އުތުރު އެމެރިކާގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ފަށަން ތައްޔާރުވެފައިވާ ފީފާ ވޯލްޑް ކަޕް 2026 ގައި ކުޅެވޭތޯ މަސައްކަތް ކުރަމުން އަންނަ ބްރެޒިލް ތަރި ނޭމާގެ އާ އެމްއާރްއައި ރިޕޯޓުތަކުން ދައްކާ ގޮތުގައި އަނިޔާ ރަނގަޅުވަމުން އަންނަކަމަށް ބްރެޒިލުން ބުނެފިއެވެ.

އަނިޔާގެ މައްސަލަތައް ބޮޑު ކުޅުންތެރިއެއްގެ ގޮތުގައި ފެނިގެންދާ ނޭމާއަށް މިފަހުން އަނިޔާވީ ފައިނަލް ސްކޮޑަށް އޭނާ ނެގިފަހުންނެވެ. އެއީ މިދިޔަ މަހު ފަހުކޮޅުގައެވެ. މިފަހަރު އަނިޔާވެފައި ވަނީ ނޭމާގެ ކުޑަކަޅުވާއަށެވެ. ކުރިން ޑޮކްޓަރުން ބުނީ ނޭމާއަށް ދޭއް ނޫނީ ތިން ހަފުތާ ދުވަހުގެ ކުޅުން ގެއްލޭނެ ކަމަށެވެ. އެގޮތަށް ޑޮކްޓަރުން ބުނި ނަމަވެސް، ފިޓްނަސްއަށް މަސައްކަތް ކޮށް، އެކަން ކާމިޔާބުވާނެކަމުގެ އުންމީދު އޮތުމުން ބްރެޒިލް ކޯޗު ކާލޯ އެންޗެލޮޓީ، އޭނާ ސްކޮޑުން ބޭރުކޮށްފައެއް ނުވެއެވެ.

ބްރެޒިލުން ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި މޮރޮކޯއާ ދެކޮޅަށް ނުކުންނަން ތައްޔާރުވެފައިވާ އިރު، ބްރެޒިލުން ބުނީ ގްރޫޕް ސްޓޭޖުގައި ނޭމާ ފެނުން ގާތް ކަމަށެވެ. އެއީ އެންމެފަހުގެ އެމްއާރްއައި ރިޕޯޓު ދައްކާގޮތުން ނޭމާގެ މަސްގަނޑަށް ލިބުނު އަނިޔާ ބޮޑުތަނުން ރަނގަޅުވެފައިވުމުން ކަމަށްވެސް ބްރެޒިލުން ބުންޏެވެ. އެހެން ނަމަވެސް އަދިވެސް އެއްކޮށް ފިޓް ނުވާތީ، ނޭމާ މަސައްކަތް ކުރާނީ ރިކަވަރީ މަރުހަލާއެއްގައި ކަމަށްވެސް އެ ޓީމުން ބުންޏެވެ.

ބްރެޒިލުން ފުރަތަމަ މެޗުގައި މޮރޮކޯއާ ވާދަކުރުމަށްފަހު ދެން ކުޅެން ޖެހޭނީ ހެއިޓީއާއި ސްކޮޓްލެންޑާ ދެކޮޅަށެވެ.

އުމުރުން 34 އަހަރުގެ ނޭމާއަކީ ގައުމީ ޓީމަށް 128 މެޗުން 79 ގޯލް ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. އޭނާއަކީ ގައުމީ ޓީމަށް ރެކޯޑު ގޯލް ޖެހުންތެރިޔާއެވެ.

ނޭމާ މި ފަހަރު ގައުމީ ޓީމަށް ނުކުންނަން ތައްޔާރު ވަނީ ގިނަ ދުވަސްތަކެއް ވަންދެން ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހުއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. 2023 ވަނަ އަހަރުން ފެށިގެން ނޭމާ ގައުމީ ޓީމަށް ކުޅެފައިނުވާ އިރު، ކާލޯ އެންޗެލޮޓީ ނޭމާ ވޯލްޑް ކަޕަށް ސްކޮޑަށް ނަގަން ނިންމި ނިންމުމަށް ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައިވެއެވެ. ނޭމާ މި ދޭތެރެޔަކުން އަނިޔާގެ ސަބަބުން ސާޖަރީއެއްވެސް ކޮށްފައިވެއެވެ.