ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ފެއްޓެވި ދަތުރަކީ ރަނގަޅު ދަތުރެއްކަން ޝައްކެއް ނެތް މިންވަރަށް ސާފުވެފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައީސް ނަޝީދުގެ ކެމްޕޭންގެ ތެރެއިން ތިނަދޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ތިނަދުއަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް މިއަދު ލިބުނު ވަރަށް އޭރު ތަރުހީބު ލިބިފައި ނުވާ ކަމަށެވެ.

"ތިނަދުއަށް އައުމުން އަޅުގަނޑަށް ސާފުވީ ދެ ކަމެއް އެބައޮތް. އެއް ކަމަކީ އަޅުގަނޑަށް މި ފެށުނު ދަތުރު އެއީ ރަނގަޅު ދަތުރެއް ކަމަށް، އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން އަޅުގަނޑަށް އުުތުރާއި ދެކުނުން މި ފެނުނު މަންޒަރުން އަޅުގަނޑަށް ހިތުގައި ކުޑަވެސް ޝައްކެއް މިހާރު ނެތް. އަދި ހާއްސަކޮށް މިއަދު ތިނަދުއަށް އައުމުން އެ ފެނުނު މަންޒަރުން އަޅުގަނޑަށް ކުޑަވެސް ޝައްކެއް ނެތް އަޅުގަނޑަށް މި ހުރެވުނީ ރަނގަޅު ސީދާ މަގުގައި ކަމަށް،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބު ނިމިއްޖެކަން ދެވަނަ ކަމަކަށް ސާފުވެފައިވާ ކަމަށެވެ. އަދި އަލުން ޖަލުގައި ވެސް އަނިޔާވެރިކަން ފެންނަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ސަރުކާރު އިންތިހާބަކުން ބަލިވާ ކޮންމެ ފަހަރަކު އަނިޔާ އިތުރުކުރަމުންދާތަން ފެންނަމުންދާ ކަމަށާއި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ބައި-އިލެކްޝަންގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު، މިދިޔަ އަހަރުގެ އޮކްޓޯބަރު 3 ގައި އެމްޑީޕީން ބޭއްވި މުޒާހަރާއާ ގުޅިގެން މިއަދު 8 ޒުވާނަކަށް ދައުވާ އުފުލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޮޑު ބަދަލޭ މި ކިޔަނީ މިފަދަ ހާލަތަކަށް މި ގައުމު އަލުން އަނބުރާ ދިޔަނުދިނުމަށް. އަޅުގަނޑުމެން މިއުޅެނީކީ ދިވެހިރާއްޖޭގެ ވެރިކަން އެކަނި ހޯދާކަށް ނޫން. އަޅުގަނޑުމެން މިއުޅެނީ އަނިޔާވެރި ވެރިންގެ ކިބައިން ތާއަބަދަށް ދިވެހި ރައްޔިތުން ސަލާމަތްކުރެވޭނެ ގޮތެއް ހޯދަން،" އޭނާ ވިދާޅުވިއެވެ.