ބްރެޒިލަކީ މިފަހަރު މީޑިއާތަކުގެ އިތުރުން ތަފާސްހިސާބުތައް ދިރާސާ ކުރާ ފަރާތްތަކުގެ ފެވަރިޓެއް ނޫން ކަމަށާއި، އޭގެ ސަބަބުން ޓީމަށް އޭގެން ފައިދާ ކުރާނެ ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ކަސެމީރޯ ބުނެފިއެވެ.

ބްރެޒިލަކީ މިހާތަނަށް ވޯލްޑް ކަޕްގައި ފެނުނު އެންމެ ކާމިޔާބު ޓީމު ނަމަވެސް، މިވަގުތު އޮތް ފޯމުގައި އެޓީމަކީ ގިނަ ބައެއްގެ ފެވަރިޓެއް ނޫނެވެ. މިމަހު 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ފެވަރިޓުންގެ ގޮތުގައި ކިޔާ ފްރާންސް، އިންގްލެންޑް އަދި ސްޕެއިންގެ އިތުރުން ޕޯޗުގަލް ފަދަ ގައުމުތަކާއި ބްރެޒިލާ ދެމެދު މިވަގުތު ފަރަގު ބޮޑުކަން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

ބްރެޒިލުން 2002 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއް ކާމިޔާބުކުރަން މަސައްކަތް ކުރަމުންދާ އިރު، ކަސެމީރޯ ބުނީ ފަހަތަށް ފިޔަވަޅެއް އަޅައިގެން ތިބެން ޖެހުމުން އެއީ ލިބޭ ލުޔެއް ކަމަށެވެ.

"އަހަރެމެންނަކީ ބޮޑު ފެވަރިޓެއް ނޫން. އެހެންވިޔަސް އަހަރެމެން މިތިބީ ރަނގަޅު ފޯމެއްގައި. ސްކޮޑުވެސް ވަރުގަދަ. އެއީ ޒުވާން ހުނަރުވެރި ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭތީ. ފެވަރިޓެއް ނުވެ، ފިޔަވަޅެއް ފަހަތުގައި ތިބެން ޖެހުމަކީ އަހަރެމެންނަށް ލިބޭ ފަސޭހައެއް. އެއީ ސިކުނޑިއަށް ލިބޭ ލުއިކަމެއް،" ކަސެމީރޯ ބުންޏެވެ.

ކަސެމީރޯ ބުނީ ވޯލްޑް ކަޕްގެ ކޮލިފިކޭޝަން ބްރެޒިލަށް ދިޔައީ އުނދަގޫކޮށް ކަމަށާއި، އެކަން އެހެންވީ އާ ރައީސަކު ފެޑަރޭޝަނާ ހަވާލުވެ، އާ ކޯޗަކަށް މަސައްކަތް ކުރަން ޖެހުމުން ކަމަށެވެ. އެހެން ނަމަވެސް ކާލޯ އެންޗެލޮޓީއާއެކު ޓީމު ހަމައަކަށް އެޅުނު ކަމަށް އޭނާ ބުންޏެވެ.

ބްރެޒިލާ އެންޗެލޮޓީ ހަވާލުވިތާ އަދިވީ ގާތްގަނޑަކަށް އެއް އަހަރެވެ. ކަސެމީރޯ ބުނީ އެއީ ޗެލެންޖެއް ކަމަށެވެ. އެގޮތުން އާ ކޯޗާއެކު ބްރެޒިލަށް މަސައްކަތް ކުރެވިފައި ވަނީ އެންމެ 40 އަކަށް ދުވަސް ކަމަށްވުމުން އެއީ އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ކަސެމީރޯ ފާހަގަކުރިއެވެ.

ބްރެޒިލް މިފަހަރުގެ ވޯލްޑް ކަޕްގައި ކުޅޭނީ ގްރޫޕް ސީގައެވެ. އެއީ މޮރޮކޯގެ އިތުރުން ހެއިޓީ އަދި ސްކޮޓްލޭންޑާ އެއް ގްރޫޕެއްގައެވެ.