އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ސްރީލަންކާއަށް ކުރައްވަން ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅަށް ސްރީލަންކާ ސަރުކާރުން ރަސްމީކޮށް ޑިޕްލޮމެޓިކް ތައްޔާރީތައް ފަށައިފިއެވެ.
ސްރީލަންކާގެ ފޮރިން މިނިސްޓްރީން އިސްވެ އޮވެ ކުރިއަށްގެންދާ މި ތައްޔާރީތަކުގެ ދަށުން، ދަތުރުފުޅުގެ ޕްރޮޓޮކޯލްތަކާއި ސަލާމަތީ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ސްރީލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު އަރޫން ހޭމަޗަންދުރަ ވިދާޅުވި ގޮތުގައި، ބޮޑުވަޒީރު މޯދީއަށް މަރުހަބާ ކިޔުމަށް ސްރީލަންކާގެ ސަރުކާރާއި ރައްޔިތުން ތިބީ އިންތިޒާރުގައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ކުރައްވާ މި ދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ދިސާނަޔަކައާ އެކު ކޮލަމްބޯގެ ރިޔާސީ ގަނޑުވަރުގައި މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އިންޑިއާގެ އެހީގައި ސްރީލަންކާގައި ހިންގާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުމާއި ދެ ގައުމުގެ ދެމެދުގައި ވެވޭ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތުތައް ވެސް ކުރިއަށްދާނެއެވެ.
މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ސްރީލަންކާގެ ފޮރިން މިނިސްޓްރީން ފާހަގަކުރެއެވެ.
ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ހަކަތަ އާއި ޑިޖިޓަލް ގުޅުންތަކުގެ އިތުރުން އިގުތިސޯދީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. ހާއްސަކޮށް، ފަހަކަށް އައިސް ލަންކާއަށް ކުރިމަތިވި އިގުތިސޯދީ ދަތިތަކާއި "ސައިކްލޯން ޑިޓްވާ" ފަދަ ގުދުރަތީ ކާރިސާތަކުގައި އިންޑިއާއިން ފޯރުކޮށްދީފައިވާ 450 މިލިއަން ޑޮލަރުގެ އެހީތެރިކަމަށްފަހު، މި ދަތުރުފުޅު ވެގެންދާނީ ސްޓްރެޓީޖިކް ގޮތުން ބޮޑު އަހައްމިއްޔަތު ކަމެއް ދެވޭ ދަތުރުފުޅަކަށެވެ.
އިންޑިއާއަކީ ސްރީލަންކާގެ އެންމެ ގާތް އަވަށްޓެރި ގައުމަށް ވާއިރު، ބޮޑުވަޒީރު މޯދީގެ މި ދަތުރުފުޅުގައި ދިފާއީ އަދި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ވެސް އިސްކަންދޭނެ ކަމަށް ބެލެވެއެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވާނެ ކަމަށް ހަބަރުތައް ބުނެއެވެ.
މިއީ 2025 ވަނަ އަހަރުގެ އޭޕްރީލް މަހު މޯދީ، ލަންކާއަށް ކުރެއްވި ދަތުރުފުޅަށްފަހު، ދެ ގައުމުގެ އިސްވެރިން ބައްދަލުކުރައްވާ މުހިންމު ފަހަރެއް ކަމަށް ވާތީ، މި ދަތުރުފުޅަށް ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ.
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ
ސްރީލަންކާ