ވ. އަތޮޅުގެ ކަނޑުއަޑީގެ ހޮޅައަކަށް ފީނުމުގެ ތެރޭގައި މަރުވި އިޓަލީގެ ޑައިވަރުންތަކެއްގެ ހަށިގަނޑު ހޯދައި، އެ ތަކެތި ނެގުމުގައި ހަރަކާތްތެރިވި ފިންލޭންޑުގެ ޑައިވަރުންނަށް އިޓަލީ ސަރުކާރުން އެ ގައުމުގެ އެންމެ މަތީ ޝަރަފު އަރުވައިފިއެވެ.
އެ އޮޕަރޭޝަންގައި އިސްކޮށް އުޅުނު ފިންލޭންޑުގެ ތިން ޑައިވަރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލޭންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓަށް އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ އެ ގައުމުގެ "އޯޑާ އޮފް މެރިޓް" ގެ ޝަރަފު ދެއްވާފައެވެ. މިއީ އާންމު ރައްޔިތުންނަށް އިޓަލީން އަރުވާ އެންމެ މަތީ އެވޯޑެވެ.
އިޓަލީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޝަރަފު އެ ފަރާތްތަކަށް އެރުވީ ހޮހޮޅައިގެ ތެރެއިން ހަށިގަނޑުތައް ނެގުމުގައި އެ މީހުން ދެއްކި އާދަޔާ ހިލާފު ހިތްވަރާއި ފަންނީ މާހިރުކަމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ އަންހެންދަރިފުޅު ޖޯޖިއާ ސެމަކަލްގެ ޖަނާޒާ މިހާރު ވަނީ އިޓަލީގައި ބާއްވާފައެވެ. ގާތްގަނޑަކަށް ދެހާހެއްހާ މީހުން ބައިވެރިވި އެ ޖަނާޒާގެ ރަސްމިއްޔާތުގެ ތެރެއިން، ފިންލޭންޑުގެ ޑައިވަރުންނަށް އެވޯޑު އެރުވުމަކީ އެމީހުން ކުރި މަސައްކަތަށް ލިބުނު ބޮޑު އިހުތިރާމެއް ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިޓަލީގެ ޑައިވަރުންގެ ހަށިގަނޑުތައް ހޮހަޅައިން ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީފްގެ ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ މަރުވެފައެވެ. މަހުދީގެ މަރުގެ މައްސަލާގައި އެއްވެސް ފަރާތެއްގެ އިހުމާލެއް އޮތްތޯ ބެލުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
އިޓަލީ
އިޓަލީ
އިޓަލީ
އިޓަލީ