ފެށުމުގެ ކުރިންވެސް މި ހާވަނީ ހަޑިއެވެ. އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ވޯލްޑް ކަޕް ބާއްވަން އިއުލާނުކުރި ހިސާބުންވެސް އެތައް ބަޔަކަށް މިއަދުގެ މަންޒަރު ސާފުވިއެވެ. 2022 ވަނަ އަހަރު ގަތަރު ގޯސްކޮށް، ގަތަރުގެ އޮތް އުސޫލުތައް މުގުރާލަން ހިފި ހުޅަނގަށް މިއަދުގެ މަންޒަރު ނުފެނުނަސް، އެ މަންޒަރު އެތައް ބަޔަކު މިދަނީ ދެކެމުންނެވެ. އެމެރިކާއިން ބުނާހާ އެއްޗެއް ގަބޫލުކުރާ ބަޔަކު އިރަކު އުޅުނަސް، މިއަދު އެ ނޫން މީޑިއާތައްވެސް އެބަހުއްޓެވެ. ދައްކަން ބޭނުން ނުވާ މަންޒަރު ތިލަކޮށްދޭނެ ބަޔަކު އެބަ ތިއްބެވެ.
އެމެރިކާއަކީ މިފަހަރު ވޯލްޑް ކަޕްގެ އެންމެ ވަރުގަދަ ހޯސްޓެވެ. ދުނިޔޭގެ އެންމެ ގަދަ ބާރު ކަމަށް ހެދިގެން އުޅޭ، އެންމެ ތަހުޒީބު ކަމަށްވެސް ހެދިގެން އުޅޭ ގައުމެވެ. އެހެން ނަމަވެސް، ފެންނަ އެއްވެސް މަންޒަރަކުން އެކަމަކަށް ހެއްކެއް ނުދެއެވެ. ހަގީގަތުގައި އެތައް ބިލިއަން ބަޔަކު އެގައުމަށް ލޯ އަޅައިގެން ތިއްބާ އެ ހާވަނީ ހަޑިއެވެ. ވަކި ގައުމަކާ ޖައްސާލައި، އެގައުމުގެ ސަޕޯޓަރުން ވަނަ ނުދިނީއެވެ. ޓީމެއް ހަމަޔަށް އެގައުމަށް އެތެރެވުންވެސް އެއީ ނާދިރު ކަމަކަށް ވެއްޖެއެވެ. ކޮންމެވެސް ކުޅުންތެރިޔަކު ނޫނީ އޮފިޝަލެއްގެ ވިސާގެ މައްސަލަ ނާންނަ ދުވަހެއް ނެތެވެ.
އަދި ކޮބައި ހެއްޔެވެ. އެފްރިކާގެ އެންމެ މޮޅު ރެފްރީއަށްވެސް މުބާރާތް ގެއްލިއްޖެއެވެ. ޓިކެޓް ވިއްކުމުގައި ހެދޭ ނުހެދޭއެއް ނޭނގޭ ހާލަތުގައި އެތައް ބަޔަކު ރަތަށް އަރައިފިއެވެ. އިމިގްރޭޝަން ރެއިޑްތަކުގެ ބިރު ދައްކަނީއެވެ. ހޫނު ގަދަވުމާއި ކުޅުންތެރިންގެ ރައްކާތެރިކަމަށް އެއްވެސް ހައްލެއް ނުހޯދެއެވެ. ކޮންމެޔަކަސް ފީފާގެ ރައީސް އިންފަންޓީނޯއަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕަށް ޕީސް ޕްރައިޒް ދޭން މަޖުބޫރު ވީ ގޮތަށް، ހަނގުރާމައިގެ ތެރޭގައި އޮތް އެމެރިކާގައި މިކަމެއް ކުރާން ވެސް ޖެހިއްޖެއެވެ.
އިރާނާ ޒާތީވެ، ސަޕޯޓަރުންނަށް ފުރުސަތު ނުދޭ ހިސާބަށް
އެމެރިކާއާއި އިރާނާ ދެމެދު އަދިވެސް ހަނގުރާމަ އެ ދަނީ ކުރިޔަށެވެ. މިއީ 1930 ވަނަ އަހަރަށްފަހު ހޯސްޓް ގައުމެއް ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމެއްގެ ގޮތުގައި އޮވެގެން ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. މި ހާލަތުގެ ކުރިން އެތައް ކަމެއް އިރާނާ ދެކޮޅަށް އެމެރިކާއިން ހިންގައިފިއެވެ. ހުސް ލާއިންސާނީ ޖަރީމާއެވެ.
އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.
އެމެރިކާއަށް ދިޔުމަށް އަދިވެސް ބައެއް އޮފިޝަލުންނަށް ވިސާ ދީފައި ނުވާ އިރު، އެމެރިކާއަށް މެޗު ކުޅެން ދާ ކުޅުންތެރިންނަށްވެސް ވަކި ވަގުތެއްގެ ތެރޭގައި ގައުމުން ފައިބަން ވަނީ އަންގައިފައެވެ. އިރާނުން އެމެރިކާއަށް ދިޔައީ އެމެރިކާއާއި އިޒްރޭލް އިސްވެ، އެގައުމުގެ ކުޑަކުދީންތަކެއް ޝަހީދުކޮށްލިކަމުގެ ހަނދާން އާކުރުމަށް ހާއްސަ ކޯޓެއްގައެވެ.
ވިސާ ނުދީ މުޅި އިރާން ޓީމު މާޔޫސްކޮށްލަން ކުރި މަސައްކަތުގައި އަދިވެސް ޓީމާ ހަމައަށް ނުދެވޭ އެތައް އޮފިޝަލުންނެއް އެބަ ތިއްބެއެވެ.
އެވަރުން ނުވެގެން އިރާން ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ވޯލްޑް ކަޕްގެ ޓިކެޓްތައް ފަހުވަގުތު ކެންސަލް ކޮށްފައިވާ ކަމަށް އިރާން ފުޓުބޯޅަ އިދާރާއިން ބުނެފައިވެއެވެ. ފީފާގެ އުސޫލުތައް ބުނާ ގޮތުން އެގައުމެއްގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގެ 8 ޕަސެންޓް ޓިކެޓް، ގައުމީ ފެޑަރޭޝަނުން ސަޕޯޓަރުންނަށް ވިއްކަން ހާއްސަކޮށްފައިވެއެވެ. އިރާނަށް މިހާރު އެ ޓިކެޓް ވިއްކޭކަށް ނެތެވެ. އެއީ އަދި އެތައް ސަޕޯޓަރުންނެއް ދަތުރު ހެދިފަހުން އެންގި އެންގުމެކެވެ. އެކަމަށް ފީފާއިން ހަނު ތިބި ނަމަވެސް، އެއީ ހަމަޔާއި އިންސާފުގެ އުސޫލަށް ވާނެ އެއްވެސް ގޮތެއް ނުފެނެއެވެ.
ފީފާއިން ބުނަނީ އެ އިދާރާއިން ހޯސްޓް ގައުމުގެ އިމިގްރޭޝަނާ ނުބެހެވޭނެ ކަމަށެވެ. އޭގެ އިތުރުން އިރާގުގެ ފޯވަޑް އައިމަން ހުސައިން، އެމެރިކާއަށް އެތެރެ ނުވެވި، ސުވާލުކުރުމަށް ހަތް ގަޑިއިރު މަޑުކުރަން ޖެހުނެވެ. ސްވިޒަލޭންޑްގެ ތަރި ބްރީލް އެމްބޯލޯއަށް އެމެރިކާއަށް ދާން ޖެހުނީ ޓީމާ ވަކިންނެވެ. އިރާގުގެ ފޮޓޯގްރަފަރު ތަލާލް ސަލާހަށް އެމެރިކާއަށް ނުވެސް ވަދެވުނެވެ. އެތައް ސަޕޯޓަރުންނެއް އުޅޭނެ ހާލު ދެން ވިސްނާލާށެވެ. މިއީ މިދިޔަ ދެތިން ދުވަހު ހޭވި ހަޑިތަކުގެ މަދު ވާހަކަތެކެވެ. މިއުޅެނީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަން ދާ، އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ޓީމުތައް ތައްޔާރުވާށެވެ.
ރެފްރީއަކަށްވެސް ސަލާމަތެއް ނެތް، މިއީ ލަދެއް
މިދިޔަ އަހަރު އެފްރިކާ ފުޓުބޯޅައިގެ މައި އިދާރާ ކޮންފެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) ގެ އެންމެ މޮޅު ފިރިހެން ރެފްރީ އޮމަރް އަބްދުލްކާދިރަށް އަރްޓަން އެމެރިކާއަށް އެތެރެ ނުވެވި، އޭނާއަށްވެސް ޖެހުނީ ފޯނާ އެއްޗެހި ދޫކޮށް ރަށަށް ދާށެވެ. މިއީ އެންމެ އެލީޓް އެއް ރެފްރީއަށް ދިމާވި ނިކަމެތި ހާލަތެވެ.
އެމެރިކާގެ ކަސްޓަމްސް އަދި ބޯޑާ ޕެޓްރޯލްއިން ބުނެފައި ވަނީ އެގައުމަށް ހޮނިހިރު ދުވަހު ތުރުކީ މަގުން ދިޔަ ސޯމާލިއާ ރައްޔިތަކު މަޔާމީ އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށެވެ. އޭނާ އެތެރެވިޔަ ނުދީ ހިފަހައްޓަން ޖެހުނީ ސީރިއަސް މައްސަލަތަކެއްގެ ސަބަބުންކަން ހާމަކޮށްފައިވީ ނަމަވެސް، އެއީ ކޮން ސަބަބުތަކެއް ކަމެއް އެމެރިކާގެ އިދާރާތަކުން ބުނެފައެއް ނުވެއެވެ.
"އަހަންނަށް ދެންމެ އަޑު މި އިވުނީ ސޯމަލިއާ ރެފްރީއަށް އެތެރެ ނުވެވުނު ވާހަކަ. ކޮންމެ ގަޑިއިރަކުން އެއްފަހަރު އެބަ އާދޭ ސަޕޯޓަރުންނަށް އެމެރިކާއަށް ނުވަދެވޭ ވާހަކަ. ކުޅުންތެރިޔަކަަށް ނުދެވޭ ވާހަކަ. ޖާނަލިސްޓުންނާއި މިހެން ގޮސް ރެފްރީންނަށްވެސް އެމެރިކާއަށް ނުވަދެވޭ. މިއީ ހެވިފަ ދެއްކޭނެ ވާހަކައެއް ނޫން. މިއީ އެތައް ގޮތަކުން ބޮޑު ލަދެއް. ޓިކެޓާއި ހުރުން، ދަތުރުފަތުރުގެ އަގަށްވެސް އަތެއް ނުފޯރާ. މިއީ ދުނިޔޭގެ އެންމެ ޝަރަފުވެރި، އެންމެ ހައިބަތު ބޮޑު ކުޅިވަރުގެ ހޯސްޓުން އުޅެން ޖެހޭ ގޮތްތަ؟ މި ކުރަނީ ވޯލްޑް ކަޕެއް ހަލާކު،" ކުރިން އިންގްލެންޑަށް ކުޅުނު އާސެނަލް ލެޖެންޑް އައާން ރައިޓް ބުންޏެވެ.
އެ ބުނީ ވަރަށް ރަނގަޅު ވާހަކައެކެވެ. އަރްޓަން ތައްޔާރުވަމުން ދިޔައީ ވޯލްޑް ކަޕްގައި ރެފްރީކަން ކުރާ ސޯމާލިއާގެ ފުރަތަމަ ރެފްރީއަށް ވުމަށެވެ. އެކަން ނުވީ ސޯމާލިއާއަށް އޮތް ފިޔަވަޅުތަކަކަކުންނެވެ. އެކަން ހައްލު ކުރަން ސޯމާލިއާ ސަރުކާރުން އޭނާއަށް ދިނީވެސް ޑިޕްލޮމެޓިކް ޕާސްޕޯޓެކެވެ. އެވަރުންވެސް ޓްރަމްޕްގެ ހުދުމުހުތާރު ކަމުން ސަލާމަތެއް ނުވިއެވެ.
އެހެން ހުރިހާ ގައުމެއްގެ ހުރިހާ ކަމަކަށް ފާޑު ކިޔާ އެމެރިކާގެ ސްޓޭޑިއަމްތަކުގެ މަސައްކަތެރިންވެސް ހަޅުތާލު ކުރަނީއެވެ. އެމްނެސްޓީ އިންޓަނޭޝަނަލްއިންވެސް ބުނީ އެމެރިކާގެ ވޯލްޑް ކަޕުގެ ތެރެއިން ކުށެއް ނެތް އެތައް ބަޔަކު އެގައުމަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އެތައް ހާސް ސަޕޯޓަރުންނަކަށް ވޯލްޑް ކަޕަށް ނުދެވި، އިންސާނީ ހައްގުތަކަށް އަރައިގަނެވިފައިވާ ކަމަށްވެސް ބުންޏެވެ. ޓިކެޓް ކަންތައް ދެން ކިޔާނެވެސް ކަމެއް ނެތްތާއެވެ. އެތައް ޝަކުވާއެއް ފުނި ޖެހިފައެވެ. ސަލާމަތީ ކަންކަމަށް ހައްލު ޔަގީނެއް ނޫނެވެ. އެމެރިކާ، ވޯލްޑް ކަޕް ނުފަށަނީސް ފެއިލްވެއްޖެއެވެ. މި ހާވަނީ ބޮޑު ހަޑިއެކެވެ.
މުޙައްމަދު ޝަމްޢޫން

ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް