މިފަހަރު ވޯލްޑް ކަޕްގެ އެންމެ ބޮޑު އެއް ހޯސްޓް، އެމެރިކާއަކީ ވޯލްޑް ކަޕަށް ވާދަކުރާނެ ކަމަށް ބަޔަކު ގަބޫލުކުރާ ޓީމެއް ނޫން ނަމަވެސް، އެގޮތަށް ނުވިސްނަންވީ ސަބަބެއް ނެތް ކަމަށް ކޯޗު މައުރީޝިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މީގެ ދެ ދުވަސްކުރިން ދިން ހާއްސަ އިންޓަވިއު އެއްގައި ޕޮޗެޓީނޯ ބުނީ ވޯލްޑް ކަޕަށް ވާދަކުރާ ޓީމުތައް ކިޔާއިރު އެމެރިކާގެ ނަން ނުގެންނަންވި ސަބަބެއް ނެތް ކަމަށެވެ. އަދި އޭގެ ކުރިންވެސް ތަކުރާރުކޮށް އޭނާ ވަނީ އެމެރިކާ ވޯލްޑް ކަޕަށް ވާދަކުރާނެ ކަމަށް ބުނެފައެވެ. އެގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސުވާލުކުރެއްވުމުން ޖަވާބު ދެއްވި އިރުވެސް އެމެރިކާއަށް ވޯލްޑް ކަޕް ނެގިދާނެ ކަމަށް ޕޮޗެޓީނޯ ބުނެފައިވެއެވެ.

އެމެރިކާއިން 1930 ވަނަ އަހަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި އިރު، ދެން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ 2002 ވަނަ އަހަރު ކުއާޓާ ފައިނަލްގައި ކުޅުމެވެ. އެމެރިކާއިން 1950 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅުނު ނަމަވެސް ދެން ކުޅުނީީ 1990 އިން 2014 އާއި ދެމެދު އޮތް ވޯލްޑް ކަޕްތަކުގައެވެ. 2018 ވަނަ އަހަރު އެގައުމަށް ވޯލްޑް ކަޕު ގެއްލުނު ނަމަވެސް، 2022 ވަނަ އަހަރު އަނެއްކާވެސް ވޯލްޑް ކަޕަށް ނުކުތެވެ. އެހެންނަމަވެސް މާބޮޑު ވަރެއް ނުކުރެވުނެވެ.

އެމެރިކާއިން ލީގު ވަރުގަދަކޮށް، ފުޓުބޯޅައިގައި އެހެން ހަރުފަތަކަށް ދާން މަސައްކަތް ކުރާ އިރު، މާދަމާ ހެނދުނު ކުޅޭ މެޗު ވެގެންދާނީ ހޯސްޓްގެ އެންމެ ބޮޑު އެއް ޓެސްޓަށެވެ.

"އަހަންނަށް އެނގޭ ޕަރަގުއާއީގެ މެންޓާލިޓީ. އެޓީމަކީ އެގްރެސިވް ޓީމެއް. އެކަން ފެނުނު ކޮލިފިކޭޝަންގައިވެސް. އާޖެންޓީނާއާއި ބްރެޒިލްވެސް ބަލިކޮށްފައި އެ އައީ. އެހެންވީމަ އަހަރެމެންނަށް އުނދަގޫވާނެ،" އާޖެންޓީނާއަށް ކުޅެ، ކޯޗުކަން ކުރަމުންދާ ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ޕަރަގުއާއީގެ ކޯޗު ގުސްޓާވޯ އަލްފާރޯއަކީ އޭނާ ވަރަށް އިހުތިރާމުކުރާ ކޯޗެއް ކަމަށާއި، ތައުރީފުވެސް ކުރާ ކޯޗެއް ކަމަށެވެ.

އެމެރިކާގެ ފުރަތަމަ މެޗު އޮންނާނީ މާދަމާ ހެނދުނު 6:00 ގައެވެ.