ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝަށް ނުލިބުނީ ރެފްރީން އެކި ފަހަރުމަތިން ހަދާފައިވާ ގޯސްތަކުގެ ސަބަބުން ކަމަށް ކޯޗު، މައުރޫފުލް ހައްގު ބުނެފިއެވެ.

ރޭގެ މެޗަށް ރާއްޖޭން ނުކުތީ ފުރަތަމަ ކުޅުނު ދެމެޗުންވެސް ބަލިވެ، މުބާރާތުން ކަޓާފައި އޮވެގެންނެވެ. ފުރަތަމަ ކުޅުނު މެޗުގައި އަފްގާނިސްތާން ކައިރިން 1-0 އިން ރާއްޖެ ބަލިވި އިރު، ދެން ކުޅުނު މެޗުގައި ޕާކިސްތާން ކައިރިން ބަލިވީ 3-0 އިންނެވެ. އަނެއްކޮޅުން ބަންގްލަދޭޝްއިން މެޗަށް ނުކުތީ ޕާކިސްތާނާއި އަފްގާނިސްތާން ކައިރިންވެސް 0-0 އިން އެއްވަރު ކޮށްފައި އޮވެގެންނެވެ.

ރާއްޖެ ބަލިކޮށް ބަންގްލަދޭޝްއަށް ފައިނަލަށް ދެވެން އޮތް ނަމަވެސް، އެމެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ބަންގްލަދޭޝްގެ ސީނިއާ ޓީމުން މިވަގުތު ޔޫރަޕްގައި މެޗެއް ކުޅުމަށް ގޮސް ތިބި އިރު، ރާއްޖެ އައިސްފައި ވަނީ ބަންގްލަދޭޝްގެ ޒުވާން 23 އަހަރުން ދަށުގެ ޓީމެކެވެ. އެޓީމުން ބަލިނުވެ މުބާރާތް ނިންމާލީ ތިން މެޗުން އެއްވަރު ވެގެންނެވެ. ފައިނަލަށް ދިޔައީ ޕާކިސްތާނާއާއި އަފްގާނިސްތާނެވެ.

"ފެށިއިރުވެސް އަހަރެން ބުނީ ބަންގްލަދޭޝް އައީ ހަމައެކަނި ތަޖުރިބާ ހޯދާކަށް ނޫނޭ. މުބާރާތް ކާމިޔާބުކުރާށޭ. އަހަންނަށް ބަންގްލަދޭޝަކީ ޗެމްޕިއަނުން. އަސްލު ހަގީގަތުގައި އެކަން ނުވީ ރެފްރީންގެ ގޯސް ނިންމުންތަކާ ހެދި. ރެފްރީންގެ އިންސާފުވެރިކަމެއް ނެތުމުން އަހަރެމެންނަށް ފުރަތަމަ މެޗާއި ދެވަނަ މެޗުންވެސް މޮޅެއް ނުލިބުނީ. އެއީ ގަސްދުގައި ކުރި ކަމެއްކަންވެސް އެނގޭ،" މައުރޫފުލް ބުންޏެވެ.

ކުރިން ބަންގްލަދޭޝް ސީނިއާ ޓީމަށް ސާފް ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުގައިވެސް ކޯޗުކަން ކޮށްދީފައިވާ މައުރޫފުލް ދެން ވާހަކަ ދެއްކީ ރާއްޖޭގެ ފުޓުބޯޅަ ހާލަތާއި، ރޭގެ މެޗުގެ ފަހުކޮޅުގައި ހިނގައި ދިޔަ ކަންތައްތަކަށެވެ.

ރާއްޖޭގެ އިލާން ބަންގްލަދޭޝް ކުޅުންތެރިއެއް އަތުން ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ/ ވަން ސްޕޯޓްސް

ރޭ ކުޅުނު މެޗުގެ ފަހު ވަގުތުކޮޅު ހޫނުވެގެން ދިޔައެވެ. ބަންގްލަދޭޝްގެ ބެންޗުން މިރާޖުލް އިސާލަމަށް ރަތް ކާޑު ދެއްކި އިރު، ބަންގްލަދޭޝްގެ އަލް އަމީނަށްވެސް ރަތެއް ދެއްކިއެވެ. އޭގެފަހުން ބަންގްލަދޭޝް ގޯލް ކައިރިން ހިނގައި ދިޔަ ކަންތައްތަކެއްގައި ދެޓީމުގެ ކުޅުންތެރިން ހޫނުވެ، ބައެއް ހަމަލާތައް ދިންތަން ފެނުނެވެ. އަދި ބޭރުން ބައެއް ސަޕޯޓަރުން އަރައި ކުޅުންތެރިންނަށް ހަމަލާ ދޭން އުޅުނުތަންވެސް ފެނުނެވެ. އެވަގުތު ދެޓީމުގެ ބެންޗުންވެސް ވަނީ އަރައިގަނެފައެވެ.

ފުލުހުންގެ އެހީއާއެކު ފަހުން ހާލަތު ކޮންޓްރޯލް ކުރަން ޖެހުނު އިރު، މައުރޫފުލް ބުނީ ރާއްޖޭގެ ކުޅުންތެރިންނަށް ހަގީގީ ޗެލެންޖާ ކުރިމަތި ނުލެވުން އެއީ ފުޓުބޯޅަ ދަށަށް ދާ އެއް ސަބަބު ކަމަށެވެ.

"އަހަންނަށް އެނގޭ މި ސަރަހައްދުގެ ފުޓުބޯޅަ. ރާއްޖެ ދަށަށް ދާ ސަބަބުވެސް އެނގޭ. އަހަންނަށް ފެނުނީ ރާއްޖޭގެ ކުޅުންތެރިންނަށް ޓެސްޓަކާ ކުރިމަތިލާން ޖެހުނީމަ ވީގޮތް. އެ ޓެސްޓާ ކުރިމަތިލާން ޖެހޭނެ. އެކަމާ ކުރިމަތިލާން ނޭނގުމުން އެ ދިމާވި ކަންތައް ފެނުނީ. އަހަރެން މައާފަށްވެސް އެދެން މި ވާހަކަ ދައްކަން ޖެހުމުން. އެކަމަކު އެއީ ހަގީގަތް. ރާއްޖެ ދަށަށް ދާ އެއް ސަބަބަކީ އެއީ،" މައުރޫފުލް ބުންޏެވެ.

ބަންގްލަދޭޝް ކޯޗު އިތުރަށް ބުނީ ރާއްޖޭގެ މުބާރާތުން ޒުވާން ޓީމަށް ލިބުނީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ބޭނުން ކުރެވޭނެ ކަމަށެވެ.