ގްރީންލެންޑަކީ އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ ވަރަށް ބިޔަ ޖަޒީރާއެކެވެ. އެކަމަކު އެ ޖަޒީރާގެ މިލްކުވެރިކަން ލިބިގެންވަނީ ގާތްގަޑަކަށް ތިންހާސް ކިލޯމީޓަރު ދުރުގައިވާ ޑެންމާކަށެވެ. ޑެންމާކުގެ ހުކޫމަތުގެ ދަށުގައި ގްރީންލެންޑް އޮންނަތާ ތިންސަތޭކަ އަހަރު ވެއްޖެއެވެ. އެންމެ ފުރަތަމަ ޑެންމާކުގެ ކޮލޮނީއެއްގެ ގޮތުގައެވެ. އެއަށްފަހު 1953 ވަނަ އަހަރުން ފެށިގެން ހަމަސީދާ ޑެންމާކުގެ ބައެއްގެ ގޮތުގައެވެ. ގްރީންލެންޑުގެ ރައްޔިތުންނަކީ ޑެންމާކުގެވެސް ރައްޔިތުންނެވެ. އޭގެފަހުން 1979 ވަނަ އަހަރު ނެގުނު ފެންނަ ނުފެންނަ ވޯޓަކަށްފަހު ގްރީންލެންޑް ވަނީ ދާޚިލީ މިނިވަންކަން ލިބިފައިވާ ސަރަހައްދަކަށް ބަދަލުވެފައެވެ. ޚާރިޖީ ކަންކަމާއި ދިފާއީ ކަންކަން ޑެންމާކަށެވެ. ގްރީންލެންޑަކީ އެމެރިކާއާ ޖެހިގެން އިރުމައްޗަށް އޮންނަ ބިޔަ ސަރަހައްދަކަށްވާތީ ވަރަށް ކުރީއްސުރެ ގްރީންލެންޑު ހިމެނިފައިވަނީ އެމެރިކާއަށް ވަރަށް މުހިއްމު ތަނެއް ކަމުގައެވެ.
ދެވަނަ ބޮޑު ހަގުރާމައިގެ ތެރޭގައި ޖަރުމަނީގެ ސިފައިން ޑެންމާކަށް އަރައި އެގައުމު ހިފުމާ ގުޅިގެން ހިޓްލަރުގެ ކޮންޓްރޯލްގެ ދަށަށް ގްރީންލެންޑް ހިގައިދާނެތީ އެކަން ހުއްޓުވުމަށް އެމެރިކާ ސިފައިން ވަނީ ގްރީންލެންޑަށް އަރައި އެ ސަރަހައްދު ހިފާފައެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް އެމެރިކާގެ ސިފައިން ގްރީންލެންޑުގައި އެބަތިބެއެވެ. ތަފާތު އަސްކަރީ މަރުކަޒުތަކާއި މުވާސަލާތީ މަރުކަޒުތައް ގާއިމުކޮށްގެންނެވެ. އެމެރިކާގެ މިދެންނެވި އަސްކަރީ ހަރަކާތްތަކަށް 1951 ވަނަ އަހަރު ޑެންމާކުން ވަނީ ގާނޫނީ ހައިސިއްޔަތު ދީފައެވެ. ދެގައުމުގެ މެދުގައި ސޮއިކުރެވުނު އަސްކަރީ މުއާހަދާއެއްގެ ދަށުންނެވެ. މި މުއާހަދާގެ ދަށުން އެމެރިކާ ބޭނުންވާ އަދަދަކަށް ގްރީންލެންޑުގައި އަސްކަރީ މަރުކަޒުތައް ހެދޭނެއެވެ. ކޮންމެހެން ޑެންމާކުގެ ހުއްދަ ނަގާކަށްވެސް ނުޖެހެއެވެ. އެމެރިކާ ސިފައިންނަށް ގްރީންލެންޑް މުހިއްމުވާ ސަބަބުތައް ވަރަށް ގިނައެވެ. ގިނައި އަސްކަރީ ސަބަބުތަކެވެ.
ރަޝިޔާއިން އެމެރިކާއާ ދެކޮޅަށް މިސައިލް ހަގުރާމައެއް ފަށައިފިނަމަ އެމެރިކާއަށް އެންމެ ކުރުމަގަކުން އެފަދަ މިސައިލްތައް ފޯރާނެ މަގަކީ ގްރީންލެންޑެވެ. އެހެންވީމާ ގްރީންލެންޑުގައި އެމެރިކާއިން މައިގަޑު ގޮތެއްގައި ގާއިމުކޮށްފައިވަނީ ވައިގެ ދިފާއާ ގުޅޭ ޚާއްސަ މަރުކަޒުތަކެވެ. މިފަހަކަށް އައިސް ދިފާއީ ބޭނުން ފިޔަވައި އެހެން ގޮތްގޮތުންވެސް އެމެރިކާއަށް ގްރީންލެންޑުގެ ބޭނުންވަނީ ބޮޑުވެފައެވެ. ދުނިޔެ ހޫނުވެ ގްރީންލެންޑުގެ ގަނޑުފެންތައް ވިރި އަސްލު ބިން ފާޅުވާން ފެށުމާއެކު ބިމުގެ އަޑީގައިވާ މައުދަންތަކަށް އެމެރިކާގެ ޝައުގުވެރިކަން ވަނީ އަމާޒުވެފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގްރީންލެންޑު ހިފާނަމޭ ނުވަތަ ގަންނާނަމޭ ވިދާޅުވެ ޒާތްޒާތުގެ އިންޒާރުތައް ދެއްވަމުން ގެންދަވަނީ އެހެންވެގެންނެވެ. ރައީސް ޓްރަމްޕު މިޒާތުގެ އިންޒާރު ދެއްވަނީ މަޖަލަކަށް ނޫނެވެ. ޕްރެސް ކޮންފަރެންސްތަކުގައި އެކަންޏެއްވެސް ނޫނެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި ރަސްމީގޮތުން ތަގުރީރު ކުރައްވަމުންވެސް ގްރީންލެންޑުގެ ވާހަކަ އޭނާ ދައްކަވައިފިއެވެ.
ޑެންމާކުގެ ވެރިކަމުގެ ދަށުން ވަކިވެގެން އެމެރިކާއާ ގުޅޭށޭ ތިމަންނާމެން ގްރީންލެންޑުގެ ރައްޔިތުންނަށް މަރުހަބާ ކިޔާނަމޭވެސް ވިދާޅުވެއްޖެއެވެ. ބައެއް މީހުންނަށް ހީވުން އެކަށީގެންވެއެވެ. ޓްރަމްޕުގެ ކުރިން މިޒާތަށް އެމެރިކާގެ އެއްވެސް ރައީސަކު ގްރީންލެންޑަށް ކަޅިއަޅާފައެއް ނުވެއެވެ. ނޫނެކެވެ. ކަޅިއަޅާފައިވެއެވެ. އަޅައެވެ. އެކަމުގެ ދިގު ތާރީޚެއްވެސް އެބައޮތެވެ. އެމެރިކާއިން ރަޝިޔާއަށް ފައިސާދީފައި އެލަސްކާ ގަތް ދުވަސްވަރު 1867 ގައި އެމެރިކާގެ ޚާރިޖީވަޒީރު ވިލިއަމް ސީވާރޑް ވަނީ ޑެންމާކަށް ފައިސާ ދީފައި ގްރީންލެންޑް ގަތުމާބެހޭ ގޮތުންވެސް ޑެންމާކާއެކު މަޝްވަރާ ކުރައްވައިފައެވެ. އެކަން ހަގީގަތަކަށްނުވީ ގްރީންލެންޑް ވިއްކަން ޑެންމާކް އެއްބަސް ނުވުމުންނެވެ. ދެވަނަ ބޮޑު ހަގުރާމަ ނިމުމާއެކު 1946 ވަނަ އަހަރުވެސް ޑެންމާކަށް 100 މިލިޔަން ޑޮލަރު ދީފައި ގްރީންލެންޑް ގަތުމަށް އެމެރިކާ މަސައްކަތް ކުރިއެވެ. މިއަދުގެ ފައިސާއިންނަމަ އެއީ 1.2 ބިލިއަން ޑޮލަރެވެ.
އެފަހަރުވެސް ވިއްކާކަށް ޑެންމާކް އެއްބަހެެއް ނުވިއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕުގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައިވެސް ގްރީންލެންޑް ގަތުމަަށް އޭނާ މަސައްކަތް ކުރެއްވިއެވެ. އެކަމުގެ ހުށައެޅުމެއް ޓްރަމްޕުގެ ސަރުކާރުން ޑެންމާކަށް ހުށައެޅީ 2019 ގައެވެ. އެ ހުށައެޅުމަށް ޑެންމާކުގެ މަރުކަޒީ ސަރުކާރުންވެސް އަދި ގްރީންލެންޑުގެ ސަރަހައްދީ ސަރުކާރުންވެސް ވަނީ ނޫނެކޭ ބުނެފައެވެ. ގްރީންލެންޑަކީ ވިއްކާ ބިމެއް ނުވަތަ މުދަލެއް ނޫންކަމަށް ވަނީ ބުނެފައެވެ. އެމެރިކާއަށް ގްރީންލެންޑް ވިއްކަން ޑެންމާކް އެއްބަސްވިޔަސް ނުވިޔަސް އެކަން ހަގީގަތަކަށް ހެދޭނެ ގޮތެއް އެބައޮތެވެ. އެގޮތަކީ ގްރީންލެންޑުގެ ރައްޔިތުންނެވެ. އެންމެ ފުރަތަމަ ޑެންމާކުގެ ވެރިކަމުގެ ދަށުން ނެއްޓި މިނިވަން ގައުމަކަށްވުމަށް ގްރީންލެންޑުގެ ރައްޔިތުން ނިންމަންވީއެވެ. އޭގެފަހުން އެމެރިކާއާ އެއްކޮށްލުމަށް ނިންމިދާނެއެވެ. ރައީސް ޑޮނަލްޑް ޓްރަމްޕު މިހާރު ބޭނުންފުޅުވަނީ މިމަގު އިޚުތިޔާރު ކުރެއްވުމަށް ކަމަށް ހީވެއެވެ. ތިމަންނާމެން މިތިބީ ގްރީންލެންޑުގެ ރައްޔިތުންނަށް ކޮންމެ ވަގުތަކުވެސް މަރުހަބާ ކިޔަން ތައްޔާރަށޭ އެވިދާޅުވަނީ އެހެންވެއެވެ.
ގްރީންލެންޑުގެ ސަރަހައްދު ކިތަންމެ ބޮޑަސް އެތަނުގެ އާބާދީ ވަރަށް ކުޑައެވެ. ގާތްގަޑަކަށް 57 ހާސް މީހުންނެވެ. ވެރިރަށް ނޫކްއަކީ އެންމެ ބައިބޯ ޓައުނެވެ. އާބާދީއަކީ 19 ހާހެވެ. ރާއްޖޭގެ ރަށަކަށް ނިސްބަތް ކުރާނަމަ އައްޑުއަތޮޅުގެ ހިތަދޫގެ އާބާދީއެވެ. ކޮންމެއަކަސް އެމެރިކާގެ ބަޔަކަށް ގްރީންލެންޑް ހެދުމާމެދު އެމީހުންގެ ރައުޔަކީ ކޮބައިބާވައެވެ. މަރުދެކޮޅެވެ. ގްރީންލެންޑުގެ އާބާދީގެ ތެރެއިން 85 އިންސައްތަ މީހުން އެމެރިކާއާ ގުޅެން ދެކޮޅެވެ. އެކަމަކު ޑެންމާކުގެ ދަށުން ނެއްޓިގެން މުޅިން މިނިވަން ގައުމަކަަށް ވުމަށް ތާއީދު ކުރެއެވެ. މިނިވަން ވުމަށްފަހު އެމެރިކާއާއެކު ދިފާއީގޮތުން އައު އެއްބަސްވުންތަކެއް ހަދައިގެން ތިބެވިދާނެ ކަމަށް އެމީހުން ހީކުރެއެވެ. ގްރީންލެންޑުގެ ރައްޔިތުންގެ ތެރެއިން 89 އިންސައްތަ މީހުންނަކީ އިނޫޓް ގަބީލާގެ މީހުންނެވެ. އެއީ ވިލާތު ބައެއް ނޫނެވެ. އެހެންވީމާ ކޮންމެހެން ދޮންމީހުންގެ ވެރިކަމުގެ ދަށުގައި ދެމިތިބުމަކީ އެމީހުންނަށް މުހިއްމު ކަމެއް ނޫނެވެ. މުހިންމީ މިނިވަންކަމެވެ.
އިމާދު ލަތީފު
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް