ހުސްވެފައިވާ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި 1000 އަށްވުރެ ގިނަ މީހުން ވޯޓު ލައިފިއެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން އެ ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. އެއީ އެ ދާއިރާގެ މެންބަރުކަމުގައި އޭރު ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ ދާއިރާގެ ގޮނޑީ ހުސްވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 8:00 ގައެވެ. އައްޑޫ ސިޓީގައި ފަސް ވޯޓު ފޮއްޓެއް ބަހައްޓާފައިވާ އިރު، މާލޭގައި ދެ ވޯޓު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނީ މިއަދުގެ 12:00 އާ ހަމައަށް 1080 މީހުން ވޯޓު ލާފައިވާ ކަމަށެވެ. އެއީ ވޯޓު ލެވޭ ނިސްބަތުގެ 29 ޕަސެންޓެވެ. އެގޮތުން ވޯޓު ލާފައިވަނީ 529 އަންހެނުންނާއި 551 ފިރިހެނުންނެވެ.
ވޯޓު ނުލާ ނިސްބަތް އުޅެނީ 73 ޕަސެންޓްގައެވެ. އެއީ 3041 މީހުންނެވެ. މި އިންތިހާބުގައި ޖުމްލަ 4121 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މާލޭގައި ވޯޓުލުން ކުރިއަށްދަނީ ދަރުމަވަންތަ ސްކޫލުގައެވެ. އަދި އައްޑޫގައި ވޯޓުލުން ކުރިއަށްދަނީ ހިތަދޫ ސްކޫލުގައެވެ. ވޯޓުލުން މިއަދު ހަވީރު 4:00 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
މި ބައި-އިލެކްޝަންގައި ވާދަކުރަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ ވެރިކަން ހިންގާ ޕީއެންސީން ވާދަކުރާ އަހުމަދު ސައީދު (ސޮޑާ) އާއި އިދިކޮޅު އެމްޑީޕީން ވާދަކުރާ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން