ފީފާއިން އެންމެ ފަހުވަގުތު ސްޓޭޑިއަމްތަކުގެ ހާއްސަ އުސޫލުތަކަށް ގެނައި ބަދަލަކާއެކު ވޯލްޑް ކަޕް މެޗުތައް ބަލަން ދާ ސަޕޯޓަރުންނަށް ރިޔޫސެބަލް ފްލާސްޓިކް ފުޅި ދަނޑަށް ނުވެއްދޭތީ އެކަމަށް ކުރިމަތިވި ފާޑުކިޔުންތަކާއެކު ވަކި ވައްތަރެއްގެ ފުޅިއެއް ވެއްދޭނެ ގޮތަށް ނިންމައިފިއެވެ.
ހަރު ޕްލާސްޓިކުން ހަދާފައިވާ އެއް ފަހަރަށްވުރެ ގިނައިން ބޭނުން ކުރެވޭ ފުޅީގެ އިތުރުން ފެން ބޯން ބޭނުންކުރާ އަމިއްލަ ތަށިވެސް ދަނޑަށް ނުވެއްދޭނެ ކަމަށް ފީފާއިން ވަނީ ކުރިން ބުނެފައެވެ. މީގެ ކުރިން ސްޓޭޑިއަމް ސަރަހައްދުގައި ބޭނުންކުރާ ސްޕޮންސަރުންގެ ފުޅި އަދި ފެންބޯ ތަށި ފިޔަވާ އެހެން އެއްވެސް ފުޅިއެއް ސަޕޯޓަރުންނަށް މެޗު ބަލަންދާ އިރު ސީޓާ ހަމައަކަށް ނުގެންދެވެއެވެ. އެހެން ނަމަވެސް މިފަހަރު ފީފާއިން ނިންމީ ސްޕޮންސަރުންގެ ފުޅިވެސް ނުވެއްދޭނެ ކަމަށެވެ.
އެ ނިންމުމާއެކު އެމެރިކާގެ ހޫނު ގަދަ ކަމަށް ބަލައި، ސަޕޯޓަރުންނަށް ފެން ނުވެއްދޭތީ އެކަމަށް ވަނީ ފާޑު ކިޔުންތައް އަމާޒުވެފައެވެ.
އެ ފާޑު ކިޔުންތަކަށް ހައްލެއް ހޯދަން ފީފާއިން ބުނީ އެއް ފަހަރު ބޭނުންކޮށް، އެއްލާ ލެވޭނެ މަޑު މެޓީރިއަލްއިން ހަދާފައި ހުންނަ 590 މިލިލީޓަރަށްވުރެ ގިނަ ނުވާނެ ފެންފުޅި ދަނޑަށް ވެއްދޭނެ ކަމަށެވެ. އެއީ ކޮންމެ ސަޕޯޓަރަކަށް އެއް ފުޅިއެވެ.
ފީފާއިން ބުނީ ފުޅި ނުވެއްްދޭނެ ގޮތަށް ނިންމީ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ރެފްރީންގެވެސް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ.
އޭގެ އިތުރުންވެސް ފީފާއިން ވަނީ އަޑު ގަދަކުރަން ބޭނުންކުރާ ވުވުޒެލާވެސް ދަނޑަށް ވެއްދުން މަނާކޮށްފައެވެ. ހަމައެއާއެކު ފާޑު ފާޑުގެ ޓެޓޯ ޑިސްޕްލޭ ވާނެ ގޮތަށް ކަންކަން ނުކުރުމަށް ފީފާއިން އަންގާފައިވާ އިރު، ހާމަކަން ކުޑަ ހެދުމުގައި ދަނޑަށް ގޮސް، އަހުލާގީ ގޮތުން ދަށް ފެންވަރުގެ މަންޒަރުތައް ފެންނާނެ ގޮތަށް އަމަލުކުރުންވެސް ފީފާއިން ވަނީ މަނާކޮށްފައެވެ.
އޭގެ އިތުރުން ލޭޒާ ޕޮއިންޓާސް، ކަށިގަނޑު އަދި އެއާ ހޯންސްގެ އިތުރުން މާ ބޮޑަށް އަޑު ގަދަކުރާ ސްޕީކަރު ފަދަ ތަކެތިވެސް ދަނޑަށް ނުވެއްދޭނެކަމަށް ފީފާއިން ވަނީ ނިންމައިފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026