މޭޖާ ލީގު ސޮކާ ބްރޭކަށް ދިޔުމުގެ ކުރިން އިންޓަ މިއާމީން ކުޅުނު އެންމެފަހު މެޗުގައި އަނިޔާވި، އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފިޓްނަސްއާ ދޭތެރޭ މާބޮޑު ހާސްކަމެއް ނެތް ކަމަށާއި، ވޯލްޑް ކަޕްގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އޭނާ ފެނިދާނެ ކަމަށް ކޯޗު ލިއޮނަލް ސްކަލޯނީ ބުނެފިއެވެ.
އިންޓަ މިއާމީން ފިލަޑެލްފިއާއާ ދެކޮޅަށް ކުޅެ، 6-4 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި މެސީ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ހަބަރުތައް ބުނީ މެސީގެ ފަލަމަސްގަނޑަށް އަނިޔާވީ ލޯޑް ބޮޑުވުމުގެ ސަބަބުން ކަމަށެވެ.
މެސީގެ ފިޓްނަސްއާ ދޭތެރޭ ސުވާލުތަކެއް އުފެދުނު ނަމަވެސް، އާޖެންޓީނާގެ ކޯޗު ބުނީ އެކަމުގައި ހާސްކަމެއް ނެތް ކަމަށާއި، މިހާރު މެސީ ދަނީ ރަނގަޅަށް ފިޓްވެ ތަމްރީނުތަކުގައި ބައިވެރިވަމުން ކަމަށެވެ.
"މެސީ ދަނީ ރަނގަޅަށް ތަމްރީނުތައް މަސައްކަތް ކުރަމުން. މެސީ މިހާރު ޓީމާއެކުވެސް މަސައްކަތް ކުރަމުން އެބަދޭ. އެއީ ތަމްރީނުތަކުގެ ވަކި ބައެއްގައި. މިހާރު މެސީ މަސައްކަތް ކުރަނީ ވަކިންނެއްވެސް ނޫން. ޓީމާއެކު ތަމްރީނު ކުރަމުން އެބަދޭ،" އެމެރިކާގައި ހުރެ ވާހަކަ ދައްކަމުން ސްކަލޯނީ ބުންޏެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ކުރިން އަދި އެކުވެރިކަމުގެ ދެމެޗު ކުޅޭނެއެވެ. އެއީ މިރޭ ހޮންޑޫރަސްއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން އަލަބާމާގައި އައިސްލޭންޑާ ދެކޮޅަށް ކުޅޭ މެޗެވެ.
ސްކަލޯނީ ބުނީ އޭގެ ތެރެއިން އެއް މެޗުގައި މެސީ ފެނުން ގާތް ކަމަށާއި، މެސީގެ ހަވަނަ ވޯލްޑް ކަޕަކަށް އޭނާ ފުރިހަމައަށް ތައްޔާރު ކަމަށެވެ.
އާޖެންޓީނާއިން ވޯލްޑް ކަޕްގެ ތަށި ދިފާއުކުރަން ނުކުންނަ އިރު، 2022 ވަނަ އަހަރު ވޯލްޑް ކަޕްގައި އެޓީމަށް އެންމެ މޮޅު ކުޅުމެއް ދެއްކީވެސް މެސީއެވެ. އޭނާއަކީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
އާޖެންޓީނާއިން މިފަހަރު ވޯލްޑް ކަޕްގެ ގްރޫޕް ޖޭގައި ވާދަކުރާ އިރު، އެ ގްރޫޕުގައި ދެން ހިމެނެނީ އޮސްޓްރިއާ، އަލްޖީރިއާ އަދި ޖޯޑަންއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026