ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރުފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގައި ހޯސްޓް ގައުމު ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި މިރޭ އަފްގާނިސްތާން ކައިރިން ބަލިވެއްޖެއެވެ.
ޑައިމަންޑް ޖުބިލީ މުބާރާތް މިއަދު ފަށާފައިވާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ. ބަންގްލަދޭޝްއިން ޒުވާން ގިނަ ކުޅުންތެރިންތަކަކާއެކު މުބާރާތަށް އައިސްފައިވާ އިރު، މިއަދު ހަވީރު އެޓީމުން ވަނީ ޕާކިސްތާނާ އެއްވަރު ކޮށްފައެވެ.
ހަވީރު މެޗުން އެއްވެސް ޓީމަކަށް ތިން ޕޮއިންޓް ލިބިފައި ނުވާ އިރު، އަފްގާނިސްތާނުން މިރޭ ރާއްޖެ ބަލިކޮށް ތިން ޕޮއިންޓް ހޯދީ 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ. ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ހަމައެކަނި ގޯލް ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅުގައެވެ. މެޗުގައި ރާއްޖޭން ހަމަލާތައް އުފެއްދި ނަމަވެސް ކާމިޔާބު ކުރެވޭނެ ގޮތެއް ނުވިއެވެ.
މިފަހަރުގެ މުބާރާތަށް ރާއްޖޭން ނުކުމެފައި ވަނީ އިތުބާރު ކެޕްޓަން ސަމޫހު އަލީ (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) ނުލައެވެ. އެއީ އަނިޔާގެ ސަބަބުންނެވެ. އެތަން ފޫބައްދަން ސެންޓަ ބެކަށް ނުކުމެފައި ވަނީ އަމްދާން އަލީ (އެންޑީ) އާއި ހަސަން އީނާޒެވެ. އޭގެ އިތުރުން ރާއްޖޭން ނެރުނު ފުރަތަމަ 11 ގައި ޒުވާން ފޯވަޑް މުހައްމަދު އިލާން އިމްރާނާއި އަހްޒަމް ރަޝީދުވެސް ހިމަނާފައިވާ އިރު، ކެޕްޓަން ބޭންޑްގައި ނުކުތީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މެޗު ފެށިގެން ފުރަތަމަ ނުރައްކާ ކުރީ އަފްގާނިސްތާނުންނެވެ. ކުރިން ވޮޓްފޯޑާއި ބްރެންޓްފޯވަޑަށްވެސް ކުޅުނު އާމިން ނަބިޒާދާ މެދުތެރެ ކޮންޓްރޯލް ކުރަމުން ދިޔަ އިރު، ކުރީކޮޅުގައި އޯމިދު ޕޮޕަލްޒޭއަށް ލިބުނު ފުރުސަތުތައް ދިޔައީ ބޭނުން ނުކުރެވިއެވެ. ހާފުގެ ބޮޑުބައެއްގައި ރާއްޖޭން ރަނގަޅަށް ޑިފެންސް ކުރަމުން ދިޔަ އިރު، ކައުންޓާގައި ހަމަލާތަކަށް ފުރުސަތު ހޯދިއެވެ.
އެގޮތުން އަފްގާންގެ ފަހަތުން ހެދުނު ދެ ގޯހެއްގައި ހަމްޕުއަށް ލިބުނު ފުރުސަތުތައް ފާހަގަވިއެވެ. އަދި އިބްރާހީމް އައިސަމް އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ މަތަކުރީ އަފްގާނިސްތާންގެ ކީޕަރު ފައިސަލް އަހުމަދު ހަމީދީއެވެ.
ދެވަނަ ހާފަށް ނުކުމެ ރާއްޖޭން ކުޅުން ރަނގަޅު ކުރި އިރު، އަހުމަދު އައިހަމް (ފަތޯ) ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ. ދެވަނަ ހާފުގައި ރާއްޖޭން އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އާއި އަލީ ފާސިރު (ސެންޓޭ) ވެސް ކުޅުމަށް ނެރެފައިވާ އިރު، ފޭދޫ އިއްބެ ޖައްސާލި ބޯޅައެއްގައި އިބްރާހީމް ވަހީދު ހަސަން ފޮނުވާލި ބޯޅަ މަތަކުރީ އަފްގާނިސްތާން ކީޕަރެވެ.
މެޗުގެ ނިމެން ދަނިކޮށް، 80 ވަނަ މިނެޓުގައި އަފްގާނިސްތާނަށް ގޯލް ޖަހައިދިނީ ރޯމަން ފާޒީއެވެ. އޭނާ އޭރިއާ ތެރެއިން ލިބުނު ބޯޅަ ތިރިތިރީން ގޯލަށް އަމާޒުކޮށްލައި އަފްގާނިސްތާން މޮޅުކޮށްދިން އިރު، ރާއްޖޭން ވަނީ ފަހުވަގުތު އަލީ އަޝްފާގު (ދަގަނޑޭ) ވެސް ކުޅުމަށް ނެރެފައެވެ.
މިރޭގެ މެޗަކީ ގައުމީ ޖާޒީގައި އަޝްފާގު ކުޅުނު 100 ވަނަ މެޗެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަޝްފާގު ގައުމީ ޓީމަށް 100 ހަމަކުރި އިރު، އޭނާއަކީ އެ ޝަރަފު ހޯދި ދެވަނަ ކުޅުންތެރިޔާއެވެ. ގައުމީ ޓީމަށް މީގެ ކުރިން 100 މެޗު ހަމަކުރި ހަމައެކަނި ކުޅުންތެރިޔަކީ އިމްރާން މުހައްމަދު (އިންމަ) އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް އޮންނާނީ ބުރާސްފަތި ދުވަހުއެވެ. އެ ދުވަހު ހަވީރު ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް ނުކުންނަ އިރު، އެރޭ 9 ޖަހާއިރު އަފްގާނިސްތާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ
ޑައިމަންޑް ޖުބިލީ - ފުޓުބޯޅަ