ކެޕްޓަން ލިއޮނަލް މެސީ ހިމަނައިގެން އާޖެންޓީނާއިން ކުރިއަށް އޮތް ވޯލްޑް ކަޕްގެ ސްކޮޑު އިއުލާނު ކޮށްފިއެވެ.

އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ކާމިޔާބުކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާއިން 26 ކުޅުންތެރިންގެ ސްކޮޑު އިއުލާނުކުރީ ރޭއެވެ. ސްކޮޑުގައި މެސީ ހިމަނާފައިވާ އިރު، އޭނާ ތައްޔާރުވަމުން ދަނީ ހަވަނަ ވޯލްޑް ކަޕަކަށެވެ.

މިހާތަނަށް އެއްވެސް ކުޅުންތެރިޔަކު ހަ ވޯލްޑް ކަޕުގައި ކުޅެފައެއް ނުވެއެވެ. މިފަހަރު އެ ޝަރަފު ހޯދަން ތައްޔާރުވަމުން ދަނީ މެސީގެ އިތުރު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އާޖެންޓީނާގެ ތަރި މެސީ އެންމެފަހުން އިންޓަ މިއާމީގައި ކުޅުނު މެޗުގައި އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އެ އަނިޔާގެ ތަފްސީލު ކްލަބުން މާ ބޮޑަށް ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ކްލަބުން ބުނީ ބޮޑަށް ބެލެވެނީ އެއީ މަސްގަނޑުގެ ވަރުބަލިކަން ކަމަށެވެ.

މެސީއާ ގުޅޭ ގޮތުން އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ މެސީއަށް މާ ބޮޑު އަނިޔާއެއް ނުވާ ކަމަށާއި، މިހާރު މަސްގަނޑަށް ރެސްޓް ލިބި ފިޓްވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އަދިވެސް އިތުރަށް ކައިރިން ބަލަމުންދާ ކަމަށް ބުނެފައިވެއެވެ.

އާޖެންޓީނާ ވޯލްޑް ކަޕަށް އިއުލާނުކުރި ސްކޮޑުގައި 2022 ވަނަ އަހަރު ވޯލްޑް ކަޕް ހޯދި ޓީމުގައި ހިމެނުނު ކީޕަރު އެމިލިއާނޯ މާޓިނޭޒާއި ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީ، މިޑްފީލްޑަރުން ކަމަށްވާ ރޮޑްރީގޯ ޑި ޕައުލް، އެލެކްސިސް މެކް އަލިސްޓާ، އެންޒޯ ފެނާންޑޭޒް އަދި ފޯވަޑުން ޖޫލިއަން އަލްވަރޭޒާއި ލައުޓާރޯ މާޓިނޭޒްވެސް ހިމަނާފައިވެއެވެ. އެގޮތުން އެފަހަރު ސްކޮޑުގައި ހިމުނުނު 17 ކުޅުންތެރިޔަކަށް ސްކޮޑުން ޖާގަ ދީފައިވެއެވެ.

ކޯޗު ސްކަލޯނީ ވަނީ ޒުވާން ބައެއް ކުޅުންތެރިން ކަމަށްވާ ވެލެންޓީނޯ ބާކޯއާއި ނިކޮލަސް ޕަޒް އަދި ގިއުލިއާނޯ ސިމިއޯނީއަށްވެސް ވޯލްޑް ކަޕް ސްކޮޑުން ފުރުސަތު ދީފައެވެ.

އާޖެންޓީނާ ހިމެނެނީ ވޯލްޑް ކަޕް ގްރޫޕް ޖޭ ގައެވެ. އެޓީމުން ގްރޫޕް ސްޓޭޖުގައި ނުކުންނާނީ އަލްޖީރިއާ، ޖޯޑަން އަދި އޮސްޓްރިއާއާ ދެކޮޅަށެވެ.

އާޖެންޓީނާގެ ފުލް ސްކޮޑު

ގޯލްކީޕަރުން: އެމިލިއާނޯ މާޓިނޭޒް، ޖެރޮނީމޯ ރުލީ، ޖުއާން މޫސޯ

ޑިފެންޑަރުން: ލެއާންޑްރޯ ބަލެރްޑީ، ގޮންޒާލޯ މޮންޓިއާލް، ނިކޮލަސް ޓަގްލިއަފީކޯ، ލިސާންޑްރޯ މާޓިނޭޒް، ކްރިސްޓިއަން ރޮމޭރޯ، ނިކޮލަސް އޮޓަމެންޑީ، ފަކުންޑޯ މެޑީނާ، ނަހުއެލް މޮލީނާ

މިޑްފީލްޑަރުން: ލެއާންޑްރޯ ޕަރަޑޭސް، ރޮޑްރީގޯ ޑި ޕައުލް، ވަލެންޓީން ބާކޯ، ޖިއޮވާނީ ލޮ ސެލްސޯ، އެކްސެގީލް ޕަލާސިއޯސް، އެލެކްސިސް މެކް އަލިސްޓާ، އެންޒޯ ފެނާންޑޭޒް

ފޯވަޑުން: ޖޫލިއަން އަލްވަރޭޒް، ލިއޮނަލް މެސީ، ނިކޮލަސް ގޮންޒާލޭޒް، ތިއާގޯ އަލްމާޑާ، ގިއުލާނޯ ސިމިއޯނޭ، ނިކޮލަސް ޕަޒް، ހޯޖޭ މެނުއަލް ލޮޕޭޒް، ލައުޓާރޯ މަޓިނޭޒް