ވޯލްޑްކަޕުގައި ކުޅޭ އީރާނުގެ ޓީމު މިފަހަރު ކޭމްޕް ކުރާނީ އެމެރިކާގެ ބަދަލުގައި މެކްސިކޯގެ ޓިޚުއާނާގައެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން އެންމެ ފުރަތަމަ ގަސްތުކޮށްފައިއޮތީ އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ޓޫސޮންގައި ކޭމްޕު ކުރާށެވެ. އެކަމަކު އެމެރިކާޔާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ކަންކަން ވަރަށްބޮޑަށް ގޯސްވެ އީރާނުގެ ކުޅުންތެރިންނަށް ވިސާ ލިބުމުގައިވެސް ހުރަސްތައް ކުރިމަތިވާ ހާލަތެއް މެދުވެރިވެފައިވާތީ ފީފާއިން ވަނީ އެމެރިކާގެ ބަދަލުގައި މެކްސިކޯގައި ކޭމްޕުކުރުމުގެ ޚާއްސަ ހުއްދައެއް ދީފައެވެ. މެކްސިކޯގައި ކޭމްޕު ކުރީމާ އީރާނުގެ ޓީމަށް ރައްކާތެރިކަން މާބޮޑަށްވެސް އިހުސާސްކުރެވޭނެއެވެ. އީރާނުގެ ޓީމު ގާއިމުވެތިބޭ ޓިޚުއާނާއަކީ އެމެރިކާޔާއި މެކްސިކޯގެ ބޯޑަރާއި ނުހަނު ގާތުގައިވާ ރަށެކެވެ. އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓް އޮންނަނީ ޓިޚުއާނާއާ ޖެހިގެންނެވެ. ވޯލްޑްކަޕްގައި އީރާން ހިމެނެނީ ގްރޫޕް ޖީގައެވެ. މި ގްރޫޕުގައި ދެން ހިމެނޭ ޓީމުތަކަކީ ބެލްޖިއަމް، މިސްރު އަދި ނިއުޒިލެންޑެވެ.

އީރާން އެންމެ ފުރަތަމަ ނުކުންނާނީ ޖޫން ސޯޅަވަނަ ދުވަހު ނިއުޒިލެންޑާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ ކެލިފޯނިޔާ ސްޓޭޓްގެ ލޮސްއެންޖަލިހުގައެވެ. ދެވަނަ މެޗުގައި ބެލްޖިއަމާ ދެކޮޅަށް އީރާން ނުކުންނާނީ ޖޫން ބާވީހުގައެވެ. އެ މެޗުވެސް ކުޅޭނީ ލޮސްއެންޖަލިހުގައެވެ. ގްރޫޕުގައި އީރާން ކުޅޭ ފަހު މެޗުގައި މިސްރާ ދެކޮޅަށް ނުކުންނާނީ ޖޫން ހަތާވީހުގައެވެ. މި މެޗު ކުޅޭނީ ވޮޝިންޓަން ސްޓޭޓުގެ ސިއަޓްލްގައެވެ. ގްރޫޕް ސްޓޭޖުގައި އީރާނު ކުޅެންޖެހޭ ތިން މެޗަށް ވިސްނާއިރު ޓިޚުއާނާގައި ތިބެފައި ފްލައިޓުގައި ފަންސާސް މިނިޓުން ދެވޭ ލޮސްއެންޖަލިހުގައި ދެ މެޗެވެ. ފްލައިޓުގައި ދެގަޑި ތިރީސް މިނިޓުން ދެވޭ ސިއަޓްލްގައި އެއްމެޗެވެ. އެހެންވީމާ ޓިޚުއާނާގައި ތިބުމަކީ މެޗުކުޅޭ ތަނަށް ދިއުމުގައި ފަސޭހަކަން ލިބޭނޭ ކަމެކެވެ. ދެންއޮތީ އީރާނުގެ ޓީމު ދަތުރުކުރާނެ އެއަރލައިނުގެ މައްސަލައެވެ. ގަބޫލުކުރެވިފައިވަނީ އީރާނުގެ ޓީމު ދަތުރުކުރާނީ އީރާނުގެ ގައުމީ އެއަރލައިނުގެ ޗާޓަރު ފްލައިޓެއްގައި ކަމުގައެވެ.

އީރާނުގެ ޓީމު ޓިޚުއާނާގައި ތިބޭހައި ދުވަހަކު އީރާނުއެއަރ ގެ މަތިންދާބޯޓެއްވެސް ޓިޚުއާނާ އެއަރޕޯޓުގައި އޮންނާނެއެވެ. އީރާނުއެއަރ ގެ މަތިންދާބޯޓާމެދު އެމެރިކާއިން މައްސަލަ ބޮޑުކުރާނަމަ އީރާނުން ކުއްޔަށް ހިފާނެކަމަށް ބެލެވެނީ މެކްސިކޯގެ ގައުމީ އެއަރލައިނުގެ ބޯޓެކެވެ. އެމެރިކާގެ ބޯޓެއް ނެގުމަށް އީރާނުން ޚިޔާލެއްވެސް ނުކުރެއެވެ. ކޮންމެއަކަސް އީރާނު ހިމެނޭ ގްރޫޕަށް ވިސްނާއިރު ނޮކައުޓް ބުރަށް އީރާނު ކޮލިފައިވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ގަބޫލުކުރެވެއެވެ. ނޮކައުޓް ބުރަކީ ބައްތިރީސް ޓީމުގެ ބުރެވެ. އެ ބުރަށް ކޮލިފައިވާނީ ކޮންމެ ގްރޫޕެއްގެވެސް އެންމެ ގަދަ ދެ ޓީމު ހިމެނޭ ގޮތުން ޖުމްލަ ސައުވީސް ޓީމާއި އެކި ގްރޫޕްތަކުން ތިންވަނަ ހޯދާ ބާރަ ޓީމުގެ ތެރެއިން ނަތީޖާ އެންމެ ރަގަޅު 8 ޓީމު ހިމަނައިގެން ޖުމްލަ ބައްތިރީސް ޓީމެވެ. ގްރޫޕް ޖީގެ ތިންވަނަ ޓީމުގެ ގޮތުގައި ނޮކައުޓް ބުރަށް އީރާނު ހިނގައްޖެނަމަ އެބުރުގައި އީރާނަށް ކުރިމަތިލާން ޖެހޭނީ ގްރޫޕް އޭގެ އެއްވަނަ ނުވަތަ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ.

ގްރޫޕް އޭގައި ހިމެނެނީ މެކްސިކޯ، ޗެކްރިޕަބްލިކް، ސައުތު ކޮރެޔާ އަދި ސައުތު އެފްރިކާއެވެ. ގްރޫޕް ބީގައި ހިމެނެނީ ސުވިޒަރލެންޑް، ބޮސްނިއާ، ކެނެޑާ އަދި ގަތަރެވެ. މިދެންނެވި ބުރުގައި ކުޅެންޖެހިއްޖެނަމަ އެމެރިކާގެ އެހެން ހިސާބަކަށް ދަތުރުކުރަން އީރާނަށް މަޖުބޫރު ވެދާނެއެވެ. އީރާނުގެ ކުޅުންތެރިންނާއި އޮފިޝަލުން މިވަގުތު ތަމްރީނުތައް ހަދަމުން ގެންދަނީ ތުރުކީވިލާތުގެ އެންޓާލިޔާގައެވެ. ޖުމްލަ ދެ ހަފުތާގެ މުއްދަތަށް ތުރުކީވިލާތުގައި ތަމްރީނު ހެދުމަށްފަހު އީރާނުގެ ޓީމު މެކްސިކޯގެ ޓިޚުއާނާއަށް ފުރާނީ މާލީއާއެކު ކުޅޭ މެޗު ނިންމާލުމަށްފަހު ޖޫން ފަހެއްގައެވެ. އީރާނުގެ ޓީމު ކޭމްޕުކުރާ ޓިޚުއާނާގައި ޕްރައިވެޓް ދަނޑުތަކާއި ޖިމާއި ރެސްޓޯރަންޓާއި އެންމެ ޒަމާނީ އެކޮމޮޑޭޝަން ހިމެނެއެވެ.

އީރާނަކުން އަދި އެގައުމުގެ ސްކޮޑް މުޅިއަކުން ފައިނަލެއް ނުކުރެއެވެ. ތުރުކީގައި ކޭމްޕް ކުރަމުންދަނީ ޕްރެލިމިނަރީ ސްކޮޑެކެވެ. މި ސްކޮޑް ފައިނަލްކޮށްފައި ފީފާއަށް ސައްބީސް ކުޅުންތެރިންގެ ސްކޮޑް ހުށައަޅަންޖެހޭ އެންމެފަހު ތާރީޚަކީ ޖޫން އެއްވަނަ ދުވަހެވެ. އީީރާނުގެ ކޯޗަކީ އުމުރުން 62 އަހަރުގެ އަމީރު ގަލްއަތުނޫއީ އެވެ. ގަލްއަތުނޫއީއަކީ އީރާނު މީހެކެވެ. ކުރީގެ ގައުމީ ފުޓްބޯޅަ ލެޖެންޑެކެވެ. އޭނާ ޓީމާ ހަވާލުވީ 2023 ގައެވެ. އީރާނުގެ ސްކޮޑް ފައިނަލްކުރާއިރު އަދި އެހެންކަމަކަށްވެސް ރިއާޔަތްކުރަން އެބަޖެހެއެވެ. އީރާނުގެ ސިފައިންގެ ތެރެއިން އިންގިލާބީ ގާޑުންގެ ތެރޭގައި ޚިދުމަތްކޮށްފައިވާ މީހުންނަށް ނުވަތަ އިންގިލާބީ ގާޑުންގެ ލަޝްކަރާއި ގުޅުން އޮންނަ މީހުންނަށް އެމެރިކާއަކަށް ނުވަދެވޭނެއެވެ. އެއީ އެމެރިކާއިން ބްލެކްލިސްޓް ކޮށްފައިވާ ބައެކެވެ. އީރާނުގެ ހަމަކޮންމެ ޒުވާނަކީ އަސްކަރީ ޚިދުމަތުގައި ދުވަސްތަކެއް ހޭދަކުރަން ޖެހޭ މީހެކެވެ.

އެހެންވީމާ ވަރަށް ގިނަ ޒުވާނުން އިންގިލާބީ ގާޑުންގެ ތެރޭގައިވެސް އުޅެންޖެހެއެވެ. އީރާނުގެ ބޮޑެތި ކުލަބުތަކުގެ ތެރެއިން ދެތިން ކުލަބެއް ނިސްބަތްވަނީވެސް އިންގިލާބީ ގާޑުންނަށެވެ. އީރާނުގެ މިހާރުގެ ތަރިންގެ ތެރެއިން މަހުދީ ތަރީމީއާއި އިހުސާން ހަޖްސާފީއަކީ ކުރީގެ އިންގިލާބީ ގާޑުންނެވެ. އަދިވެސް އެފަދަ ކިތަންމެ ކުޅުންތެރިންނެވެ. އެހެންވީމާ އީރާނުގެ ސްކޮޑް ފައިނަލްކުރާއިރު އޭގެތެރޭގައި އިންގިލާބީ ގާޑުންނާ ގުޅުންހުރި ކުޅުންތެރިން ހިމެނޭނެއެވެ. އެކަން ކަށަވަރެވެ. ދެންވާނީ ކިހިނަކުން ހެއްޔެވެ. މި މައްސަލައިގައި ފީފާއާއި އެމެރިކާގެ އޮފިޝަލުން ވަރަށް ދިގުކޮށް މަޝްވަރާ ކުރުމަށްފަހު އެންމެފަހުން ނިންމާފައިވަނީ މިވަގުތު އިންގިލާބީ ގާޑުންގެ ތެރޭގައި ނުހިމެނޭ ކުޅުންތެރިންނަށް ވިސާ ދޫކުރުމަށެވެ. މާޒީއަށް ނުބެލުމަށެވެ. އެކަމަކު މިހާރު އިންގިލާބީ ގާޑުންގެ ޚިދުމަތުގައި ހުރި ކުޅުންތެރިއަކަށް ވިސާ ނުދިނުމަށެވެ. އެހެންވެއްޖެނަމަ ޓްރެކްޓަރ އެސްސީ ކުލަބާއި ފަޖުރު ސިޕާސީ އެފްސީގެ ކުޅުންތެރިންނަށް ވިސާ ލިބޭނެ ބާވައެވެ. އެއީ އިންގިލާބީ ގާޑުންނަށް ނިސްބަތްވާ ކުލަބުތަކެވެ. ދެންވާ އެއްޗެއް ބަލަންތިބެމާ ބަހީއެވެ.