ތެލުގެ އަގު އުފުލުމާއި ފަތުރުވެރިކަމުގެ އާމްދަނީއަށް އައިސްފައިވާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ދައުލަތުގެ ރިޒާވް ވަރުގަދަކުރުމަށާއި އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވާކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެެއްޖެއެވެ.

ޒަރީރު "ރޮއިޓާސް" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރާއްޖެއަކީ ބޭނުންވާ ހުރިހާ ތެލެއް އިމްޕޯޓްކުރާ ގައުމަކަށް ވާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ހަކަތައިގެ ސަބްސިޑީއަށް ކުރާ ހޭދަ މިއަހަރު ތިންގުނަ އިތުރުވެފައިވާ ކަމަށެވެ.

މީގެ ސަބަބުން ދައުލަތުގެ ބަޖެޓް ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 ޕަސަންޓުން 9 ޕަސަންޓަށް އުފުލުމުގެ ބިރު އެބައޮތްކަމަށް ޒަރީރު ވިދާޅުވިއެވެ. ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ފިސްކަލް ކޮންސޮލިޑޭޝަންގެ މަސައްކަތްތަކަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އިގްތިސޯދު އިތުރަށް ހަމަ މަގަށް އެޅުވުމަށްޓަކައި ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ ބައިވެރިންގެ އެހީތެރިކަން މިވަގުތު ބޭނުންވާކަމަށް ޒަރީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސޯދީ ދުވެލި މަޑުޖެހިފައިވީ ނަމަވެސް، އަންނަ އަހަރު އިގްތިސޯދު 3.8 ޕަސަންޓަށް އަދި 2028 ވަނަ އަހަރު 6.8 ޕަސަންޓަށް ކުރިއަރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ވޯލްޑް ބޭންކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި 250 މިލިއަން ޑޮލަރު ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވޯކް އެއްބަސްވުމެއްގައިވެސް މިދިޔަ މަހުވަނީ ސޮއިކޮށްފައެވެ.

މީގެ އިތުރުން، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުތައް ހޯދުމާއި، އޮސްޓްރޭލިއާ ފަދަ އާ މާކެޓްތަކަށް ދަތުރުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ އިގްތިސޯދު ޑައިވާސިފައިކޮށް، 2028 ވަނަ އަހަރާ ހަމައަށް އިއާދަކުރަނިވި ހަކަތައިގެ ބޭނުން 33 ޕަސަންޓަށް އިތުރުކުރުންކަމަށް ޒަރީރު ވިދާޅުވިއެވެ.