ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން، ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު ވަކި ކުރުމަށްޓަކައި އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގައި ކޮށްފައިވާ ތުހުމަތުތައް ނާޒިމު ދޮގު ކުރައްވައިފިއެވެ.

ނާޒިމު މަޖިލިސް ނާއިބު ރައީސް ކަމުގެ މަގާމުން ވަކިކުރަން އެޖެންޑާކޮށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށަން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް، މަޖިލީހުގެ ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރައްވައި ނެރުއްވި ނޫސް ބަޔާނެއްގައި ވަނީ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށް ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

ނާޒިމު މަޖިލިސް ރައީސްކަމުން ވަކިކުރުމަށް ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމު ވަކިކުރަން ޖެހޭ ސަބަބުތަކުގެ ގޮތުގައި ގިނަ ކަންތައްތަކަކަށް ތުހުމަތުކޮށްފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމު ވަކިކުރުމަށް، ޕީއެންސީގެ 73 މަޖިލިސް މެންބަރުން ސޮއިކޮށް، މަޖިލީހަށް ހުށަހެޅި ގަރާރުގައި ނާޒިމަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމާއި ރައްޔިތުންގެ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދިނުން ހިމެނެއެވެ.

އޭގެ އިތުރުން ނާޒިމް ޒިންމާއިން ބަރީއަވުމާއި ވަކި ފަރާތަކަށް ބުރަވެ، މަސްލަހަތު ގެއްލޭ ގޮތަށް ކަންކަން ތަކުރާރު ކުރަމުން ދިއުމާއި ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައި ވުން ހިމެނެއެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާޒިމް ވަކި އަތަކަށް ޖެހިފައިވާކަން ސާފުވާ ކަމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒްތައް ހިމާޔަތްކޮށްދިނުމުގައި ފުޅާ ދާއިރާއެއްގައި ނާޒިމް އިހުމާލުވެފައިވާ ކަމަށެވެ.

ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމަށް ނާއިބު ރައީސް ހުރަހަކަށް ވެފައިވާ ކަމަށްވެސް އެ ގަރާރުގައި ތުހުމަތުކޮށްފައިވެއެވެ.

މި ތުހުމަތުތައް ދޮގު ކުރައްވައި ނާޒިމު މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައި ވަނީ، އެ ގަރާރުގައި އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް، ނުވަތަ ގަރީނާއެއް ބަޔާންކޮށްފައި ނުވާތީ އާއި މިހާތަނަށްވެސް މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން، ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް ކޮށްފައިވާ، ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާ ގުޅިގެން އެއްވެސް މެންބަރަކު، ނުވަތަ އެހެންވެސް ފަރާތަކުން، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދާ ނާޒިމް ހިލާފު ވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ، އެ ހުރިހާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއްކަން ފާހަގަ ކުރަައްވާ ކަމަށެވެ.

"މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުގެ ވާޖިބު ތަކާއި ޒިންމާތައް އަޅުގަނޑު އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެމަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ، މަގާމުގެ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައެއް ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމު ވިދާޅުވެފައިވަނީ އެއްވެސް މެންބަރެއްގެ ވާޖިބެއް، ނުވަތަ މަސްއޫލިއްޔަތެއް އަދާކުރުމަށް ހުރަސްއަޅުއްވާފައި ނުވާ ހިނދު މެންބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ އެންމެ ފުޅާ މިނެއްގައި ކަންކަން ފަހިކޮށްދީ، މަގު ތަނަވަސްކޮށްދީފައިވާނެ ކަމަށެވެ.

މަޖިލިހުގެ މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލޭނޭ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި މަގާމުގެ ނުފޫޒު ބޭނުންކޮށްފައި ނުވާނެ ކަމަށާއި، މަގާމުގެ ނާޖާއިޒު ފައިދާ ނަގާފައި ނުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކޮށްފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން މެންބަރުންގެ މެދުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ކަމާއި އިސްސާފުވެރިކަމާއި އެކުގަ، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ އެއްވެސް ކަމެއް ގާނޫނާއި ގަވާއިދާ ހިލާފަށް ކޮށްފައި ނުވާހިނދު އަޅުގަނޑު މަސައްކަތްކޮށްފައިވާނީ ގާނޫނާއި ގަވާއިދުގެ އިމުގެ ތެރެއިން ހުރިހާ މެންބަރުބްނަށް ހަމަހަމަ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް،"

ރައްޔިތުނއްގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނާއި މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތައް ވަކި ފަރާތަކަށް ނުޖެހި ގަވާއިދުގައި ކަނޑައަޅާފައިވާ ގޮތުމަތިން، އެންމެހާ މެންބަރުންގެ ހައްގުތަކާއި އިމްތިޔާޒުތަތައް ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާއެކު ރައްކާތެރިކޮށްދީ، ހިމާޔަތްކޮށްދިނުމާއެކު ރާއްޖޭގައި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ރައްޔިތުންގެ މަޖިލިހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތްކޮށްދީފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

"ކަން މިހެން ހުރުމާކުވެސް ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންހެން ސޮއިކޮށް މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އަޅުގަނަޑު ވަކިކުރުމަށް ހުށަހަޅުއްވާފައި ވުމުން އޭގައިވާ ސަބަބުތަކަކީ ތެދު ހަގީގަތް ކަމުގައި ނުވި ނަމަވެސް އިންތިހާބީ މަގާމަކަށް ވޯޓުލި އެންމެންހެން އެ މަގާމުން އެމީހަކު ދުރުކުރުމަށް އެދުމުން އެ ކަަމަށް އިޖާބަދިނުމަކީ ޑިމޮކްރަސީގެ ހަމަތަކުގެމަތިން ތަހުޒީބީ ގޮތެއްކަމުގައި ދެކެން. ވުމާއެކު އަޅުގަނޑާމެދު ކުރައްވާފައިވާ އެންމެހާ ތުހުމަތުތަކަށް އެއްވެސް އިސްތިސްނާއެއްނެތި އިންކާރު ކުރަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން މި ވަގުތުން ފެށިގެން އިްތިއުފާ ދީފިން،" ނާޒިމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ނަމަވެސް ދިވެހި ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި ރައްޔިތުންނަށް އުފާވެރި ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގައި ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި އަބަދުވެސް ދެމި ހުންނަވާނެ ކަމަށްވެސް އެ ނޫސްބަޔާނުގައި ނާޒިމް ވިދާޅުވެފައިވެއެވެ.