްޗަށް ދިއުމަށް ފަހު، ސަރަހައްދުގެ އާބާދީ މުސްކުޅި އާބާދީއަކަށް ބަދަލުވާނެ ކަމަށް ބެލެވެނީ 2049 ގައެވެ. ދެކުނު އޭޝިއާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޕެންޝަން ނިޒާމުގައި ބައިވެރިވަނީ އެންމެ 17 ޕަސެންޓް ނަމަވެސް، ރާއްޖޭގެ ދައުލަތާއި އަމިއްލަ ދާއިރާ ހިމެނޭހެން ޕެންޝަން ކަވަރޭޖް އޮތީ ސަރަހައްދަށް ވުރެ މާ ރަނގަޅު ފެންވަރެއްގައެވެ.

ނަމަވެސް، ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑެތި އިގްތިސޯދީ އަދި އިޖުތިމާއީ ގޮންޖެހުންތައް ރާއްޖެއަށް ވެސް އެބައޮތެވެ. އޭގެ ތެރޭގައި، ރާއްޖޭގައި މީހުންގެ އުމުރު 80 އަހަރާ ގާތްކުރި ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކުރެވެނީ ގާތްގަނޑަކަށް 70 އަހަރު ކަމަށް ވުމާއި، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެއެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކޯލް ސެންޓަރުތަކާއި އާދައިގެ އެކައުންޓިން ފަދަ ވަޒީފާތަކުގެ ފުރުސަތުތައް 2022 ގެ ފަހުން 24 ޕަސެންޓް ދަށަށް ގޮސްފައިވުމާއި، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ޒިންމާ އަންހެނުން އުފުލަންޖެހުމުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ 35 ޕަސެންޓުގައި މަޑުޖެހިފައި އޮތުންވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވުމަށް ބާކީ އޮތް 18 ވަރަކަށް އަހަރުގެ ތެރޭގައި އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުއްސަނދި ގައުމަކަށް ވުމުގެ މި ތާރީހީ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. އެހެންކަމުން މައިގަނޑު ހަތަރު ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، އަމިއްލަ ވިޔަފާރިތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ކުޑަކުދިން ބަލަހައްޓާ ނިޒާމުތަކާއި ލުއި މަސައްކަތުގެ މާހައުލެއް ގާއިމުކޮށް އަންހެނުން ވަޒީފާގެ ބާޒާރަށް ނެރުމެވެ. އަދި ހޮސްޕިޓަލްތަކަށް ބަރޯސާވުން ކުޑަކޮށް، ޕްރައިމަރީ ހެލްތު ކެއާ މެދުވެރިކޮށް ބަލިތައް ދުރާލާ ދެނެގަތުމާއި، ދުވަސްވީ މީހުން ބަލަހައްޓާނެ ތަމްރީނު ލިބިފައިވާ ހިދުމަތްތެރިން އުފެއްދުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވާ މީހުންނަށް އާ ހުނަރުތައް ދަސްކޮށްދީ މަސައްކަތުގައި ދެމިތިބެވޭނެ ގޮތް ހެދުމާއި، ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ އަދި ސިއްހީ ހަރަދުތައް ބޮޑުވާނެތީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށްވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.