ސާފް އަންހެން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ކައިރިން ރާއްޖޭގެ ޓީމުން ވަރުގަދަ ވާދައެއް ކޮށްފިއެވެ.

ބަންގްލަދޭޝްއަކީ މި ސަރަހައްދުގައި އެންމެ ވަރުގަދަ އެއް ޓީމެވެ. މިރޭ އިންޑިއާގެ ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ 4-2 އިން ބަލިވި ނަމަވެސް، އެމެޗުގައި ރާއްޖޭން ވަނީ ބަންގްލަދޭޝްއާ 2-2 އިން އެއްވަރުވެސް ކޮށްފައެވެ.

ރާއްޖޭން މިފަހަރު ވަރުގަދަ ގްރޫޕެއްގައި ހިމެނުނު އިރު، އެ ގްރޫޕުގައި ހިމެނުނީ ރާއްޖޭގެ އިތުރުން ދެ ޗެމްޕިއަނުންނެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝްއެވެ. އެެ ދެޓީމަކީވެސް މީގެ ކުރިން ރާއްޖެ ކައިރިން ފަސޭހައިން މޮޅުވާ ދެޓީމެވެ. މިފަހަރު ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން ރާއްޖޭ 11-0 އިން ބަލިވި ނަމަވެސް، މިރޭގެ މެޗުގައި ވަނީ ތަފާތު ހިތްވަރެއް ކޮށްފައެވެ.

އަނީކާ ރާނިއާ ސިއްދީގުގެ ގޯލުން ބަންގްލަދޭޝްއިން ފުރަތަމަ މިނެޓުގައި ލީޑު ނެގިއެވެ. އޭގެފަހުންވެސް ބަންގްލަދޭޝް ނުރައްކާ ކުރި ނަމަވެސް، ރާއްޖޭގެ ކީޕަރު ފާތިމަތު ސައުޝަން ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

ބަންގްލަދޭޝްއިން 34 ވަނަ މިނެޓުގައި އެމޭލާ މަރްމާ ޖެހި ގޯލުން ލީޑު ފުޅާކުރި އިރު، ހާފު ނިމުމުގެ ކުރިން ރާއްޖޭގެ މަރިޔަމް ނޫރާ ވަނީ ގޯލް ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެ ގޯލާއެކު ރާއްޖޭން ހިތްވަރެއް ހޯދައި، 57 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗު އެއްވަރުކުރިއެވެ.

އެ ގޯލް ޖެހީ އައިމިނަތު ފަޒްލާއެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ބަންގްލަދޭޝްއިން އަލުން ލީޑު ނެގީ ސޯރަވީ އަކަންދާ ޕްރިތީ ޖެހި ގޯލުންނެވެ. މެޗުގައި ބަންގްލަދޭޝްގެ ފަހު ގޯލް ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނިޓްގައި ކޮހާތީ ކިސްކޫ ޖެހި ގޯލުންނެވެ.

މިރޭގެ ނަތީޖާއަކީ ފަހުގެ ތާރީހެއްގައި އަންހެން ގައުމީ ޓީމުން ނެރުނު އެންމެ ރަނގަޅު އެއް ނަތީޖާއެވެ. މުބާރާތުގެ ކުރިން ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނީ، ޓީމާ ހަވާލުވެ ލިބުނީ މަދު ދުވަސްކޮޅެއް ނަމަވެސް ފަރަގު ކުޑަކުރަން ވިސްނާނެ ކަމަށެވެ. އަދި އެއީ މިހާރު އޮތް ހާލަތުން ކުރެވޭނެ އެންމެ ރަނގަޅު މަސައްކަތް ކަމަށް ބުންޏެވެ.