ސިއްހީ ސަބަބުތަކަށްޓަކައި މިނިސްޓަރުގެ މަގާމުން ދުރަށްޖެހިވަޑައިގެންނެވި ނަމަވެސް، ވެރިކަން ކުރާ ޕީއެންސީގެ ފިކުރާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ސާބިތުކަމާއެކު ހުންނަވާނެކަަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ދެއްވައިފިއެވެ.
ސިއްހީ ސަބަބުތަކާ ގުޅިގެން ޒަމީރު ވަނީ ފިނޭންސް މިނިސްޓަރުގެ މަގާމުން އިއްޔެ އިސްތިއުފާ ދެއްވައިފައެވެ.
ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ދުނިޔޭގެ މަސްރަހާއި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން އިގްތިސާދީ ގޮތުން ގައުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ފިނޭންސް މިނިސްޓަރުގެ މަގާމަކީ ނުހަނު ބުރަ ޒިންމާތަކެއް އުފުލަންޖެހޭ މަގާމެއް ކަމަށެވެ. ނަމަވެސް، އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން އެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރުމަށް އުނދަގޫތަކެއް ހުރި ކަމަށެވެ.
"އެހެންވީމާ މިކަހަލަ ހާލަތެއްގައި އަޅުގަނޑު އެތަން ހިސޯރުކޮށްގެން، އަޅުގަނޑަށް އަދި މިވަގުތު އެތަނުގައި ގިނަ ދުވަހު ނުހުރެވޭ ކަހަލަ ދިމާލަކަށް އަޅުގަނޑުގެ ސިއްހީ ހާލަތު ހުރި ގޮތުން ދާންޖެހޭއިރު ވެސް އަޅުގަނޑު ހަމަ އޭގައި ބައްދައިގެން ހުންނާކަށް ނުވާނެ ދެއްތޯ،" ޒަމީރު ވިދާޅުވިއެވެ.
ޕީއެންސީގައި މަގާމުތަކުގެ ޒިންމާ އުފުލޭނެ ފަދަ ގާބިލު ޒުވާނުން ތިބިކަން ފާހަގަކުރައްވައި، އެ ބޭފުޅުންނަށް ޖާގަ ދެއްވުމަކީ މުހިންމު ކަމެއްކަމަށް ޒަމީރު ވިދާޅުވިއެވެ. މަގާމުން ވަކިވެވަޑައިގަތަސް، ރައީސް މުއިއްޒުގެ "އުފެއްދުންތެރި" ސިޔާސަތުތައް ކުރިއެރުވުމުގައި ދެމިހުންނަވާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވަން ބޭނުންވަނީ އަޅުގަނޑު މިހުރީ އެ ފިކުރުގައޭ. އިސްލާމްދީނަށް ހޯއްދަވައި ދެއްވާ ކުރިއެރުމާއި ގައުމިއްޔަތަށް ހޯއްދަވައި ދެއްވާ ކުރިއެރުމާއި ރައްޔިތުންގެ ކެރިފޯރުންތެރިކަމަށް ހޯއްދަވައިދެއްވާ ކުރިއެރުންތައް ފާހަގަކޮށް އެމަނިކުފާނާ އެކީގައި މިހުރީ،" ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގެ ދަރަނީގެ ހާލަތުން ސަލާމަތްވުމަށް ރައީސް މުއިއްޒު ކުރައްވަމުންދާ މަސައްކަތްތަކަށް އޭނާ ތައުރީފު ކުރައްވައި ޒަމީރު ވިދާޅުވީ، 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމުގައި ރައީސް ގެންގުޅުއްވި ދުރުވިސްނޭ ފިޔަވަޅުތަކަކީ ގައުމުގެ އިގްތިސާދީ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.
އެ 500 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުމުގެ ގާބިލުން ރާއްޖެއަށް ލިބިގެންވާކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލު އުފައްދަމުން ދަނިކޮށް އަދި އައިއެމްއެފްގެ ބެއިލްއައުޓަކަށް ނުދާން ނިންމަވައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވުމަކީ، ރައީސް މުއިއްޒުގެ ތާރީހީ ކާމިޔާބީއެއްކަމަށް ޒަމީރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
މޫސާ ޒަމީރު
މޫސާ ޒަމީރު
މޫސާ ޒަމީރު
މޫސާ ޒަމީރު