ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ ސައުދީ އަރަބިއާއިން ރޭ އޮސްޓިންގެ ކިއުޓޫ ސްޓޭޑިއަމްގައި ޕުއެޓޮ ރީކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ދެ ގަޑިއިރުގެ މެދުކެނޑުމެއް އައިސްފިއެވެ.
އެމެޗުން ސައުދީ 3-0 އިން މޮޅުވި އިރު، ގޯލްތައް ޖެހީ ސުލްތާން މަންދާޝްއާއި އަބްދުﷲ އަލް ހަމްދާން އަދި ސަލީމް އަލް ދައުސާރީއެވެ. އެ މެޗުން ސައުދީ މޮޅުވުމަށްވުރެ ބޮޑަށް މީހުންގެ ސަމާލުކަން ހުއްޓުނީ މެޗު ގިނަ ވަގުތުތަކަކަށް މެދުކަނޑާލަން ޖެހުނު ޖެހުމަށެވެ.
މެޗުގެ 21 ވަނަ މިނެޓުގައި މެދުކަނޑާލަން ޖެހުނީ ވިދައި ގުގުރުމުގެ ސަބަބުންނެވެ. އެމެރިކާގެ މޫސުމާބެހޭ ޕްރޮޓޮކޯލްތައް ބުނާ ގޮތުން، ސްޓޭޑިއަމެއްގެ 8 މޭލު ކައިރިން ވިދާ ނަމަ، މެޗު އެންމެ މަދުވެގެންވެސް 30 މިނެޓަށް ހުއްޓާލަން ޖެހެއެވެ. ރެފްރީ ފުރަތަމަ މެޗު ހުއްޓާލީ އެހެންވެގެންނެވެ. މެޗު ފަށަން އެކި ފަހަރު މަތިން ބަލަމުންދިޔަ ނަމަވެސް، 30 މިނެޓު ދެ ގަޑިއިރަށް ދިގު ދެމިގެން ދިޔައީ ވިދުން ނުހުއްޓިގެންނެވެ.
މީގެ ކުރިންވެސް އެމެރިކާގައި ކުޅުނު ބައެއް މެޗުތަކުގައި އެ މަންޒަރު ފެނިގެން ގޮސްފައިވެއެވެ. އެމެރިކާގެ ބައެއް ހިސާބުތަކަށް ހޫނު ގަދަ ނަމަވެސް، އަނެއްބައި ހިސާބުތަކަށް މިހާރުވެސް ދަނީ ތޫފާނީ ވިއްސާރަ ކުރަމުންނެވެ. އެ ވިއްސާރައިން ރައްކާތެރިކަން ހޯދުމަށް އެމެރިކާގައި ހާއްސަ އުސޫލުތަކެއްވެސް ހެދިފައިވެއެވެ.
އެމެރިކާގައި މިދިޔަ އަހަރު ތެރޭގައި ފީފާ ކްލަބު ވޯލްޑް ކަޕްވެސް ބާއްފާއިވާ އިރު، އެ މުބާރާތުގެ ހަ މެޗަކަށް ވިއްސާރައިގެ އަސަރު ކޮށް، މެޗު މެދުކަނޑާލަން ނޫނީ ފެށުން ލަސްކުރަން ޖެހިފައިވެއެވެ. އެެގޮތުން ޗެލްސީއާއި ބެންފިކާ ކުޅުނު މެޗެއްގެ ތެރެއިން އެއް ގަޑިއިރާއި 53 މިނެޓު ގެއްލި، ފަސް ގަޑިއިރަށް މެޗު ދިގު ދެމިގެން ގޮސްފައިވެއެވެ.
ނޫސްތަކުން ބުނީ އެމެރިކާގެ މޫސުމީ ޕްރޮޓޮކޯލްތައް އޮންނަ ގޮތުން މިފަހަރުގެ ވޯލްޑް ކަޕުގައިވެސް އެފަދަ ލަސްތަކެއް އައުން އެއީ ފެނިގެން ހިނގައިދާނެ މަންޒަރެކެވެ. ހާއްސަކޮށް ހިއުސްޓަން، އެޓަލާންޓާ އަދި ކެންސަސް ސިޓީ އަދި މިއާމީގެ މޫސުމަކީ ބަދަލުވާ މޫސުމެއްކަން ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026