ރަޝިޔާގެ އަސްކަރިއްޔާއިން ރޭ ފަތިހުގެ ވަގުތެއްގައި ޔޫކްރެއިންގެ ވެރިރަށް ކީވްއަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. ރިޕޯޓްތައް ބުނާގޮތުގައި، މި ހަމަލާތަކާއެކު ބާރުގަދަ 12 ގޮވުމެއްގެ އަޑު މުޅި ސިޓީގައި ގުގުމާލާފައިވާއިރު، ޑްރޯންތަކުގެ އަޑުވެސް ވަނީ އިވިފައެވެ.

ކީވްގެ މޭޔަރު ކްލިޝްކޯ ވިދާޅުވި ގޮތުގައި، މި ހަމަލާތަކުގެ ސަބަބުން ތެޔޮ އަޅާ ސްޓޭޝަނެއްގެ ކައިރީގައި ހުރި ތަންތަނާއި، އިމާރާތްކުރާ ސައިޓެއްގެ އިތުރުން، އާންމުން ދިރިއުޅޭ އެޕާޓްމަންޓް ބްލޮކްތަކެއްގައާއި ދެ ގެއެއްގައި ވަނީ އަލިފާން ރޯވެފައެވެ. މީގެ އިތުރުން، ސިޓީގެ އެކި ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑި، އިތުރު އަލިފާނުގެ ހާދިސާތައް ރިޕޯޓްކޮށްފައިވީ ނަމަވެސް، ލިބުނު ގެއްލުންތަކުގެ ތަފްސީލީ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ކީވްގެ އިތުރުން ޒަޕޮރީޜިއާގައި ހުންނަ ސިނާއީ މަރުކަޒަކަށްވެސް ރަޝިޔާއިން ވަނީ ހަމަލާދީފައި ކަމަށް ހަބަރުތައް ބުނެއެވެ. މި ހަމަލާތައް ކުރިމަތިވެފައި މިވަނީ، ރަޝިޔާއިން ވަރުގަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އިއްޔެ ދެއްވާފައި ވަނިކޮށެވެ.

ޒެލެންސްކީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރަޝިޔާއިން ވަރުގަދަ ހަމަލާއަކަށް ތައްޔާރުވަމުންދާކަން އިންޓެލިޖެންސް ރިޕޯޓްތަކުން އެނގޭ ކަމަށާއި، އެހެންކަމުން ވައިގެ ހަމަލާތަކުގެ އިންޒާރުތަކަށް ރައްޔިތުން ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިދިޔަ ހަފުތާގައި ރަޝިޔާއިން ވަނީ ކީވްގައި ހުރި އަސްކަރީ އަދި ސިޔާސީ ނިންމުންތައް ނިންމާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ، ބޭރު ގައުމުތަކުގެ މީހުން އެ ސިޓީ ދޫކޮށް ދިއުމަށް އިންޒާރު ދީފައެވެ. ރަޝިޔާއިން ބުނާގޮތުގައި މިއީ ސްޓްރަބޮލިންސްކްގައި ހުރި ޑޯމިޓަރީއަކަށް ޔޫކްރެއިނުން ދިން ހަމަލާގެ ބަދަލުހިފުމެކެވެ. ނަމަވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެފައިވަނީ، މެއި 21 އާއި 22 އާ ދެމެދު އެ ސަރަހައްދަށް ދިން ހަމަލާއަކީ ރަޝިޔާގެ އަސްކަރީ ޔުނިޓަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ.