މަސްތުވާތަކެތީގެ މައްސަލަތަކުގައި ކޮންޓްރޯލް ޑެލިވަރީ ހިންގުމާއި ކުޑަކަމުދާއެއްޗެހި ދިނުމަށް އެންގުމާއި އެ އެއްޗެހި ތަހުލީލު ކުރުމަށް ފޮނުވުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވައިދު އާއްމުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި ގަވާއިދުގެ ސަބަބުން، މަސްތުވާތަކެތީގެ ތަހުގީގުތަކުގައި، ކޮންޓްރޯލް ޑެލިވަރީ ހިންގުމަށް ހުއްދަ ހޯދުމާއި، ހުއްދަ ދިނުމާއި، އެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާއި، ބަލަހައްޓާނެ ގޮތުގެ އިތުރުން ރިޕޯޓް ކުރާނެ ސާފު އުސޫލުތަކެއް އަދި އެ ކަންކަން ޖަވާބުދާރީވާގޮތަށް ކުރުމަށް، ތަހުގީގުކުރާ ފަރާތްތަކަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރިކަމުގެ ތުހުމަތު ކުރެވޭ މީހުންގެ ކުޑަކަމުދާ އެއްޗެހި ދިނުމަށް، ތުހުމަތުކުރެވޭ ފަރާތްތަކަށް އެންގޭނެ ހާލަތްތަކާއި، އެކަން އެންގުމުގައި އަމަލުކުރާނެގޮތާއި، ކުޑަކަމުދާ އެއްޗެހި ނެގުމާއި، ތަހުލީލުކުރުމަށް ލެބޯޓްރީއަށް ފޮނުވުމުގައި އަމަލުކުރާނެ އިޖުރާއަތްތައް ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން ބުނީ ކުޑަކަމުދާ އެއްޗެއްސާ ގުޅޭގޮތުން މި ގަވާއިދުގެ ސަބަބުން އަންނަ އެއްމެ ބޮޑު އެއް ބަދަލަކީ، ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރުކުރީކަމަށް ބެލެވޭނެ ވަގުތު 12 ގަޑިއިރަށް ކުޑަވެގެން ދިއުން ކަމަށެވެ.
މި ގަވާއިދުގައިވާ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭނީ ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ އެކަމަށް ކަނޑައަޅާފައިވާ ފުލުހުންގެ އިސް އޮފިސަރެއްގެ ހާއްސަ ހުއްދައެއް ލިބިގެންނެވެ.
ކޮންމެ އޮޕަރޭޝަނަކަށް ވެސް ވަކިވަކީން ހުއްދަ ހޯދަންޖެހޭއިރު، އެ ހުއްދަ ދިނުމުގައި މައްސަލައިގެ ތަފުސީލަށާއި، އޮޕަރޭޝަން ހިންގުމުގެ މުހިންމުކަމަށާއި، ބައިވެރިވާ އޮފިސަރުންނާއި، ސަލާމަތީ ކަންކަމުގެ އިތުރުން ތަހުގީގަށް ލިބޭނެ ކުރިއެރުމަށް ރިއާޔަތްކުރަންޖެހެއެވެ.
ޒިންމާދާރުކަން އިތުރުކުރުމުގެ ގޮތުން، ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންތަކާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ރިޕޯޓްކުރުން މި ގަވައިދުން ލާޒިމުކުރެއެވެ. މިފަދަ އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުމާއި، ކަމާ ގުޅުންހުރި އެހެން ފަރާތްތަކުގެ ބައިވެރިވުން ހޯދުމާއި، އޮޕަރޭޝަން ކުރިއަށް ގެންދިއުން، ނުވަތަ މެދުކަނޑާލުމުގެ އިތުރުން، އޮޕަރޭޝަން ނިމުމުން އެކަމުގެ މައުލޫމާތު ހުށަހަޅާނެ ގޮތްތައް ވެސް ވަނީ ބަޔާންކޮށްފައެވެ.
ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނެގުމާ ގުޅޭގޮތުން، ސާމްޕަލް ދޭން ޖެހޭ ފަރާތަށް އެކަން އެންގުމާއި، ސާމްޕަލް ނެގުމާއި، ރައްކާތެރިކަމާއެކު އެތަކެތި އުފުލުމާއި، ތަހުލީލުކުރުމަށް ރަސްމީ ލެބޯޓްރީއަށް ހުށަހެޅުމުގެ ނިޒާމެއް މި ގަވައިދުން ގާއިމުކުރަން ޖެހެއެވެ. ހަމައެހެންމެ، ގާނޫނުގައިވާ ގޮތުގެ މަތިން، ފުލުހުންގެ ފޮރެންސިކް ލެބޯޓްރީ ނޫން އެހެން ލެބޯޓްރީއަކުން ސާމްޕަލް ތަހުލީލުކުރުމަށް އެދުމުގެ ފުރުސަތު ސާމްޕަލް ދޭ ފަރާތަށް ލިބިގެންވާކަން ވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
ފުލުހުން ބުނީ މިއީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، އެ ތަކެތި އެތެރެކުރުމާއި، ބޭނުންކުރުމުގެ ސަބަބުން މުޖުތަމައަށް ލިބޭ ގެއްލުންތަކުން ރައްޔިތުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ބާރެއް ކަމަށެވެ.
އިއްޔެއިން ފެށިގެން މި ގަވައިދަށް ވަނީ އަމަލު ކުރަން ފަށައިފައެވެ.
އިބްރާހިމް ޒަކީ
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު
ގާނޫނާއި ގަވައިދު