ޑެންމާކުގެ ކްރިސްޓިއަން އެރިކްސަން، އަނެއްކާވެސް ހޭނެތިގެން ދަނޑު މައްޗަށް ވެއްޓިއްޖެއެވެ.
ކުރިން ޔޫރޯ 2020 ގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުނު އެރިކްސަަން، މިރޭ ދަނޑު މައްޗަށް ކުއްލިއަކަށް ވެއްޓުނީ ޑެންމާކާއި ޔުކްރެއިން ވާދަކުރި މެޗުގެ ތެރެއިންނެވެ. އެމެޗުގެ 65 ވަނަ މިނެޓު ފަހުން މެޗު މެދުކަނޑާލަން ޖެހުނީ އެރިކްސަން ކުއްލިއަކަށް ވެއްޓުމުންނެވެ.
އެހިސާބުން ވަގުތުން އެރިކްސަންއަށް ފަރުވާ ދީފައިވެއެވެ. އެރިކްސަން މިހާރު ކުޅެމުން ދަނީވެސް ހިތުގެ ވިންދުގެ ރިދަމް ރަނގަޅުކުރުމަށް ބޭނުންކުރާ އިމްޕްލާންޓެބަލް ކާޑިއޯވޭޓާ ޑިފިބްރިލާޓާ (އައިސީޑީ) އެއް ލައްވައިގެންނެވެ. ޑެންމާކު ޓީމުގެ މެޑިކަލް ޑޮކްޓަރު ބުނީ އެރިކްސަން ވެއްޓުމާއެކު އައިސީޑީ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ކުޑަ ވަގުތު ކޮޅަކަށް ހޭވެރިކަން ގެއްލުނު ނަމަވެސް، ވަރަށް އަވަހަށް އަލުން ހޭ އަރާފައިވާ ކަމަށެވެ.
މެޑިކަލް ޓީމުން ބުނީ އެރިކްސަންއަށް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ދަނޑުން ފޭބީވެސް އަމިއްލައަށް ހިނގާފައި ކަމަށެވެ.
އުމުރުން 34 އަހަރުގެ އެރިކްސަންއަށް ކުރި ދިމާވި ހާދިސާއާ ގުޅިގެން، ހިތަށް އައިސީޑީއެއް ލެއްވުމަށްފަހު ފުރަތަމަ ދިޔައީ އޭރުގެ ކްލަބު އިޓަލީގެ އިންޓަ މިލާނަށެވެ. އެހެން ނަމަވެސް އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަންއަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. އެހިސާބުން އެރިކްސަންގެ އެއްބަސްވުން އިންޓައިން އުވާލާފައިވާ އިރު، އޭނާ ވަނީ ފިޓްނެސް ހިފެހެއްޓުމަށް ކެރިއަރުގެ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އިތުރުން އަޔެކްސްގައިވެސް ތަމްރީނުތަކުގައި ބައިވެރިވެފައެވެ.
އޭގެފަހުން އެރިކްސަން އަލުން ދަނޑުމައްޗަށް ނުކުތީ 2022 ވަނަ އަހަރު ބްރެންޑްފޯޑާއެކުގައެވެ. އޭގެފަހުން ގައުމީ ޓީމާއެކު އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.
ޑެންމާކް
ޑެންމާކް
ޑެންމާކް
ޑެންމާކް