އިންޑިއާގެ މާގޯއާގައި ކުރިއަށްދިޔަ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާއިން ހޯދައިފިއެވެ.
ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިއާއިން ބަންގްލަދޭޝް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. 2010 ވަނަ އަހަރު ސާފުން ސާފް ވިމެންސް ޗެމްޕިއަންޝިޕް ބާއްވަން ފަށާފައިވާ އިރު، އެންމެ ފުރަތަމަ ފަސް މުބާރާތްވެސް ކާމިޔާބުކުރީ އިންޑިއާއިންނެވެ. އެއީ 2010، 2012، 2014ގެ އިތުރުން 2016 އަދި 2019 ވަނަ އަހަރުގެ މުބާރާތެވެ. މިފަހަރު އިންޑިއާއިން ހޯދީ ހަވަނަ ތަށްޓެވެ.
އިންޑިއާގެ އިތުރުން ދެން އަންހެން ސާފް ޗެމްޕިއަންޝިޕް ހޯދި ހަމައެކަނި ގައުމަކީ ބަންގްލަދޭޝްއެވެ. އެޓީމަކީ މިދިޔަ ދެ އަހަރުގެ ޗެމްޕިއަނެވެ. އެއީ 2022 އަދި 2024 ވަނަ އަހަރުއެވެ.
އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ކައިރިން އިންޑިއާ ރޭ މޮޅުވި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް އިންޑިއާއިން ލީޑު ނެގިއެވެ. އެ ގޯލް ޖަހައިދިނީ ޕިޔާރީ ޒާޒާއެވެ. އޭގެ އިރުކޮޅެއްފަހުން ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ ރީތޫ ޕޯނާ ޗަކްމާއެވެ.
އިންޑިއާއިން ފައިނަލްގެ ކޮންޓްރޯލް ހޯދީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ސަންދީފާ ނޮންގްރަމްގެ ގޯލުން އިންޑިއާ އަލުން ލީޑު ނެގި އިރު، އަނެއް ގޯލް ޖަހައިދިނީ ލީންޑާ ކޮމް ސެރްޓޯއެވެ. އެއީ 82 ވަނަ މިނެޓުގައެވެ.
މިފަހަރުގެ މުބާރާތުގައި ރާއްޖެއިންވެސް ވާދަކޮށްފައިވާ އިރު، ރާއްޖެ ހިމެނުނީ ފައިނަލްގައި ކުޅުނު ދެޓީމާ އެއް ގްރޫޕެއްގައެވެ. ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން 11-0 އިން ބަލިވި ނަމަވެސް، ދެން ކުޅުނު މެޗުގައި ރާއްޖޭން ވަނީ ވަރުގަދަ ބަންގްލަދޭޝްއާ ވަރުގަދަ ވާދައެއް ކޮށްފައެވެ. އެމެޗުން ބަންގްލަދޭޝްއަށް މޮޅުވެވުނީ 4-2 އިންނެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް