އިންޑިއާގައި އަންހެނަކަށް އުފަންވާ ކުދިންގެ ނިސްބަތް ނުވަތަ ޓޯޓަލް ފާޓިލިޓީ ރޭޓް ފުރަތަމަ ފަހަރަށް 1.9 އަށް ދަށަށް ގޮސްފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ 2.1 ގެ ނިސްބަތަށްވުރެ ދަށް އަދަދެކެވެ.
އިންޑިއާގެ އޮފީސް އޮފް ދަ ރެޖިސްޓްރާ ޖެނެރަލް އިން ނެރުނު ސާމްޕަލް ރެޖިސްޓްރޭޝަން ސިސްޓަމް (އެސްއާރްއެސް) ރިޕޯޓުގައިވާ ގޮތުން، ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި އެ ގައުމުގެ ފާޓިލިޓީ ރޭޓް ވަނީ 17.4 އިންސައްތަ ދަށަށް ގޮސްފައެވެ. މި ބަދަލާއެކު، ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް އިންޑިއާގެ އާބާދީގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
އިގުތިސޯދީ ތަޖުރިބާކާރުން ބުނި ގޮތުގައި، މިހާތަނަށް އިންޑިއާގެ އިގުތިސޯދީ ކުރިއެރުމުގެ މައިގަނޑު އެއް ސަބަބަކީ މަސައްކަތްކުރާ އުމުރުގެ ޒުވާނުން ގިނަވުމެވެ. ނަމަވެސް، އުފަންވާ ކުދިންގެ ނިސްބަތް ދަށްވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި މަސައްކަތްކުރާ މީހުންގެ އާބާދީ މަދުވެ، އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް އިތުރުވުމުގެ ބިރު އެބައޮތެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދެމުން އިންޑިއާގެ އިގުތިސޯދީ ތަޖުރިބާކާރެއް ކަމަށްވާ ދީޕާ ސިންހާ ބުނި ގޮތުގައި، އުފަންވާ ކުދިންގެ އަދަދު މަދުވުމުން، ކުރިއަށް އޮތް 30 ނުވަތަ 40 އަހަރުގެ ތެރޭގައި މަސައްކަތުގެ މާހައުލަށް ނުކުމެވޭ މީހުން މަދުވެ، ގައުމުގެ މަސައްކަތްތެރިންގެ އާބާދީއަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެއެވެ.
އދ. ގެ ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ދާދި ފަހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާގެ އާބާދީ މިހާރު 1.46 ބިލިއަނަށް އަރައެވެ. އުފަންވާ ނިސްބަތް ދަށްވި ނަމަވެސް، ކުރިން އުފަންވެފައިވާ ޒުވާނުންގެ އާބާދީ ބޮޑުވުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިންޑިއާގެ އާބާދީ އިތުރުވަމުންދާނެ ކަމަށް އާބާދީއާ ބެހޭ ތަޖުރިބާކާރުން ފާހަގަކުރެއެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ