ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ކުޅުންތެރިންގެ ފަރާތުން ފައިނަލަށް ދިޔުމުގެ ރޫހު ފެނުނު ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ޑައިމަންޑް ޖުބިލީ މުބާރާތުގައި ރާއްޖެއާއި އަފްގާނިސްތާން އަދި ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރާ އިރު، ފުރަތަމަ މޮޅެއް ހޯދީ އަފްގާނިސްތާނުންނެވެ. އެއީ ރޭ ކުޅުނު މެޗުގައި 1-0 އިން ރާއްޖެ ބަލިކޮށްގެންނެވެ. މެޗުގައި އަފްގާނިސްތާންގެ ގޯލް ފެނުނީ 80 ވަނަ މިނެޓުގައެވެ.

"މިކަހަލަ ގޮތަކަށް މެޗަކުން ބަލިވުމަކީ ހިތްދަތިކަމެއް. އެކަމަކު އެހެން ގޮތަކަށް ވިސްނާ ކަމަށްވާނަމަ މިއީ ހިތްހަމަ ޖެހުމެއް ލިބުނުވެސް މެޗެއް. އަހަރެން އަބަދުވެސް ބުނަން، މެޗަކުން ނަތީޖާ ނުނެރެވުނަސް، ޕާފޮމަންސް ދެއްކިދާނޭ. މިއަދު އެކަން ފެނުނު. އެންމެ މިސްޓޭކަކުން ނަތީޖާ ފެނުނީ. ދެވަނަ ހާފުގައި ރަނގަޅު ފުރުސަތުތަކެއް ލިބުނު މެޗުން މޮޅުވާންވެސް. އޯވަރޯލް ކުޅުން ރަނގަޅު، އަފްގާނިސްތާނަކީ ވަރުގަދަވެސް ޓީމެއް. ޓީމެއްގެ ގޮތުގައި މޮޅު ނޫނަސް، އިންޑިވިޖުއަލީ އެއީ ވަރަށް ހުނަރުވެރި ޓީމެއް،" އުރުބާނީ ބުންޏެވެ.

އުރުބާނީ ބުނީ ރާއްޖޭން ކުޅެން މަސައްކަތް ކުރާ ސިސްޓަމަކީ އަފްގާނިސްތާނާ ދެކޮޅަށް ކުޅެން ވިސްނި ހާއްސަ ސިސްޓަމެއް ކަމަށާއި، އެ މެޗުން ފެނުނު ކުޅުމުން އަނެއް މެޗުގައި ނަތީޖާ ނެރެވޭނެކަން ބުނަން ނޭނގޭނެ ކަމަށެވެ. ދެން އޮތް ދެ ޓީމަކީވެސް ތަފާތު ދެޓީމެއްކަން އޭނާ ފާހަގަކުރިއެވެ. އުރުބާނީ ފުޓުބޯޅައަކީ އެކި މެޗުގައި އެކި ސްޓައިލް ގެންގުޅެން ޖެހޭ ކުޅިވަރެއް ކަމަށެވެ.

އޭގެ އިތުރުން ވާހަކަ ދައްކަމުން ކޯޗު ފާހަގަކުރީ، ދަނޑަށް އެރުމާއެކު ކުޅުންތެރިންގެ ފަރާތުން ފައިނަލަށް ދާން ބޭނުންވާކަން ފެނުނު ކަމަށާއި، އެ ރޫހު ޓީމުގައި އެބައޮތް ކަމަށެވެ.

"އެންމެ ރަނގަޅު ކަމަކަށް ފެނުނީ، ކުޅެން އަރާ ތިބި ކުޅުންތެރިންގެ ފައިނަލަށް ދާން ވިސްނާ، އެވާހަކަ ދެއްކިކަން. އެއީ މުހިއްމު ކަމެއް. އެ އަޒުމު ހުންނަންވާނެ،" އުރުބާނީ ބުންޏެވެ.

އުރުބާނީ ވަނީ މެޗުން ފެނުނު ޒުވާން ކުޅުންތެރިންނާއި ޑިފެންސަށް ކުޅުނު ހަސަން އީނާޒްގެ ކުޅުން ފާހަގަކޮށްފައެވެ. އޭގެ އިތުރުން އޭނާ ބުނީ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް 100 މެޗު ހަމަކުރުމުން އެކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާކަން ފާހަގަކޮށްފައެވެ.

އޭގެ އިތުރުން އުރުބާނީ ބުނީ މެޗުން ފެނުނު އިތުރު ކަމެއް ފާހަގަކުރާނަމަ، ކުޅުންތެރިން އޭނާގެ ސްޓައިލަށް ހޭނެން ތައްޔާރަށް ތިބިކަން ފާހަގަވި ކަމަށެވެ.