ސާފް އަންހެން މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ އިންޑިއާ އަތުން ރާއްޖޭގެ ޓީމު ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

އިންޑިއާގެ ގޯއާގައި ފެށި އެ މުބާރާތުގައި މާގޯގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން ރާއްޖޭގެ ޓީމު ބަލިވީ 11-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ ރާއްޖެ ކޮޅަށް ފަސް ގޯލު ޖަހައިފައެވެ. އިންޑިއާއަށް އެ ގޯލުތައް ކާމިޔާބުކޮށްދިނީ ޕްރިޔަންގްކާ ދޭވީ ނައޮރެމް، ޕިޔާރީ ޒާޒާ، އަވެކާ ސިންގް އަދި ގްރޭސް ޑަގްމެއި އެވެ. އޭގެ ތެރެއިން ނައޮރެމް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ އިންޑިއާ އިން ވަނީ އިތުރު ހަ ގޯލު ޖަހައިފައެވެ. އެ ގޯލުތަކުގެ ތެރެއިން ނޯވޭގެ ނައެސްޓްވެޑް އެޗްޖީއަށް ކުޅެމުންދާ އަވެކާ ސިންގް ވަނީ ތިން ގޯލު ޖަހައިފައެވެ. އެއާއެކު މެޗުގައި އޭނާ ވަނީ ޖުމުލަ ހަތަރު ގޯލު ޖަހައިފައެވެ. އޭނާގެ އިތުރުން ދެވަނަ ހާފުގައި ކަރިޝްމާ ޕުރުޝޮޓަމް ޝިރްވޮއިކަރްގެ ދެ ގޯލު ފެނިގެންދިޔަ އިރު، ސަންގިތާ ބަސްފޯރް ވެސް ވަނީ އިންޑިއާއަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

25 މެއި 2026، ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން --

މިއަދުން ފެށިގެން އަންނަ މަހުގެ 5 ގެ ނިޔަލަށް ކުރިއަށްދާ އެ މުބާރާތުގެ ގްރޫޕް އޭގައި ބޫޓާނާއި ނޭޕާލް އަދި ސްރީ ލަންކާ ހިމެނޭ އިރު، ރާއްޖެ ހިމެނެނީ އެންމެ ވަރުގަދަ ދެ ގައުމު ކަމަށްވާ އިންޑިއާއާއި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައެވެ. އެ ދެ ގައުމަކީ މިހާތަނަށް ސާފް އަންހެން މުބާރާތް ކާމިޔާބުކޮށްފައިވާ ހަމައެކަނި ދެ ޓީމެވެ. އިންޑިއާއިން 2010، 2012، 2014 އަދި 2016 އާއި 2019 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރި އިރު، 2022 ވަނަ އަހަރާއި 2024 ވަނަ އަހަރު މުބާރާތް ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ.

ކޯޗު ސޮބާހް މުހައްމަދު (ސޮބާ)ގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ރާއްޖެއިން މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ބަންގުލަދޭޝްއާ ދެކޮޅަށް ނުކުންނަން ޖެހޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 7:00 ގައެވެ. ރާއްޖެއިން ސެމީ ފައިނަލުގެ ޖާގައެއްގެ ފުރުސަތު ހޯދުމަށް އެ މެޗަކީ މުހިންމު މެޗަކަށް ވާނެއެވެ.

ރާއްޖެއަށް ސާފް އަންހެން މުބާރާތުގެ އެންމެ ދުރަށް ދަތުރުކުރެވިފައިވަނީ 2016 ވަނަ އަހަރުއެވެ. އެ މުބާރާތުގައި ރާއްޖެއިން ސެމީއަށް ދަތުރުކޮށްފައިވާ އިރު، ސެމީގެ މެޗުގައި ބަންގުލަދޭޝް އިން ވަނީ 6-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފައެވެ.