އިރާން ސަޕޯޓަރުންނަށް ހާއްސަކޮށްފައިވާ ވޯލްޑް ކަޕް 2026 ގެ ޓިކެޓްތައް ފަހުވަގުތު ކެންސަލް ކޮށްފައިވާ ކަމަށް އިރާން ފުޓުބޯޅަ އިދާރާއިން ބުނެފިއެވެ.
އިރާން ފުޓުބޯޅަ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ފީފާގެ އުސޫލުތައް ބުނާ ގޮތުން އެގައުމެއްގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގެ އަށް ޕަސެންޓް ޓިކެޓް، ގައުމީ ފެޑަރޭޝަނުން ސަޕޯޓަރުންނަށް ވިއްކަން ހާއްސަކޮށްފައިވާ ކަމަށެވެ. އެއީ ކުޅޭ ގައުމުގެ ސަޕޯޓަރުންނަށް އިސްކަން ދޭން އެސޯސިއޭޝަން މެދުވެރިވެގެން ވިއްކާ ޓިކެޓެވެ.
އެ ޓިކެޓްތަކަށް އެމެރިކާއަށް ދާން ސަޕޯޓަރުން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށް، އެންމެ ފަހުވަގުތު އެމެރިކާއިން އެ ޓިކެޓްތައް ކެންސަލް ކޮށްފައިވާ ކަމަށްވެސް އިރާން ފެޑަރޭޝަނުން ބުނެފައިވެއެވެ. އެގޮތުން ފެޑަރޭޝަނުން ބުނީ އެގޮތަށް ކަނޑައަޅާފައިވާ ހާއްސަ ޓިކެޓްތައް މިހާރު ގްރޫޕް ސްޓޭޖު މެޗުތަކަށް ވިއްކަންވެސް ވަނީ ފަށައިފައެވެ. އެއީ އިރާނުން ނިއު ޒީލެންޑް އަދި ބެލްޖިއަމްގެ އިތުރުން މިސްރާ ދެކޮޅަށް ކުޅޭ މެޗުތަކަށެވެ.
ފެޑަރޭޝަނުން ބުނީ އިރާންގެ އެއްވެސް ސަޕޯޓަރަކަށް ފެޑަރޭޝަން މެދުވެރިވެ މިހާރު ޓިކެޓް ވިއްކެން ނެތް ކަމަށާއި، ފަހުވަގުތު ނިންމުން ނިންމީ އެމެރިކާއަށް އިރާން ސަޕޯޓަރުން ނުވައްދަން ކަމަށެވެ. އަދި އެއީ އުސޫލުން ބޭރު އަމަލެއް ކަމަށްވެސް ފެޑަރޭޝަނުން ބުނެފައިވެއެވެ. އަދި އެ ނިންމުމުގެ ސަބަބުން ބައިވެރިވާ ގައުމުތަކާމެދު ހަމަހަމަކޮށް ކަންކަން ކުރުމަށް ކުޅިވަރު ތެރޭގައި ގެންގުޅޭ އާއްމު އުސޫލު މުގުރާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިރާނަކީ މިފަހަރުގެ ވޯލްޑް ކަޕަށް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުފައިވާ ޓީމެވެ. އެމެރިކާއާއި އިޒްރޭލުގެ ލާއިންސާނީ ހަމަލާތަކާއެކު ހަނގުރާމަ ފެށުމުން އިރާނުން މިފަހަރު ފުރަތަމަ ނިންމީ ވޯލްޑް ކަޕަށް ނުދާށެވެ. އެއީ އެމެރިކާއިން ދުނިޔޭގެ ގާނޫނުތަކާ ހިލާފުވެ، އިރާނަށް ހަމަލާދީ އެގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ ހާމަނާއީ އަވަހާރަ ކޮށްލާފައިވުމާއި، އެތައް ކުދިންނެއް މަރާލާފައިވާތީއެވެ.
އެކަމުގައި އެތައް ދެބަސްވުންތަކެއްގެ ފަހުން، ފީފާއިން މަސައްކަތްކޮށް އިރާން ވޯލްޑް ކަޕުގައި ކުޅޭނެކަމުގެ ޔަގީންކަން ހޯދި ނަމަވެސް، އަދިވެސް ހާލަތު އޮތީ އެންމެ ރަނގަޅަކަށް ނޫނެވެ. އިރާނުން ފުރަތަމަ ކޭމްޕް ކުރަން އޮތީ އެމެރިކާގެ އެރިޒޯނާގައި ނަމަވެސް، ވިސާގެ މައްސަލަތައް ދިމާވާނެތީ ފީފާއަށް އެދިގެން އިރާނުން ވަނީ ކޭމްޕް، މެކްސިކޯގެ ތިޖުއާނާއަށް ބަދަލު ކޮށްފައެވެ.
އެމެރިކާއަށް ދިޔުމަށް އަދިވެސް ބައެއް އޮފިޝަލުންނަށް ވިސާ ދީފައި ނުވާ އިރު، އެމެރިކާއަށް މެޗު ކުޅެން ދާ ކުޅުންތެރިންނަށްވެސް ވަކި ވަގުތެއްގެ ތެރޭގައި ގައުމުން ފައިބަން ވަނީ އަންގައިފައެވެ.
އެމެރިކާއާއި އިރާނާ ދެމެދު އަދިވެސް ދަނީ ހަނގުރާ ހިނގަމުންނެވެ. މިއީ 1930 ވަނަ އަހަރަށްފަހު ހޯސްޓް ގައުމެއް ހަނގުރާމަ އިއުލާނު ކޮށްފައިވާ ގައުމަކުން ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026