އެމެރިކާ އާއި އީރާނާ ދެމެދު ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުން ބޮޑެތި ނުތަނަވަސްކަންތަކެއް އުފެދިފައިވީ ނަމަވެސް، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރުމަށް އީރާނުގެ ގައުމީ ފުޓުބޯޅަ ޓީމަށް އެމެރިކާއިން ވިސާ ދޫކޮށްފިއެވެ.
ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ކުޅުންތެރިންނަށް ވިސާ ހަމަޖެހިފައި ވަނީ މުބާރާތުގައި އެ ޓީމު ކުޅޭ ފުރަތަމަ މެޗަށް އެންމެ 10 ދުވަހަށް ވެފައިވަނިކޮށެވެ.
އީރާނުގެ ޓީމު އެމެރިކާގެ ލޮސް އެންޖެލިސްގައި ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ނުކުންނާނީ ނިއު ޒީލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ލޮސް އެންޖެލިސްގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށްފަހު، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސިއެޓްލްގައި ނުކުންނާނީ މިސްރާ ދެކޮޅަށެވެ.
ވިސާ ލިބުން ލަސްވުމުގެ ސަބަބުންނާއި ސަލާމަތީ ކަންބޮޑުވުންތަކާ ހުރެ، އީރާނުން ވަނީ އެ ޓީމުގެ ޓްރެއިނިން ކޭމްޕު އެމެރިކާގެ އެރިޒޯނާއިން މެކްސިކޯގެ ޓިޖުއާނާއަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެ ޓީމު އެމެރިކާއަށް އެތެރެ ވާނީ މެކްސިކޯގައި ތިބުމަށްފަހުގައެވެ.
މިއީ 1930 ވަނަ އަހަރު ވޯލްޑް ކަޕް ފެށުނު ފަހުން، ހަނގުރާމައިގެ ހާލަތެއްގައި އޮތް ދެ ގައުމެއްގެ ތެރެއިން އެއް ގައުމަކުން އަނެއް ގައުމުގެ ޓީމަކަށް މުބާރާތް ބޭއްވުމަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރެވެ.
ތުރުކީގައި ހުންނަވާ އެމެރިކާގެ ސަފީރު ޓޮމް ބެރެކް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ކުޅިވަރަކީ ސަރަހައްދީ އިމުން ބޭރުގައިވާ ކަމެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މަރުހަބާ ކިޔުމަށް އެމެރިކާއިން އޮތީ ތައްޔާރަށެވެ.
ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މި މުބާރާތް މިހާރު ވަނީ ސިޔާސީ މައިދާނަކަށް ބަދަލުވެފައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ގުޅުން ހުރި އެއްވެސް ފަރާތަކަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދޭނެ ކަމަށެވެ. މި ނިންމުމުގެ ސަބަބުން އީރާނުގެ ޓީމުގެ ބައެއް އޮފިޝަލުންނަށް އަދިވެސް ވިސާ ހަމަޖެހިފައި ނުވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026