އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބަކީ ގޭގައި އިނދެގެން ވެސް އެ މަނިކުފާނަށް ކާމިޔާބުކުރެވޭނެ އިންތިހާބެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ތިނަދޫ ސިޓީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލައި، ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވަމުން ގެންދަވަނީ ހަމައެކަނި އިންތިހާބަށް ވޯޓު ހޯދަން ނޫން ކަމަށެވެ.
"އަޅުގަނޑު ގޭގައި އިނދެގެން، ގުޅައި ވެސް ރަނގަޅަށް މި އިންތިހާބު ކާމިޔާބުވާވަރަށް ވޯޓު ލިބޭނެ. އެހެންނަމަވެސް އަޅުގަނޑު ގޭގައި އިނދެގެން، ފިނި ކޮޓަރީގައި އިނދެގެންނެއް ރީނދޫ ލަޝްކަރެއް ނުނެރެވޭނެ، ރީނދޫ ކުލައެއް އާންމެއް ނުކުރެވޭނެ، އެމްޑީޕީގެ އަޑެއް އުފުލައެއް ނުލެވޭނެ، އަޅުގަނޑުމެންގެ ވަކާލާތެއް ނުކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ރީނދޫ ލަޝްކަރު ނެރެ، އެމްޑީޕީގެ އަޑުއުފުލޭނީ "ބުރަ މަސައްކަތުން ގޭގޭގެ ބަދިގެއަށް ވެސް ވަދެގެން، ގޭގޭގެ ގިފިއްޔަށް ވެސް ވަދެގެން، ގޭގޭގެ ބޮޑުކޮޓަރިތަކަށް ވެސް ގޮސްގެން، ސައިކޮޓަރިތަކުގައި ވެސް ހުރެގެން" ކަމަށެވެ.
"އެކަން ކުރެވޭނީ ތިއިން ކޮންމެ ބޭފުޅަކާ ވާހަކަވެސް ދައްކައިގެން، އެކަން ކުރެވޭނީ އެތައް ޖަލްސާއެއް ރޭގަނޑު ވެސް ބާއްވައިގެން، ކިތަންމެ ބައްދަލުވުމެއް އަޅުގަނޑުމެން ވެގެން. އަޅުގަނޑުމެން މި ނުކުންނަަނީ އަނެއްކާވެސް އެ މަސައްކަތް ކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖެ އަނެއްކާވެސް ބަދަލުކުރެވޭނެ ޕާޓީއަކީ ވެސް، ރާއްޖެ ސަލާމަތްކުރެވޭނެ ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށާއި އެ މަނިކުފާނުގެ ގައިގައި ވެސް ހުންނާނީ ޕާޓީގައި ހުރި ވަރެއް ކަމަށެވެ. އަދި މިހާރު ރީނދޫ ލަޝްކަރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަނެއްކާވެސް އެބަ ރުކުރުވާލެވޭ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބުގައި ނަޝީދުގެ ވާދަވެރި ކެންޑިޑޭޓުގެ ގޮތުގައި ފެނިގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. މީކާއީލް ވާދަކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއެކުއެވެ.
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު