އެމްޑީޕީއަށް އާ ޗެއާޕާސަންއަކު އިންތިހާބު ކުރުމަށް މާދަމާ ބާއްވާ ވޯޓުލުމުގެ ވަގުތު އިތުރުކުރުމަށް އެ ޕާޓީގެ އިންތިހާބާބެހޭ ކޮމިޓީން ނިންމައިފިއެވެ.

އެ އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންދަން ކުރިން ނިންމާފައި އޮތީ މާދަމާ މެންދުރުފަހު 14:30 އިން ރޭގަނޑު 20:00 އަށެވެ. ނަމަވެސް އިންތިހާބާބެހޭ ކޮމިޓީގެ އާ ނިންމުމާއެކު، ރޭގަނޑު 20:30 އާ ހަމައަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން އުފުއްލަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަންކަމާއި، ރައީސްކަންވެސް މީގެކުރިން އަދާކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެން ވާދަކުރައްވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

ވޯޓުލުމުގެ އިންތިޒާމުތައް:

  • ވޯޓު ފޮށި: ޖުމްލަ 241 ފޮށި (ރާއްޖޭގައި 240 ފޮށި، ސްރީލަންކާގައި 1 ފޮށި)
  • ވޯޓުލާ މަރުކަޒުތައް: ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ ސްކޫލްތަކުގައި
  • މާލޭގެ މަރުކަޒުތައް: މާލޭގެ 10 ސްކޫލެއްގައި ވޯޓުލުން ކުރިއަށްދާނެ. އެއީ ހުރަވީ، ދަރުމަވަންތަ، މަޖީދިއްޔާ އަމީނިއްޔާ، ކަލާފާނު، އިސްކަންދަރު، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން އަދި ކާމިލްދީދީ ސްކޫލް

އެމްޑީޕީގެ ދާއިމީ ވޯޓާސް ލިސްޓުގައިވާ ގޮތުން އިންތިހާބުގައި 48,912 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރަސްމީ ދަފުތަރުގައިވާ ގޮތުން އެމްޑީޕީއަކީ 43,784 މެންބަރުންނާއެކު ރާއްޖޭގެ ދެވަނައަށް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.