ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހުގެ ހަވީރެވެ.
ތިން ދުވަހުގެ އެ ދަތުރުގައި ޖައިޝަންކަރު ވަނީ ޒަމީރުގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒާއި ޒަމީރާއެކު ބޭއްވި ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ އިންޑިއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި ސައީދާއި ގައްސާން އަދި ޝަފީގު އާއެކު ބޭއްވި ބައްދަލުވުމުގައި ޖައިޝަންކަރު ވަނީ ރާއްޖެއަށް ބޭނުންވާ އެކިއެކި ކަންކަމުގެ މައުލޫމާތު ސާފުކޮށް، އެކަންކަން ފޯރުކޮށްދޭނެ އެހީއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
ޖައިޝަންކަރުގެ ދަތުރުގައި އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު މަސައްކަތާއި އައްޑޫ ސިޓީއަށް ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްފައިވެއެވެ.
އެ މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށްފަހު ޖައިޝަންކަރު އެނބުރި އިންޑިއާއަށް ފުރާވަޑައިގަންނަވަނީ އައްޑޫ ގަން އިންޓަނޭޝަން އެއާޕޯޓުން މިއަދު ހަވީރެވެ. މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ހަތަރުވަނަ ދަތުރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު