ރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަކުރުމާ ގުޅޭ ގޮތުން ވޯލްޑް ބޭންކާ މަޝްވަރާކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ވޯލްޑް ބޭންކުން ދެކުނު އޭޝިއާ ސަރަހައްދަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް ޔޮހާނަސް ޒުޓް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ހެނދުނު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައިވާ ކަމަށެވެ. މި ބައްދަލުކުރެއްވުން އޮތީ މުލީއާގޭގައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވޯލްޑް ބޭންކުން ރާއްޖެއަށް މެދުކެނޑުމެއްނެތި ދެމުންދާ އެއްބާރުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމާއި ހަކަތައިގެ ދާއިރާ ހަރުދަނާކުރުން ހިމެނޭހެން، ސަރުކާރުން އިސްކަންދޭ މުހިންމު ތަރައްގީގެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެއިތުރުން، މި ކަންކަން ކުރިއެރުވުމަށާއި، ރާއްޖޭގެ ތަރައްގީގެ ފުޅާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ދެފަރާތުގެ ދެމެހެއްޓެނިވި ގުޅުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ބޭރުން އެތެރެކުރާ ފޮސިލް ފިއުލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި، ތެޔޮ އެތެރެކުރުމަށް ހިނގާ ހަރަދު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް މި ބައްދަލުކުރެއްވުމުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން، އަތްފޯރާ އަގެއްގައި އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ހަކަތައިގެ ހައްލުތަކެއް ހޯދުމުގެ މުހިންމުކަމާއި، މި ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، ސިއްހީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ހަރަދުތައް ކުޑަކުރަމުންދާއިރު، ތަރައްގީގެ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ގައުމުގެ ދުރު ރާސްތާގެ ބޭނުންތަކަށް ރިއާޔަތްކުރެވިގެން ހިންގޭ މަޝްރޫއުތަކަކަށް ހެދުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި، މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ ތަރައްގީގެ މަސައްކަތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ. މިފަދަ މަސައްކަތްތައް ފުރިހަމަކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ވޯލްޑް ބޭންކުގެ ސަރަހައްދީ ނައިބު ރައީސް ޒުޓް ވަނީ، އެ ބޭންކަށް އެހީތެރިކަން ފޯރުކޮށްދެވެން ހުރި ދާއިރާތަކުން ރާއްޖެއަށް އެއްބާރުލުން ދިނުމަށް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ޔަގީންކަން ދެއްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވާ މިންވަރާއި، އެކަމާ ގުޅިގެން ކުރިމަތިވާ ނާޒުކު ހާލަތްތައް ކުޑަކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމުގެ ފުރުސަތު ފުޅާދާއިރާއެއްގައި އޮތްކަން އޭނާ ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.