މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ފުޓުބޯޅަ އޮތީ އުނދަގޫ ހާލަތެއްގައި ކަމަށާއި، ފުޓުބޯޅައަށް އަލުން އިތުބާރު ހޯދުމަށް ރަނގަޅު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކޯޗު އިސްތަވާން އުރުބާނީ ބުނެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތް މާދަމާ ފަށާ އިރު، ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ބަންގްލަދޭޝްއާއި ޕާކިސްތާން އަދި އަފްގާނިސްތާނެވެ.

ރާއްޖޭން މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު، އަނިޔާގެ މައްސަލަތައް ދިމާވިއެވެ. އުރުބާނީ ފާހަގަކުރީ ލީގު ޝެޑިއުލް ނިމުނުފަހުންވެސް ބައެއް ކުޅުންތެރިން މުބާރާތްތަކުގައި ކުޅުނު ކަމަށާއި، އޭގެ ސަބަބުން އޯވާލޯޑްވެ، އަނިޔާގެ މައްސަލަތައް ކުރިމަތިވި ކަމަށެވެ. ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ފަހަތަށް ކުޅުނު ޓީމުގެ ކެޕްޓަން، ސަމޫހު މުހައްމަދު (ސަމުއްޓެ) އާއި މުހައްމަދު އިރުފާން (އިރޭ) އަށް އަނިޔާގެ ސަބަބުން މި މުބާރާތުގައި ނުކުޅެވޭނެއެވެ. އުރުބާނީ ބުނީ އެ ދެކުޅުންތެރިންނަށްވެސް ގިނައިން ކުޅެން ޖެހުން އެއީ ދިމާވި މައްސަލައެއް ކަމަށެވެ.

13 އޮކްޓޯބަރު 2025، މާލެ، އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުގެ ކުރިން ގައުމީ ދަނޑުގައި ބޭއްވި ޕްރި މެޗު ޕްރެސްގެ ތެރެއިން ސަމުއްޓެ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

އޭގެ އިތުރުން އުރުބާނީ ފާހަގަކުރީ ރާއްޖޭގެ ކުޅުންތެރިންގެ ޕޫލް ކުޑަވުމުން އެ ކުޅުންތެރިން ނެތްތައް ފޫބައްދަން ޗެލެންޖްތަކެއް އެބަހުރި ކަމަށާއި، ޒުވާން ކުޅުންތެރިންވެސް ލައިގެން އެކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

އުރުބާނީ ބުނީ އެއީ މިވަގުތަށް އޭނާގެ އެންމެ ބޮޑު ކަންބޮޑުވުން ނޫން ކަމަށާއި، މިވަގުތު އޮތީ ކުރަން އޮތް ރިބިލްޑިންގެ މަސައްކަތް ފުރިހަމަ ކުރުން ކަމަށެވެ.

"އަނިޔާގެ މައްސަލަތަކަކީ ހަމައެކަނި ޗެލެންޖެއް ނޫން. އެއަށްވުރެ ބޮޑެތި ކަންކަން އެބަހުރި މި ދަނޑިވަޅަށް. އެންމެންނަށްވެސް އެނގޭނެ މިއީ ރިބިލްޑިން މަސައްކަތެއް މި ކުރަނީ. އެކަމަށް ބުރަކޮށް މަސައްކަތް މިކުރަނީ. މުޅި ރާއްޖޭގައިވެސް އެ މަސައްކަތް ކުރަމުން މިދަނީ. ރާއްޖޭގެ އެކި ހިސާބުތަކުގައިވެސް މުބާރާތްތައް ކުޅެ، ޒުވާން ކުޅުންތެރިންގެ މުބާރާތްތަކާއެކުވެސް މި ކުރިއަށް ދަނީ. އެކިއެކި ސަބަބުތަކާ ހެދި ރާއްޖޭގެ ފުޓުބޯޅަ މިދިޔަ ދުވަސްތަކުގައި އޮތީ އަނދަވަޅެއްގައި. އެހެން ގައުމުތަކުން ކުރިއެރުންތައް ހޯދިޔަސް، ރާއްޖެއަށް ހުރި ދަތިތަކެއް،" އުރުބާނީ މިއަދު ޕްރެސްގައި ބުންޏެވެ.

އުރުބާނީ ފާހަގަކުރީ ރާއްޖޭގެ ކުޅުންތެރިން ހަމައެކަނި ރާއްޖޭގައި ކުޅެން މަޑުކޮށްގެން ތިބިމުގެ ސަބަބުން ގޭމަށް އަންނަ ބަދަލުތައް ނާންނަ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ކުޅެން ދިޔުމުގެ ވިސްނުން ނުގެންގުޅޭތީ، އެއީ މޯޓިވޭޝަނަކަށްވެސް ވެފައި ނޯންނަ ކަމަށެވެ. އޭގެ އިތުރުން ރާއްޖެއަކީ އެހެން ގައުމުތަކުގައި ދިރިއުޅޭ ކުޅުންތެރިން ނެޗުރަލައިޒް ކުރާ ގައުމެއްވެސް ނޫންކަން އޭނާ ފާހަގަކުރިއެވެ.

އޭގެ އިތުރުން އުުރުބާނީ ބުނީ މިދިޔަ އަހަރުތަކުގައި ރާއްޖޭގެ ވަށައިގެން މިއޮތް ގައުމުތަކުން ކުރިއަރަމުން ދިޔަ އިރު، ރާއްޖެ އޮތީ ވަކި ހިސާބެއްގައި މަޑުޖެހިފައި ކަމަށެވެ. އެހެންކަމުން އިތުބާރު ގެއްލިފައި އޮތް އޮތުން އަލުން އިޔާދަކުރަން ކުރަން ޖެހޭ މަސައްކަތް އޭނާ ފާހަގަކުރިއެވެ.

"ފުޓުބޯޅައިގެ ހިތްގައިމު ކަމަކީ އެއްވެސް ފުރުސަތެއް ނޯންނަ ހާލަތެއް ނޯންނާނެ. އަހަރެން އަބަދުވެސް ބުނަމުން މިދަނީ ކުޅުންތެރިން ލާ އެފޮޓް ދަނޑުމަތިން ފެންނަން ޖެހޭނޭ. ސަޕޯޓަރުންގެ އިތުބާރު ހޯދުން އެއީ އެ ކުރާ މަސައްކަތަކުން ހާސިލް ކުރަން ޖެހޭނެ އެއްޗެކޭ. އިހުތިރާމް ހޯދަން ޖެހޭނީ މަސައްކަތް ކޮށްގެން. އަހަންނަށް އެނގޭ އިހުތިރާމް ހޯދަން ޖެހޭކަން. އަދި ގައުމީ ޓީމަކީ އިހުތިރާމް ލިބިގެން ދާން ޖެހޭނެވެސް ޓީމެއް. އެކަން ކުރަން ނަތީޖާ ނެރެން ޖެހޭނެ،" އުރުބާނީ ބުންޏެވެ.

މީގެ ކުރިންވެސް އުރުބާނީ ރާއްޖޭގައި މަސައްކަތް ކޮށްފައިވާ އިރު، އޭނާ ވަނީ މިފަހަރު އެނބުރި އައިފަހުން 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ޓީމަށް އިރުޝާދު ދީފައެވެ. އެ މުބާރާތުން ރަނގަޅު ކަންތައްތަކެއް ފެނުނުކަމަށް ފާހަގަކޮށް އުރުބާނީ ބުނީ މިހާރު ކުރަން ޖެހޭ މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރެވި، އަލުން އާ ފެށުމަކުން ފަށަން ޖެހިފައިވާ ކަމަށެވެ.