މިހާރު އިންޑިއާގެ ގޯއާގައި ކުރިއަށްދާ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމުން ދެއްކި ކުޅުމަށް ފަހުރުވެރިވާ ކަމަށާއި، އެތައް ގޮންޖެހުންތަކަކާއެކު ކުރި ހިތްވަރަށް ތައުރީފު ހައްގުވާ ކަމަށް ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ސާފް އަންހެން މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝް ކައިރިން ރާއްޖޭގެ ޓީމުން ވަރުގަދަ ވާދައެއްކޮށް، ރޭ ބަލިވީ 4-2 އިންނެވެ. ބަންގްލަދޭޝްއަކީ މި ސަރަހައްދުގައި އެންމެ ވަރުގަދަ އެއް ޓީމެވެ. ރޭ ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މެޗުން ރާއްޖެ 4-2 އިން ބަލިވި ނަމަވެސް، އެމެޗުގައި ރާއްޖޭން ވަނީ ބަންގްލަދޭޝްއާ 2-2 އިން އެއްވަރުވެސް ކޮށްފައެވެ.
ރާއްޖޭން މިފަހަރު ވަރުގަދަ ގްރޫޕެއްގައި ހިމެނުނު އިރު، އެ ގްރޫޕުގައި ހިމެނުނީ ރާއްޖޭގެ އިތުރުން ދެ ޗެމްޕިއަނުންނެވެ. އެއީ އިންޑިއާއާއި ބަންގްލަދޭޝްއެވެ. އެެ ދެޓީމަކީވެސް މީގެ ކުރިން ރާއްޖެ ކައިރިން ފަސޭހައިން މޮޅުވާ ދެޓީމެވެ. މިފަހަރު ފުރަތަމަ މެޗުގައި އިންޑިއާ ކައިރިން ރާއްޖޭ 11-0 އިން ބަލިވި ނަމަވެސް، ރޭގެ މެޗުގައި ވަނީ ތަފާތު ހިތްވަރެއް ކޮށްފައެވެ.
މުބާރާތަށް ދިޔުމުގެ ކުރިން "ވަން ސްޕޯޓްސް"އަށް ދިން އިންޓަވިއުއެއްގައި ސޮބާ ފާހަގަކުރީ ނަތީޖާގެ ފަރަގު ކުޑަކުރުން އެއީ ޓާގެޓެއް ނަމަވެސް، އެކަން ކުރުމަށްވެސް އޮތީ އުނދަގޫ ހާލަތެއް ކަމަށެވެ. އަދި ހާއްސަކޮށް ސޮބާ ޓީމާ ހަވާލުވީ ދުވަސްކޮޅެއް ކުރިން ކަމަށްވުމާއެކު ކުރަން ޖެހޭ މަސައްކަތް ގިނަވި ކަމަށް ފާހަގަކުރިއެވެ.
ރޭގެ މެޗަށްފަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ސޮބާ ބުނީ "ފުރިހަމައަށް ތައްޔާރުވެފައިވާ ބަންގްލަދޭޝް ޓީމެއް ކައިރިން ރާއްޖޭގެ ޓީމުން ދެއްކި ހިތްވަރުގަދަ، ކެރުންތެރި ކުޅުމަށް ފަހުރުވެރިވާ،" ކަމަށެވެ. ސޮބާ ބުނީ ފާޑުކިޔާ ބައެއް ފަރާތްތަކުން ބަންގްލަދޭޝް ކައިރިން ބަލިވުމުން އެއީ ޖޯކު ޖަހަން ޖެހޭ ކަމެއްހެން ހީވިޔަސް، މި ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމަކީ އެއީކަން އެނގެން ވާނެ ކަމަށެވެ.
އޭގެ އިތުރުން ސޮބާ ބުނީ ފުރަތަމަ އިންޑިއާ މެޗަށް ނުކުތުމުގެ ކުރިން 24 ގަޑިއިރުވެސް ރެސްޓް ކޮށްލަން ނުލިބޭ ކަމަށާއި، މުބާރާތެއްގައި ވާދަކޮށްލުމާއި ނަތީޖާ ނެރުމަކީ ބޮޑު ފަރަގެއްވާ ވާ ދެ ކަންތައް ކަމަށެވެ.
މިފަހަރުގެ މުބާރާތުން ފެނުނު ޖުމުލަ މަންޒަރަށް ވާހަކަ ދައްކަމުން ސޮބާ ބުނީ ރާއްޖެ އަދި އަންހެން ފުޓުބޯޅައިގައި ސަރަހައްދީ ފެންވަރުގައި ވާދަކުރަންވެސް ތައްޔާރު ނޫން ކަމަށެވެ. އަދި ބަންގްލަދޭޝްއާއި އިންޑިއާއިން އެ ދައްކާ ކުޅުމަކީ އެންމެ ރެޔަކުން އައި ބަދަލެއް ނޫން ކަމަށާއި، އެއީ އަހަރުތަކެއްގެ ޕްލޭނާއި އިންވެސްޓްމަންޓްގެ އިތުރުން ތައްޔާރީ އަދި ދެމެހެއްޓެނިވި ކުރިއެރުން ކަމަށް ފާހަގަކުރިއެވެ.
އެއާއެކުވެސް ބައެއް "ތަޖުރިބާކާރުން" ގައުމީ ޓީމުގެ ހާލަތަށް މާ އަވަހަށް "ޖަޖް" ކޮށް، ފާޑު ކިޔާކަން ފާހަގަކޮށް ސޮބާ ބުނީ، ސަރަހައްދީ ގައުމުތަކުގެ ފުޓުބޯޅަ އޮތީ މިހާރު މާ ބޮޑަށްވެސް ކުރިއަށް ޖެހިފައި ކަމަށެވެ. ރާއްޖެ އޮތްވަރުގައި އޮއްވާ، މި ސަރަހައްދުގެ އެހެން ގައުމުތަކުން އަވަސް ކުރިއެރުންތަކެއް ހޯދައި، މައްޗަށް ޖެހިލާފައިވާކަން ހަނދާން ކުރަން ޖެހޭ ކަމަށް ސޮބާ ބުންޏެވެ. އަދި އެއީ ސަރަހައްދުގެ އަންހެން ފުޓުބޯޅައިގެ ހަގީގަތް ކަމަށް ސޮބާ ބުންޏެވެ.
ސޮބާ ބުނީ އެންމެ މަތީ ފަންތިއަށް އަންހެން ފުޓުބޯޅަ ގެންދަން "ކެތްތެރިވެ، ސަޕޯޓް ދީ، ރަނގަޅު ޕްލޭނެއް ކޮށް، ދުރު ރާސްތާ ކުރިއެރުމަށް ވިސްނަން ޖެހޭ،" ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް
ސާފް ވިމެންސް ޗެމްޕިއަންޝިޕް